Roadha Mihaaru
ކުޅި ހިއްކައިގެން އެއާޕޯޓު ހަދާތީ ކަންބޮޑުވެއްޖެ

ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓު ހަދާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި

22 އޮކްޓޯބަރ 2017

ހދ. ކުޅުދުއްފުށީގެ ކުޅި ހިއްކުމަށް ފަހު، އެ ތަނުގައި އެއާޕޯޓު ހަދަން ސަރުކާރުން މަސައްކަތް ކުރަމުންދާތީ އެ ރަށުގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހދ. ކުޅުދުއްފުށީގެ ކުޅި ހިއްކުމަށް ފަހު، އެ ތަނުގައި އެއާޕޯޓު ހަދަން ސަރުކާރުން މަސައްކަތް ކުރަމުންދާތީ އެ ރަށުގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ސަރުކާރުން އިއުލާނުކޮށްފައިވާއިރު، އެ ރަށުގެ ކުޅި ހިއްކައިގެން އެއާޕޯޓު އެޅުމަށް އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) މިހާރު ވަނީ ހަދައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން "މިހާރު"ން ވާހަކަ ދެއްކި ގިނަ މީހުންގެ ކަންބޮޑުވުމަކީ ކުޅުދުއްފުށީގެ ރައްކާތެރިކަމާ ގުޅިފައިވާ ބޮޑު ތަރިކައެއް ނެތިކޮށްލައިގެން އެއާޕޯޓު ހެދުމެވެ.

ކުޅުދުއްފުށީ ކުޅިއަކީ ރާއްޖޭގެ އެންމެ ގިނަ ވައްތަރުގެ ކަނޑޫފާގަސް ހެދިފައިވާ ތަނެވެ. އެތަނުގައި އަށް ބާވަތެއްގެ ކަނޑޫފާގަސް ހުންނައިރު އޭގެ ތެރޭގައި ގިނައީ ދުނިޔެއިން ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ ބާވަތްތަކެވެ.

ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ކުޅުދުއްފުށީގެ ޒުވާނަކު ބުނީ އެ ރަށުގެ ކުޅިއަކީ އެ ރަށުގެ ތިމާވެށީގެ އިތުރުން ތާރީޚާއި ސަގާފަތާ ވެސް ގުޅުން ހުރި ތަނެއް ކަމަށާއި އެހެންވެ، އެ ތަން ނެތިކޮށްލައި އެއާޕޯޓު އެޅުން ވާނީ ރަށަށް ލިބޭ ކުރިއެރުމަކަށް ވުރެ ގެއްލުމަކަށް ކަމަށެވެ.

ރާއްޖޭގެ އުތުރުގައި އޮންނަ އެންމެ ބޮޑު އެ ކުޅީގެ ސަބަބުން ރަށަށް ބޮޑު ހިމާޔަތެއް ލިބޭއިރު އެތަނުގައި އެއާޕޯޓެއް ހެދުމާ ދެކޮޅަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވެސް އަންނަނީ ފާޑުކިޔަމުންނެވެ.

"ރަށަށް ވެހޭ ފެން ޖަމާވެ، އެ މި ހިނދެނީ ވެސް ކުޅީގައި. ގުދުރަތީ ގިނަ އަދި ތަފާތު ސިފަތަކެއް ލިބިފައިވާ އެ ތަން ނައްތާލުމަކީ ތިމާވެށީގެ ގޮތުންނާއި ތާރީހީ ގޮތުން ވެސް ރަށަށް ލިބޭނެ ބޮޑު ގެއްލުމެއް،" އެ ޒުވާނާ ބުންޏެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ އީކޯކެއާއިން ބުނިގޮތުގައި ކުޅުދުއްފުށީ ކުޅިއަކީ ސުނާމީ ފަދަ ގުދުރަތީ ހާދިސާތަކުން ރައްކާތެރިވުމަށް ވެސް ބޮޑު އެހީއެކެވެ. އަދި އެ ރަށަށް ވެހޭފެން ކުޅިއަށް ޖަމާވެ، އެ ހިނދެނީ ވެސް ކުޅިއަށް ކަމުން، އެ ތަން ނައްތާލުމަކީ ރަށުގެ ރައްކާތެރިކަމަށް ވެސް އެޅޭ ހުރަހެއްކަން އެތަނުން ފާހަގަ ކުރި އެވެ.

ކުޅުދުއްފުށީ ކުޅި: މިއީ ގުދުރަތީގޮތުން މުއްސަނދި ތަނެއް-- ފޮޓޯ: މިހާޒް

ކުޅުދުއްފުށީ ކުޅި: މިއީ ގުދުރަތީގޮތުން މުއްސަނދި ތަނެއް-- ފޮޓޯ: މިހާޒް

އެ ޖަމިއްޔާގެ ފަރާތުން ވާހަކަ ދެއްކެވި މައީދު ޒާހިރު ވިދާޅުވީ ކުޅުދުއްފުށީގެ ކުޅި ނައްތާލައި އެއާޕޯޓެއް އެޅުމުގެ ބަދަލުގައި އެތަނުގައި އީކޯ ޓޫރިޒަމް ތައާރަފްކޮށް، އެކަމުން ވެސް އާމްދަނީ ހޯދިދާނެ ކަމަށެވެ. އަދި މިހާރު ވެސް އެއީ އެ ރަށުގެ ގިނަ އަންހެނުން ރޯނު ވިޔުމަށް ބޮނބިފާކޮށް، ގިނަ ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ތަނެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ރަށުގެ ގިނަ ބަޔަކު ފާހަގަ ކުރާ އަނެއް މައްސަލައަކީ ކުޅުދުއްފުށިން ފުރައިގެން ވިއްސަކަށް މިނިޓުން ދެވޭ ހދ. ހަނިމާދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮއްވައި، ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމެވެ. އަދި އެއީ އިގްތިސޯދީ ގޮތުން ވެސް އެ ސަރަހައްދަށް ލިބޭނެ ކުރިއެރުމެއް ކަމަކަށް މީހުން ގަބޫލެއް ނުކުރެ އެވެ.

