އެތައް ބަޔަކު ނުރުހުމާއި ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެއާޕޯޓް އަޅަން ހދ. ކުޅުދުއްފުށީ ކުޅީގެ 30 ޕަސެންޓް ވަނީ ހިއްކައިފަ އެވެ. ނުހިއްކާ އޮތް 70 ޕަސެންޓަށް ނޭދެވޭ އަސަރުތަކެއް ކޮށް، ނެތި ހިނގައިދާނެ ކަމުގެ ބިރު އުފެދުނެވެ. ކުޅުދުއްފުށީ ކުޅިއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު މަށި ކުޅީގެ އިތުރުން ރާއްޖެ އިން ނެތުމުގެ ބިރު އޮތް ގިނަ ގަސްތަކެއް ވެސް ހިމެނޭ ސަރަހައްދެކެވެ.
17 އެޕްރީލް 2019
އެތައް ބަޔަކު ނުރުހުމާއި ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެއާޕޯޓް އަޅަން ހދ. ކުޅުދުއްފުށީ ކުޅީގެ 30 ޕަސެންޓް ވަނީ ހިއްކައިފަ އެވެ. ނުހިއްކާ އޮތް 70 ޕަސެންޓަށް ނޭދެވޭ އަސަރުތަކެއް ކޮށް، ނެތި ހިނގައިދާނެ ކަމުގެ ބިރު އުފެދުނެވެ. ކުޅުދުއްފުށީ ކުޅިއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު މަށި ކުޅީގެ އިތުރުން ރާއްޖެ އިން ނެތުމުގެ ބިރު އޮތް ގިނަ ގަސްތަކެއް ވެސް ހިމެނޭ ސަރަހައްދެކެވެ.
ކުޅީގެ މިހާރު އޮތް ބައި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން މިވަނީ ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީ ހޯދައިފަ އެވެ. ބޭރުގެ އެ ޓީމު މިދިޔަ ހަފްތާގައި ކުޅުދުއްފުއްޓަށް ގޮސް ތަފާތު ތަހުލީލުތައް ކުރި އެވެ.
ކުޅުދުއްފުށީ ކުޅީގެ ބައެއް ހިއްކައިގެން އެއާޕޯޓް އަޅާފައި
މެންގްރޫވް އެކްޝަން ޕްރޮޖެކްޓާއި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒިވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ ސައިންސްވެރިންގެ ޓީމުގައި ނެޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޯގެ ޕްރޮފެސާ، ޑޭން ފްރައީސް އާއި ޗައިނީސް ޔުނިވާސިޓީ އޮފް ހޮންކޮންގްގެ ޕްރޮފެސާ ޖޮއި ލީ ހިމެނެ އެވެ. އަދި ދުނިޔޭގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށް ކުޅިތަކުގެ ހާލަތު ބަލާފައިވާ ދެ ތަޖުރިބާކާރުން ކަމަށްވާ އަލްފްރެޑޯ ކުއާޓޯ އާއި ޖިމް އެންރައިޓް ވެސް ވަޑައިގަތެވެ. ރާއްޖޭގެ ފަރާތުން އެކަމުގައި އިސްކޮށް އުޅުނީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ "ސޭވް މޯލްޑިވްސް"ގެ ވޮލަންޓިޔަރުންނާއި އެންވަޔަރްމަންޓް މިނިސްޓްރީގެ ޓީމެކެވެ.
ކުޅުދުއްފުށީ ކުޅީގެ ތަހުލީލުތައް ކުރި ޓީމުން ތަން ބަލަނީ -- ފޮޓޯ: ސޭވް މޯލްޑިވްސް
އެ ޓީމުން ވަނީ ކުޅުދުއްފުށީ ކުޅީގެ އަޑިން ވެލީގެ ސާމްޕަލްތައް ނަގައިފަ އެވެ. އަދި ކުޅީގެ އެކި ސަރަހައްދުތަކުން ފެން ނަގައިގެން އެ ފެން ވެސް ޓެސްޓް ކުރި އެވެ. ކުޅީގެ އެކި ހިސާބުތަކަށް އެރި ތަނުގެ ހާލަތު ވެސް ބަލާފައިވެ އެވެ.
