Roadha Mihaaru
ގަތަރު މައްސަލަ ހައްލުކުރަން ސައުދީން ނޫޅޭ: ޓިލަސަން

ގަތަރު މައްސަލަ ހައްލުކުރަން ސައުދީން ނޫޅޭ: ޓިލަސަން

23 އޮކްޓޯބަރ 2017

ދޯހާ (އޮކްޓޯބަރު 23) - ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމުން ގަލްފުގައި އުފެދުނު މައްސަލަ ހައްލު ކުރަން ސައުދީ އަރަބިއާ އިން ނޫޅޭ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދޯހާ (އޮކްޓޯބަރު 23) - ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމުން ގަލްފުގައި އުފެދުނު މައްސަލަ ހައްލު ކުރަން ސައުދީ އަރަބިއާ އިން ނޫޅޭ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވެއްޖެ އެވެ.

ގަތަރަށް ވަޑައިގެން އެ ގައުމުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާންއާ އެކު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓިލަސަން ވިދާޅުވީ މައްސަލަ ހައްލު ކުރަން މަޝްވަރާ އަށް ސައުދީން އިސްނަގާނެހެން ހީނުވާ ކަމަށެވެ. ޓިލަސަން ގަތަރަށް ވަޑައިގެންނެވީ ސައުދީ އަށް ވަޑައިގަތުމަށް ފަހު އެވެ.

"ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ އެކު ބޭއްވި ބައްދަލުވުމުގައި އަޅުގަނޑު ދެންނެވިން މަޝްވަރާތަކުގައި ސައުދީން ބައިވެރިވުމަށް. އެކަމަކު ސައުދީން މަޝްވަރާ އަށް ތައްޔާރުކަމުގެ ނިޝާނެއް ނުލިބޭ،" ޓިލަސަން ވިދާޅުވި އެވެ. "މަޝްވަރާ އަށް ތައްޔާރު ނޫން ބަޔަކާ އެކު މަޝްވަރާއެއް ނުކުރެވޭނެ."

ގަލްފުގެ ގައުމުތައް ކަމަށްވާ ސައުދީ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، މިސްރު އަދި ބަހުރޭނުން ގަތަރާ ސިޔާސީ ގުޅުން ޖޫން 5 ވަނަ ދުވަހު ކަނޑާލީ އެ ގައުމުން ޓެރަރިޒަމަށް ހިތްވަރު ދޭ ކަމަށް ބުނެ އެވެ. އޭގެ ފަހުން ވަނީ ގަތަރާ ވިޔަފާރީގެ ގުޅުން ކަނޑާލައިފަ އެވެ.

ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީއާ ބައްދަލު ކުރައްވާފައިވާ ޓިލަސަން ވަނީ މި މައްސަލައިގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުމަށް އަސަރުކޮށްފާނެތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ގަތަރުގެ ޚާރިޖީ ވަޒީރު ވިދާޅުވީ މަޝްވަރާ އަށް ދޯހާ ތައްޔާރަށް އޮތް ކަމަށެވެ.