ކުޅުދުއްފުށިން ވާހަކަ ދެއްކި އެހެން މީހަކު ބުނީ އެއާޕޯޓުގެ ސަބަބުން ރަށުގައި ވަޒީފާތައް އުފެދޭނެ ކަމަށް ސަރުކާރުން ބުނިކަމުގައި ވިޔަސް، ކޮންމެ ދުވަހަކު އެންމެ މަތިންދާބޯޓެއް ޖައްސާ ތަނަކުން ގިނަ ވަޒީފާތަކެއް އުފެދިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"އުތުރުގެ ވިޔަފާރީގެ ހަބެއްގެ ގޮތުގައި މި ރަށް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނާއިރު އަޅުގަނޑުމެން ބަލަން ޖެހޭނެ ކައިރީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ވެސް އޮތްކަން. ކިތައް ފްލައިޓް މިތަނަށް ޖައްސާނެތޯ؟ ކިތައް ވަޒީފާ މިތަނުން އުފެދިދާނެތޯ؟،" ކުޅުދުއްފުށީހެ މީހަކު ބުންޏެވެ.

"ކައިރީގައި އެއާޕޯޓެއް އޮއްވައި، ތާރީހީ ބޮޑު ތަރިކައެއް ހަލާކުކޮށްލާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން،"

ކުޅުދުއްފުށީގައި އެއާޕޯޓު ހެދުމަށް އެންމެ ފުރަތަމަ ނިންމީ އެ ރަށު ފުއްޓަރު ފަރާތުގަ އެވެ. އެކަމަކު އެ ސަރަހައްދުން އެކަށީގެންވާ ވަރަށް ޖާގަ ނުލިބޭ ކަމަށް ބުނެ، ކުޅީ ސަރަހައްދަށް ބަދަލު ކުރީ އެވެ.

ކުޅީ ސަރަހައްދުގައި އެއާޕޯޓެއް ހެދުން ރަނގަޅުތޯ ބެލުމަށް އީޕީއޭއިން އީއައިއޭ ހެދި ނަމަވެސް އޭގެ ނަތީޖާއެއް އަދި ނުލިބެ އެވެ. އެކަމަކު ނަތީޖާ އަދި ނުލިބުނު ނަމަވެސް އެމްޓީސީސީން އަލަށް ގެންނަ ޑްރެޖަރު (މަހާ ޖައްރާފު) އިން އެންމެ ފުރަތަމަ ހިއްކާނީ ކުޅުދުއްފުށީ އެއާޕޯޓު ސަރަހައްދު ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އީއައިއޭ ހުށަހެޅި ނަމަވެސް، އެކަން ފައިނަލް ކުރެވޭނީ އާއްމުންގެ ހިޔާލު ހޯދުމަށް އެއް މަސް ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު އެވެ.

ސަރުކާރަށް މިކަން ނުކުރެވޭނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކާއިރު، ސަރުކާރުން ވަނީ ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އެކަމަކު މިއީ ސިޔާސީ ގޮތުން ރައްޔިތުންނަށް ދޭ ވަރަށް ނުބައި މެސެޖެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

މިކަމާ ގުޅޭގޮތުން ކުޅުދުއްފުށީ ކައުންސިލުން ބުނީ އެއާޕޯޓެއް އަޅަން ބޭނުންވާ ކަމަށާއި އެކަމަކު ކުޅި ހަލާކުކޮށްލައި، އެތަނުގައި އެއާޕޯޓެއް އަޅަން ބޭނުން ނުވާ ކަމަށެވެ.

ކައުންސިލްގެ ރައީސް އަބްދުލްލަތީފް ހަސަން ވިދާޅުވީ އަބަދުވެސް މަޝްވަރާ ކުރަމުން ދިޔައީ ކުޅުދުއްފުށީ ފުއްޓަރު ފަރާތް ހިއްކައިގެން އެއާޕޯޓު އެޅުމަށް ކަމަށާއި އެކަމަކު މިހާތަނަށް އެ މަސައްކަތް ކުރެވިފައި ނުވާ ކަމަށެވެ. އެހެންވެ، މިހާރު ވަކި ތަނެއްގައި އެއާޕޯޓު އަޅަން ސަރުކާރުން ނިންމުމުން، ކައުންސިލަށް އޭގައި ކުރެވޭނެ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްލަތީފް ވަނީ ކުޅި ފަދަ ތަންތަން ހިމާޔަތް ކުރުމަށް ސަރުކާރުގެ އިދާރާތައް އުފައްދާފައިވާއިރު، އެކަމާ ގުޅޭގޮތުން އެ އިދާރާތަކުން ވާހަކަ ނުދައްކާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.