Roadha Mihaaru
ލޮޓަސްއިން ފިޔަވައްޗަށް ދެ ލައްކައަށްވުރެ ގިނަ ރުފިޔާ!

ލޮޓަސް ފިހާރައިން ފިޔަވައްޗަށް ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

25 އޮކްޓޯބަރ 2017

ޖެންޑާ މިނިސްޓްރީން ހުޅުމާލޭގައި ހިންގާ ކުޑަކުދިންގެ މަރުކަޒު ކަމަށްވާ "ފިޔަވަތި"އަށް 263،952ރ. ހަދިޔާކޮށްފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ޖެންޑާ މިނިސްޓްރީން ހުޅުމާލޭގައި ހިންގާ ކުޑަކުދިންގެ މަރުކަޒު ކަމަށްވާ "ފިޔަވަތި"އަށް 263،952ރ. ހަދިޔާކޮށްފި އެވެ.

އެ އެހީއަކީ އެ ފިހާރައިން މެލޭޝިޔާގެ ލެމް ސޫންއާ ގުޅިގެން ކުރިއަށް ގެންދިޔަ އެންޓަބެކްސް ކެމްޕޭނުގެ ދަށުން ދިން އެހީއެކެވެ. އެ އެހީ ދިނީ، މިދިޔަ މެއި 15 އިން އޮގަސްޓް 15 ވަަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ކެމްޕޭންގެ ތެރެއިން ވިކިފައިވާ ކޮންމެ އެންޓަބެކްސް ޝަވާ ޖެލް ފުޅިއަކުން ދެ ރުފިޔާގެ ރޭޓުންނެވެ.

އެ އެހީ ހަވާލު ކުރީ ޗަންޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި، ލޮޓަސް ފިހާރައިގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޒައިނުލް އާރިފް ވިދާޅުވީ އެ އެހީއާ އެކު ފިޔަވަތީގެ "އާލީ ލާނިން ސެންޓަރު" ކުރިއަރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ލޮޓަސް ފިހާރައިގެ އެމްޑީ އިބްރާހިމް ޒައިނުލް އާރިފް (ކ) އަދި ޖެންޑާގެ ސްޓޭޓް މިނިސްޓާ ޑރ. މަރިޔަމް ޖަބީން.-- ފޮޓޯ: މިހާރު/ނިޝާން އަލީ

ލޮޓަސް ފިހާރައިގެ އެމްޑީ އިބްރާހިމް ޒައިނުލް އާރިފް (ކ) އަދި ޖެންޑާގެ ސްޓޭޓް މިނިސްޓާ ޑރ. މަރިޔަމް ޖަބީން.-- ފޮޓޯ: މިހާރު/ނިޝާން އަލީ

ލޮޓަސްގެ އެހީއާ ފިޔަވަތީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު ޑރ. މަރިޔަމް ޖަބީން އެވެ.

އެ ރަސްމިއްޔާތުގައި ޖަބީން ވިދާޅުވީ އެފަދަ އެހީތައް އެތަނަށް ވަރަށް މުހިންމު ކަމަށެވެ. އަދި އެކަހަލަ އެހީތަކާ އެކު ފިޔަވަތި އިތުރަށް ތަރައްގީވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފިޔަވައްޗަށް ނުވަތަ ވިލިނގިލީގެ ކުޑަކުދިންގެ ހިޔާއަށް ލަނީ ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ ކުދިން. ނުވަތަ އަޅާލާނެ ބައެއް ނެތް ކުދިން. މިފަދަަ އެހީތަކުން އަޅުގަނޑުމެން އެ ކުދިންނަށް ދެމުން އަންނަ ހިދުމަތްތައް އިތުރަށް ރަނގަޅުކޮށް ފުޅާ ކުރަން ވަރަށް ބޮޑު ބާރަކަށްވޭ،" ޖަބީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭގެ ފިޔަވަހީގައި 12 އަހަރުން ދަށުގެ 94 ކުދިން އެބަތިބި ކަމަށެވެ. އަދި ވިލިނގިލީ ކުޑަކުދިންގެ ހިޔާގައި 13-18 އަހަރާ ދެމެދުގެ 60 ކުދިން އެބަތިބި ކަމަށް ވެސް ޖަބީން ވިދާޅުވި އެވެ.