ސައިންޓިސްޓުންގެ ޓީމުގެ ނިންމުންތަކާ ހަވާލާދީ ސޭވް މޯލްޑިވްސްގެ ވޮލަންޓިއަރު ހުމޭޒާ އަބްދުލް ގަފޫރު (ހުމޭ) ވިދާޅުވި ގޮތުގައި ކުޅީގެ ގަސްތަކުގެ ހާލަތު މިހާރު ވެސް ވަރަށް ރަނގަޅެވެ. އެ ގަސްތަކުގެ ދިރުން ހުރިވަރާއި އޭގެ ސިއްހަތު ރަނގަޅު ކަމަށް ދިރާސާއިން ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގަސްތަކުގެ ހާލަތު ރަނގަޅު ނަމަވެސް ކުޅީގެ ފެންގަނޑުގައި ގިނަ މައްސަލަތަކެއް ހުރިކަން ޓީމަށް ވަނީ ފާހަގަކުރެވިފަ އެވެ. ހުމޭ ވިދާޅުވި ގޮތުގައި މޫދުގެ ލޮނުގަނޑަށް ވުރެ އެ ކުޅީގެ ފެނުގެ ލޮނުކަން ދެ ގުނަ މައްޗެވެ. އޭގެ ސަބަބުން އެ ފެންގަނޑުގައި އުޅޭ ދިރޭ ތަކެތީގެ ދިރުންތަކަށް އަސަރު ކުރެ އެވެ.
"އެހެން އެވަނީ ފެންގަނޑު ބެދިފައި އޮންނާތީ. އެ ފެންގަނޑު ދައުރު ކުރާނެ ގޮތެއް ނެތް،" ތަފާތު ދިރާސާތަކުގައި މީގެ ކުރިން ވެސް ބައިވެރިވެފައިވާ ހުމޭ ވިދާޅުވި އެވެ.
ކުޅުދުއްފުށީ މަށި ކުޅި: ގުދުރަތީ ވަރަށް ބޮޑު ހިމާޔަތެއް -- ފޮޓޯ: ސޭވް މޯލްޑިވްސް
ވަރަށް ފަހުން ވަނީ ކުޅުދުއްފުށީ ކުޅިން ގިނަ އަދަދެއްގެ މަސް މަރުވެފަ އެވެ. އެކަން ދިމާވި ސަބަބެއް ކަމަށް ދިރާސާތަކުގެ އަލީގައި ހުމޭ ވިދާޅުވީ ލޮނުގެ މިންވަރު މައްޗަށް ދިއުމާއި ތަން ތިލަވުމެވެ.
"އެއާޕޯޓް އެޅުމަށް ހިއްކިއިރު ނުހިއްކަން އޮތް ސަރަހައްދަށް ވެސް ވެލި އެޅި އެ ސަރަހައްދު ތިލަވެފައިވަނީ. އަނެއްކާ ކުޅި އެބަ ހިކޭ. ފެންގަނޑު އެހާ ހޫނު. އެހެންވެ ކަމަށް ޓީމުން އެބަ ބުނޭ މަސްތައް މަރުވަނީ،" ހުމޭ ވިދާޅުވި އެވެ.
އެ ދިރާސާއާ ގުޅޭ ހާއްސަ ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ތަޖުރިބާކާރުން އަންނަނީ ކުރަމުންނެވެ. ތަފުސީލީ މައުލޫމާތު ލިބޭނީ އޭގެ ފަހުންނެވެ.
އެ ޓީމުން ވަނީ ތިމާވެއްޓާ ބެހޭ ވަޒީރު، ޑރ. ހުސައިން ރަޝީދާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާ އާދިއްތަ ދުވަހު ބައްދަލުކޮށް އެ ޓީމަށް ފާހަގަކުރެވުނު ބައެއް ކަންކަން ހިއްސާކޮށްފަ އެވެ.
ކުޅުދުއްފުށީ ކުޅި ދިރާސާކުރަން އައި ޓީމުން މިނިސްޓަރު ޑރ. ހުސައިން ރަޝީދާ ބައްދަލުކުރަނީ -- ފޮޓޯ: ސޭވް މޯލްޑިވްސް
އޭގެ ތެރޭގައި ކުޅީގެ ގަސްގަހާގެހީގެ ހާލަތު ރަނގަޅު ކަމުން އެ ތަން ހިމާޔަތް ކުރުން މުހިންމު ކަން ފާހަގަކުރި އެވެ. އެއާޕޯޓް ޕްރޮޖެކްޓާ އެކު ވެސް އެކަން ކުރެވޭނެ ކަމަށާއި މިހާރު ދެން ކުރަންވީ ކަމަކީ ކުޅީގެ ނުހިއްކާ އޮތް ސަރަހައްދު ހިމާޔަތް ކުރުން ކަމަށް ޓީމުން ހުށައެޅި އެވެ. އެއީ ކުޅުދުއްފުށީގެ ތިމާވެއްޓަށް އެ ކުޅީގެ މުހިންމުކަމުންނެވެ.
