އެޑްރިއަން ގަލާޑޯގެ ލަނޑާ އެކު ގދ. ތިނަދޫ އަތުން 2-1 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ އެއް ވަނަ މަގާމް ނިއު ރޭޑިއަންޓް ހޯދައިފި އެވެ.
22 ސެޕްޓެމްބަރ 2017
އެޑްރިއަން ގަލާޑޯގެ ލަނޑާ އެކު ގދ. ތިނަދޫ އަތުން 2-1 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ އެއް ވަނަ މަގާމް ނިއު ރޭޑިއަންޓް ހޯދައިފި އެވެ.
ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެ ނިއު 18 ޕޮއިންޓާ އެކު އެއް ވަނަ ކަށަވަރުކުރިއިރު ދެ ވަނައިގައި 13 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ މާޒިޔާ އެވެ. މާދަމާ ހަވީރު އއ. މާޅޮސް އަތުން މޮޅުވެގެން ނިއުއާ ދެ ޕޮއިންޓަށް ގާތްކުރުމުގެ ފުރުސަތު މާޒިޔާ އަށް އެބައޮތެވެ. ތިނަދޫ އޮތީ 10 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.
މިއަދުގެ މެޗު ފަށައިގެން ނިއުގެ ކޮންޓްރޯލުގެ ދަށުގައި މެޗު އޮތްއިރު އެ ޓީމުން ވަނީ 14 ވަނަ މިނެޓުގައި ސްޕެއިން މިޑްފީލްޑަރު ކަންޑޭލާގެ ލަނޑުން ލީޑު ނަގައިފަ އެވެ. އަރިމަތިން އަހުމަދު އަބްދުﷲ (ލިލީ) ނަގައިދިން ހުރަސް ހަމްޒާ މުހައްމަދު (ހަމްޕު) ޖެހުމުން ތިނަދޫ ކުޅުންތެރިއެއްގެ ފައިގައި ޖެހި ބްލޮކްވެގެން ލިބުނީ އޭރިއާ ބޭރުގައި ހުރި ކަންޑޭލާ އަށެވެ. އޭނާ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
ނިއުގެ ގޯލަށް ފަހު ތިނަދޫ އިން ކުރިއަށް ޖެހުނުއިރު އެ ޓީމުން މެދުތެރޭގެ ކޮންޓްރޯލް ވެސް ކޮންމެވެސް ވަރަކަށް ހޯދި އެވެ. އެގޮތުން 36 ވަނަ މިނެޓުގައި އެ ޓީމުން ނަތީޖާ ހަމަހަމަކުރި އެވެ. ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ނިއާޒް ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލީ ޖޯޖް އިވާން އެވެ.
މި ގޯލަށް ފަހު މިނެޓެއްގެ ތެރޭގައި ނިއު އިން އެއްވަރުކުރުމާ ގާތަށް ދިޔަ އެވެ. އެކަމަކު އަލީ އަޝްފާގް (ދަގަނޑޭ) ދިން ބޯޅަ އަލީ ފާސިރު (ސެންޓޭ) ޖެހުމުން ދިޔައީ ގޯލް މަތިންނެވެ.
ދެ ވަނަ ހާފު ތިނަދޫ ފެށީ ހުނަރުވެރި ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) އަރުވައިގެންނެވެ. އޭނާ އެރި ގޮތަށް ފުރަތަމަ މިނެޓުގައި އޭރިއާ ތެރެއިން ގޯލަށް ނުރައްކާތެރި ހަމަލައެއް ފޮނުވާލި އެވެ.
ނިއު އިން ވެސް ދެ ވަނަ ހާފުގައި ތަޖުރިބާކާރު މިޑްފީލްޑަރު އިބްރާހިމް ފަޒީލް (އޮއްޕޮ) އަރުވައި، ހަމްޕު އަރިމައްޗަށް ޖެއްސުމާ އެކު އެކު ކުރިއަށް ވުރެ އެޓޭކްތައް ރަނގަޅުވި އެވެ. އެގޮތުން މި ހާފުގެ ކުރީކޮޅު ހަމްޕު އުފެއްދި ހަމަލައެއްގައި ގަލާޑޯ އަތުން ރަނުގެ ފުރުސަތެއް ވަނީ ބޭކާރުވެފަ އެވެ. ހަމްޕު ދިން ބޯޅަ އޭރިއާ ތެރެއިން ދަގަނޑޭ ކޮންޓްރޯލް ކުރުމަށް ފަހު ޖައްސާލީ މުޅިން ހުސްކޮށް ހުރި ގަލާޑޯ އަށެވެ. އެކަމަކު ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލަން އޭނާ ޖެހި ބޯޅަ ޖެހުނީ ގޯލުގެ ހުރަސް ދަނޑީގަ އެވެ.
