Roadha Mihaaru
ކުޑަކުދިންގެ ކާނާގައި ކެމިކަލް ގިނަ

ކުޑަކުދިންގެ ކާނާގައި ކެމިކަލް ގިނަ

29 އޮކްޓޯބަރ 2017

ކުޑަކުދިންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ވަރަށް ގިނަ ބާވަތްތަކުގެ ކާނާގައި ނުރައްކާތެރި ކެމިކަލްތައް ހުންނަ ކަމަށް ފަހުގެ ހޯދުމަކުން ހާމަވެއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ކުޑަކުދިންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ވަރަށް ގިނަ ބާވަތްތަކުގެ ކާނާގައި ނުރައްކާތެރި ކެމިކަލްތައް ހުންނަ ކަމަށް ފަހުގެ ހޯދުމަކުން ހާމަވެއްޖެ އެވެ.

އިންޑިޕެންޑެންޓްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނީ ކޮންސިއުމާ ޓްރާންސްޕޭރަންސީ އަށް ވަކާލާތުކުރާ "ދަ ކްލީން ލޭބަލް ޕްރޮޖެކްޓް" ކިޔާ ޖަމިއްޔާއަކުން ކުރި ޓެސްޓުތަކުގެ ނަތީޖާއިން، ކުޑަކުދިންގެ ކާނާގެ އުފެއްދުންތަކުގައި ލެޑް، ކެޑްމިއަމް އަދި އެކްރިލަމައިޑް ހުންނަކަން ވަނީ އެނގިފަ އެވެ.

މިފަަހަރުގެ ހޯދުމުގައި ރިސާޗަރުން ވަނީ ކުޑަކުދިންނަށް ޚާއްސަކޮށް އުފައްދާފައިވާ 530 ވައްތަރެއްގެ ލުއިކާނާ، ސީރިއަލްސް، ފޯމިއުލާސް އަދި ބުއިންތައް ޓެސްޓްކޮށްފަ އެވެ. މި ތަކެއްޗަކީ މި ޓެސްޓް ހެދުމަށްޓަކައި، މީގެ ފަސް ވަރަކަށް މަސް ދުވަސް ކުރިން ފެށިގެން ގަނެފައި ހުރި ތަކެއްޗެވެ.

ރިސާޗަރުންނަށް ހޯދުނު ގޮތުގައި ޓެސްޓްކުރި، ތުއްތު ކުދިންނަށް ކާން ދޭން އުފައްދާފައިވާ ކާނާގެ ތެރެއިން 65 ޕަސެންޓް ތަކެތީގައި އާސެނިކް ހުއްޓެވެ. އަދި 58 ޕަސެންޓް ޕްރޮޑަކްޓްގައި ކެޑްމިއަމް ހުރިއިރު 36 ޕަސެންޓް ތަކެތީގައި ލެޑް ހުއްޓެވެ. އަދި 10 ޕަސެންޓް ތަކެތީގައި އެކްރިލަމައިޑް ހުއްޓެވެ.

އިންފަންޓް ފޯމިއުލާ ސާމްޕަލްތަކުގެ ތެރެއިން 80 ޕަސެންޓް ސާމްޕަލްގައި އާސެނިކް ހުއްޓެވެ. އާސެނިކަކީ ވިހަ މާއްދާ އެކެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނާ ގޮތުގައި އާސެނިކް އެކުލެވޭ ތަކެތި ބޭނުންކުރުމުން ހިތާއި ސިކުނޑިއާ ގުޅިފައިވާ ނާރުތަކުގެ ނިޒާމުގެ ބަލިތަކާއި ހަކުރުބަލި އަދި ކެންސަރު ޖެހިދާނެ އެވެ.

ޓެސްޓްކުރި ކާނާގެ ގިނަ ބާވަތްތަކަކީ ކްރިސްޕްސް އާއި ޕަފްސް ކަހަލަ ހަނޑުލުން އުފައްދާފައި ހުރި ތަކެއްޗެވެ. މި ހޯދުމުގައި ބުނެފައިވާ ގޮތުން، ތުއްތު ކުދިންނަށް ދޭ ތައްޔާރީ ކާނާގައި އެކްރިލަމައިޑް ހުރި މިންވަރު ފްރެންޗް ފްރައިގައި އެވްރެޖްކޮށް ހުންނަ މިންވަރަށް ވުރެ ވެސް 70 ޕަސެންޓް އިތުރެވެ. އެކްރިލަމައިޑް އަކީ ސިކުނޑިއަށް ގެއްލުން ލިބުމާއި ދަރިމައިވުމުގައި ގޮންޖެހުންތައް ދިމާވާން މެދުވެރިވާ ކެމިކަލެކެވެ.

މި ދިރާސާ ކުރި ފަރާތަށް އިތުރަށް ހޯދިފައިވާ ގޮތުގައި ބިސްފެނޯލް އޭ (ބީޕީއޭ) ފްރީ ކަމަށް ލޭބަލްކޮށްފައިވާ އުފެއްދުންތަކުގެ ތެރެއިން 70 ޕަސެންޓް އުފެއްދުންތައް ބީޕީއޭ އަށް ޕޮޒިޓިވް ވެފައިވެ އެވެ. ބިސްފެނޯލް އަކީ ޕްލާސްޓިކުން އެއްޗެހި އުފެއްދުމަށް ބޭނުންކުރާ އިންޑަސްޓްރިއަލް ކެމިކަލެކެވެ.