Roadha Mihaaru
ކުޅުދުއްފުށީ ކުޅި އަންނަ ހަފުތާގައި ހިއްކަން ފަށަނީ

ކުޅުދުއްފުށީ ކުޅި އަންނަ ހަފުތާގައި ހިއްކަން ފަށަނީ

26 އޮކްޓޯބަރ 2017

ހދ. ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށްޓަކައި، މި ރަށުގެ ކުޅި ހިއްކުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހދ. ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށްޓަކައި، މި ރަށުގެ ކުޅި ހިއްކުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

ކުޅުދުއްފުށީގެ އެހެން ދިމާތައް ހިއްކައިގެން އެއާޕޯޓް ހެދެން އޮތް ނަމަވެސް، ކުޅި ހިއްކައިގެން އެކަން ކުރާތީ އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ހިއްކަން ގެންނަން ޖެހޭ ހުރިހާ ސާމާނަކާއި އެކަމަށް ބޭނުންކުރާ އެމްޓީސީސީގެ ކޮންނަ ބޯޓު މަހާޖައްރާފު ކުޅުދުއްފުއްޓަށް އައިސް ހުރިހާ ތައްޔާރީއެއް ވަނީ ނިމިފަ އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތު "މިހާރު" އަށް ވިދާޅުވީ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ތައްޔާރުކުރާ އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓް ލިބިފައިވާ ކަމަށާއި އެ ރިޕޯޓް ބުނާގޮތުން ޕްލޭނާ އެއްގޮތަށް ކުޅި ހިއްކުމުގައި މައްސަލައެއް ނެތް ކަމަށެވެ.

"މި ފެށޭ ހަފްތާގައި ހިއްކަން ފެށޭނެ. ކުޅި ހިއްކަން މާ ގިނަ ދުވަހެއް ވެސް ނުނަގާނެ،" ޒިޔަތު ވިދާޅުވި އެވެ.

ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ކުޅުދުއްފުށީ ކުޅީގައި 12 ވަރަކަށް ހެކްޓަރު ހުންނައިރު ޒިޔަތު ވިދާޅުވީ އޭގެ ތެރެއިން ހިއްކުމަށް ނިންމާފައި ވަނީ ނުވަ ހެކްޓަރު ކަމަށެވެ. ބާކީ ހަ ހެކްޓަރު ހިއްކާނީ މޫދުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަމިއްލަ މީހަކާ ހަވާލުކޮށްގެން ހެދި އީއައިއޭ އިން ދައްކާގޮތުން ކުޅި ހިއްކައިފި ނަމަ މި ރަށުގައި ފެންބޮޑުވުން ފަދަ ބޮޑެތި ތިމާވެށީގެ މައްސަލަތައް ދިމާވާނެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ މައްސަލަތައް ބޮޑުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ކުޅުދުއްފުށީ މަށިކުޅި އަކީ ރާއްޖޭގެ އުތުރުގައި އޮންނަ މިފަދަ އެންމެ ބޮޑު އަދި ދިރުންތައް އެންމެ ގިނަ ކުޅި އެވެ. އެ ތަނުގައި ތަފާތު އަށް ބާވަތެއްގެ ޓްރޫ މެންގްރޫވް (ކަނޑޫފަލުގައި ހެދޭ ގަސް) ހުންނައިރު، މިއީ ރާއްޖޭން ވަރަށް ނުފެންނަ ބާވަތްތަކެވެ. އޭގެ އިތުރުން އަހަރުގެ އެކި ދުވަސްވަރު އެ ކުޅިއަށް އެކި ވައްތަރުގެ ދޫނި ވެސް ހިޖުރަކުރެ އެވެ. ކުޅުދުއްފުށީ ކުޅިއަކީ ޔޫއެންޑީޕީންނާއި އީޕީއޭއިން "ސެންސިޓިވް އޭރިއާ"އެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެކެވެ.

ކުޅުދުއްފުށީގެ ކުޅި ހިއްކާ ޑްރެޖަރަަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ، 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ ޑްރެޖަރެކެވެ. އަދި އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.