މީގެ ކުރިން ހަދާފައިވާ އެކި ދިރާސާތަކުން ވެސް އެނގޭ ގޮތުގައި އެއީ ކުޅުދުއްފުށީގެ ރައްކާތެރިކަމަށް ވަރަށް ހާއްސަ ތަނެކެވެ. ރަށުގައި ފެންބޮޑުވުމުގެ މައްސަލައަށް އެ ކުޅީގެ ސަބަބުން ބޮޑު ހައްލެއް ލިބެ އެވެ. ހަމައެއާ އެކު އެއީ ރާއްޖޭގެ އިތުރުން އެންމެ ބޮޑު އާބާދީއެއް އޮތް ރަށުގެ ފެން ފަށަލަ އާލާކުރުމަށް ވެސް މުހިންމު ނިޒާމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ކުޅީގެ ފެންގަނޑަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މޫދާ ގުޅާލަން ސައިންސްވެރިންގެ ޓީމުން ލަފާ ދެ އެވެ. އަދި ކުޅީގެ ބައެއް ފުން ކުރުމަށް ވެސް ވަނީ އެދެ އެވެ. ނަމަވެސް އެކަންކަން ކުރަން ވީ ގޮތުގެ ތަފްސީލު އެނގޭނީ އެ ޓީމުން ތައްޔާރު ކުރާ ރިޕޯޓުންނެވެ.
ކުޅުދުއްފުށީ ކުޅީގެ ފެންގަނޑު: ސައިންސްވެރިންގެ ޓީމުން ވަނީ ހާލަތު ބަލާފައި -- ފޮޓޯ: ސޭވް މޯލްޑިވްސް
ޓީމުގެ ހޯދުންތަކާ ގުޅޭ ގޮތުން އެންވަޔަރްމެންޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވިސްނުމަކީ އެރަށުގެ ރައްޔިތުންނާއި ތަޖުރިބާކާރުންނާ ގުޅިގެން އެ މަސައްކަތް ކުރުން ކަމަށެވެ. އެކަމައިގެން ކުރިއަށް ދާނެ ގޮތް ނިންމާނީ އެ ޓީމުން ހުށަހަޅާ ރިޕޯޓާ މެދު މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބޮޑު މަށި ކުޅި ހިމާޔަތް ކުރުމަކީ އެތައް ބައެއްގެ އެދުމެކެވެ. ކުޅުދުއްފުއްޓަށް ދުވަހަކު ނުދާ މީހުންނަށް ވެސް ތިމާވެށީގެ އެ ހިމާޔަތް ހަލާކުވުމަކީ ކަންބޮޑުވުމެކެވެ. އެހެންކަމުން ރާއްޖޭގެ ތިމާވެއްޓަކައި ކުޅުދުއްފުށީ މަށި ކުޅި ރީތިކޮށް އަދި ދިރުންތަކާ އެކު ބޭއްވުމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު އުއްމީދެކެވެ.
ކަނޑޫފާތައް ބަލިކަށިކޮށްލާ ފަންގަސްއެއް ފެނިއްޖެ
ރާއްޖޭގެ ހަމައެކަނި ޖަންގަލި މަރުވެ ނެތިދަނީ!
ޅ. އަތޮޅުން ފަސް ސަރަހައްދެއް ހިމާޔަތްކޮށްފި
މެންގްރޫވްގެ ނާދިރު ބާވަތެއްގެ ރާއްޖޭން ފެނިއްޖެ
ހަކަތަ މަޝްރޫއުގެ ބީލަމުގެ މުއްދަތު އިތުރުކޮށްފި
ކުޅުދުއްފުށީ ކުޅި ހިމާޔަތް ކުރަން ބޭރުގެ ޓީމެއް!
ކުޅުދުއްފުށި އެއާޕޯޓު މައްސަލަ ނުބެލޭނެކަމަށް ނިންމައިފި
އެއާޕޯޓު އަޅާ ސަރަހައްދުގެ ގެތައް ހުސްކުރަން އަންގައިފި
އެއާޕޯޓް އަޅަން 12 ގެއެއް ހުސްކުރަން އެއްބަސްވެއްޖެ
ކުޅުދުއްފުށީ ކުޅިއާ ގުޅޭ ކަންބޮޑުވުންތައް ރައީސަށް