Roadha Mihaaru
"ނިއު އާއި މާޒިޔާ އަތުން ލިބޭ ޕޮއިންޓަކީ ބޯނަހެއް"

ނިއު އާއި މާޒިޔާ އަތުން ލިބޭ ޕޮއިންޓަކީ ބޯނަހެއް: ސުޒޭން

30 އޮކްޓޯބަރ 2017

ނިއު ރޭޑިއަންޓާއި މާޒިޔާ ފަދަ ޓީމުތަކުގެ އަތުން ލިބޭ ކޮންމެ ޕޮއިންޓަކީ ބޯނަހެއް ކަމަށާއި އެހެންވެ އެ ޓީމުތަކާ ދެކޮޅަށް ނުކުންނައިރު އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ގދ. ތިނަދޫ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ނިއު ރޭޑިއަންޓާއި މާޒިޔާ ފަދަ ޓީމުތަކުގެ އަތުން ލިބޭ ކޮންމެ ޕޮއިންޓަކީ ބޯނަހެއް ކަމަށާއި އެހެންވެ އެ ޓީމުތަކާ ދެކޮޅަށް ނުކުންނައިރު އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ގދ. ތިނަދޫ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މިރޭ ނިއުއާ ދެކޮޅަށް ތިނަދޫ ނުކުންނައިރު މިއީ ގަދަ ހަތަރަކަށް އަރަން އެ ޓީމަށް މޮޅުވުމުން މުހިއްމު މެޗެކެވެ. އެކަމަކު ސުޒޭން ބުނީ ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުވާނީ ގްރީންސްޓްރީސްއާ ދެކޮޅަށް ކުޅޭ މެޗުން ކަމަށާއި އެހެންވެ މިރޭ އެކަމުގެ ޕްރެޝަރެއް ނޯންނާނެ ކަމާށެވެ. ހަތަރު ވަނައިގައި 13 ޕޮއިންޓާ އެކު މި ވަގުތު ގްރީން އޮތްއިރު ތިނަދޫ އޮތީ 12 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

"ތިނަދޫ އާއި ނިއު ނުވަތަ ތިނަދޫ އާއި މާޒިޔާ ކުޅޭ މެޗަކީ ތިނަދޫ ޕްރެޝަރަށް ދާން ޖެހޭ މެޗެއް ނޫން. ގްރީންސްޓްރީޓްސް އާއި މާޅޮސް އަތުން ޕޮއިންޓް ނަގައިފިއްޔާ ތިނަދޫ އަށް ޓޮޕް ފޯ އަށް ދެވޭނެ،" ސުޒޭން ބުންޏެވެ.

އެކަމަކު ސުޒޭން ބުނީ ނިއު އިން މިހާރު ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު އެ ޓީމު ދެކޮޅަށް ނުކުންނައިރު ތިނަދޫ އިން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށެވެ.

"(މާޅޮސް އަތުން 7-1 އިން މޮޅުވި މެޗަކީ) ނިއު މި ސީޒަނުގައި އެންމެ ތަފާތު އެއް މެޗު. އިންޑިވިޖުއަލް މޮޅު ކުޅުންތެރިން އެންމެ މަތީ ފަންތީގައި ކުޅުނު އެ މެޗުގައި. ނިއު ކުޅޭލެއް އެހެން ޓީމުތަކާ ބަލާއިރު މާބޮޑަށް ވެސް ތަފާތު. ނިއުގައި ހުރީ ވެސް ވަރަށް ތަޖުރިބާކާރު ކީޕަރެއް. އޭނާއާ އެކު ނިއުގެ ޑިފެންސަށް ކުޅެލަން ވަރަށް ފަސޭހަވާނެ. އެހެންވީމާ ތިނަދޫ އަށް ލިބޭ ފުރުސަތުތައް ކޮންމެ ގޮތެއް ވިޔަސް މަދުވާނެ. އެކަމަކު ފުރުސަތުތައް ހޯދޭނެ. އޭގެ ބޭނުން ހިފުން ފުރަތަމަ ކަމަކީ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ދެ ވަނަ ކަމަކަށް މިރޭގެ މެޗުގައި ތިނަދޫގެ ޑިފެންސުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށާއި ތިނަދޫ ނަސީބު ވެސް ކޮންމެވެސް ވަރަކަށް އެހީވެއްޖެއްޔާ ރަނގަޅު ނަތީޖައަކަށް އޭނާގެ ޓީމަށް އުއްމީދުކުރެވިދާނެ ކަމަށެވެ.

ނިއުއާ ވާދަވެރި ވިކްޓަރީ އަށް ކުރިން ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ސުޒޭން ބުނީ ނިއުއާ ދެކޮޅަށް ނުކުންނައިރު އަބަދުވެސް އޭނާގެ އަމިއްލަ ޗެލެންޖެއް ވެސް އޮންނާނެ ކަމަށާއި އެގޮތުން ލީގުގެ ފޯރިގަދަކުރުމަށްޓަކައި ނިއު ހުއްޓުވޭތޯ މަސައްކަތްކުރާނެ ކަމަށެވެ.

"ދެން ތިބި ޓީމުތަކަށް ހިތްވަރަކަށް ވާނެ ތިނަދޫ އާއި މާޅޮސް ފަދަ ޓީމުތަކުން ނިއުއާ ދެކޮޅަށް ނެރޭ ނަތީޖާ. މިހާރު ފެންނަ ފެނުމަށް ބަލާއިރު ލީގު ވަރަށް އެއް ފަރާތަކަށް ގޮސްފައި އޮތީ. ނިއު މި ފެންނަނީ ވަރަށް ތަފާތު ބޮޑުކޮށް. އެހެންވެ ލީގު ފޯރިގަދަވެސް ވާނެ (ނިއު ބަލިވެއްޖެއްޔާ)،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ ނިއު އަތުން ޕޮއިޓެއް ނުވަތަ ތިން ޕޮއިންޓް ހޯދަން ނުކުންނާނެ ކަމަށް ބުނަން އޭނާ ޖެހިލުންނުވާ ކަމަށާއި އެކަމަކު އެ ވާހަކަތައް މެޗުގެ ކުރިން ދެއްކުމުގެ ބަދަލުގައި ބޭނުންވަނީ މެޗު ދާގޮތެއް ބަލައި ހާސިލްކުރެވޭނެ އެންމެ ބޮޑު ކާމިޔާބެއް ހޯދުން ކަމަށެވެ.