އެކަމަކު 69 ވަނަ މިނެޓުގައި ގަލާޑޯ ވަނީ ލަނޑު ޖަހައި ނިއު އަށް އަލުން ލީޑު ނަގައިދީފަ އެވެ. ދަގަނޑޭ މެދުތެރެއިން ހޯދި ބޯޅައެއް ސެންޓޭ އަށް ޖައްސާލުމުން، އޭނާ ވަނީ ހުސްކޮށް އެރި ގަލާޑޯ އަށް އެ ބޯޅަ ފޯރުކޮށްދީފަ އެވެ. ގަލާޑޯ ވަނީ އެ ބޯޅަ އެއް ފަހަރު ޖަހައި ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ.
ނިއު އަށް ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބި ދަގަނޑޭ އަތުން ވަނީ ބޭކާރުވެފަ އެވެ. ތިނަދޫގެ އޮފްސައިޑް މަޅިން ނެއްޓި ސެންޓޭ ބޯޅަ ކޮންޓްރޯލްކުރުމަށް ފަހު ހުސްކޮށް ހުރި ދަގަނޑޭ އަށް ބޯޅަ ޖައްސާލުމުން އޭނާ ތިނަދޫގެ ގޯލްކީޕަރު ކައިރިން ނައްޓާލަން އުޅެނިކޮށް އެ ބޯޅަ އޭނާ އަތުން ވަނީ ގެއްލިފަ އެވެ.
މެޗުގެ ފަހު ވަގުތު ތިނަދޫން އެއްވަރުކުރުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު އޭރިއާ ތެރެއިން ނިއުގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އަވީލާ ކޮންޓްރޯލްކޮށްލުމަށް ފަހު ގޯލަށް ފޮނުވާލި ބޯޅަ ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދު ދިފާއުކުރި އެވެ.
ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ މޮޅުވެވުނީ ވަރަށް އުނދަގޫ މެޗަކުން ކަމަށާއި ފުރަތަމަ ބުރުގެ އެއް ވަނަ ލިބުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
"އަހަންނަށް ކުރިން ވެސް އެނގޭ މެޗު އުނދަގޫވާނެކަން. ކަންވީ ވެސް އެހެން. އެކަމަކު މި މޮޅާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. ސަބަބަކީ އެއް ވަނައިގައި އޮވެ ފުރަތަމަ ބުރު ނިންމާލެވުމުން. ޖުމްލަކޮށް ކުޅުމާ މެދު ހިތްހަމަޖެހޭ. އެކަމަކު މިއަދު ވެސް ޑިފެންސުގައި މައްސަލަތަކެއް ފެނުނު. އެކަންކަން ރަނގަޅު ކުރާނަން،" އޮސްކާ ބުންޏެވެ.
ތިނަދޫގެ ކޯޗު މާޓިނޭޒް ހުއާން މެނުއަލް މެޗާ ބެހޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ. އޭނާ ނޫސްވެރިން ގާތު ބުނީ މެނޭޖްމަންޓުން ބޭނުންވާ ކުޅުންތެރިން އަރުވަން ޕްރެޝަރު އަންނަ ކަމަށާއި އެއީ އޭނާ ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.
"އެކަން އަހަންނެއް ގަބޫލެއް ނުކުރާނަން. އަހަންނަކީ ކޯޗު،" މާޓިނޭޒް ބުންޏެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ ޓީމުގެ ތެރޭގައި މައްސަލަތަކެއް އުޅޭ ކަމަށް އިޝާރާތްކޮށްފަ އެވެ. އަދި އެންމެ ފަހުގެ މެޗަށް ފަހު ފޯވާޑް ރިޒޭ ނުފެންނަ ކަމަށް ވެސް ކޯޗު ބުންޏޭވެ. މިއަދުގެ މެޗުގައި އޭނާ އެރުވީ ވެސް ދެ ވަނަ ހާފުގަ އެވެ.
ތިނަދޫ ބަލިކޮށް ނިއު އަށް ފަސް ޕޮއިންޓުގެ ލީޑެއް
"ނިއު އާއި މާޒިޔާ އަތުން ލިބޭ ޕޮއިންޓަކީ ބޯނަހެއް"
އެއް ވަނަ ހޯދަން ތިނަދޫއާ ދެކޮޅަށް ނިއު ނުކުންނަނީ
ނިއު އާއި މާޒިޔާ މެޗުގެ މައްސަލަތަކެއް ބަލަން ފަށައިފި
"ނިއު ތަފާތު ދައްކައިފި، ކާމިޔާބު އޮތީ ކުރިއަށް"
މާޒިޔާ ބަލިކޮށް ނިއު އައްޑަަނަ އުފުލާލައިފި
ނިއު އާއި މާޒިޔާ މެޗު: ދެ ކޯޗުންނަށް ޗެލެންޖެއް!
މިލަންދޫ އަތުން ބަލިވެ ތިނަދުއަށް އިތުރު އިންތިޒާރެއް
ފުޓްބޯޅަ ހަލާކުކުރަންޏާ ސަޕޯޓަރުން ނާންނާނެ: ސުޒޭން
ފަހު ވަގުތު ޖެހި ލަނޑުން މޮޅުވެ ތިނަދޫ ހަތަރަކަށް