Roadha Mihaaru
އީޔޫގެ ވަފުދުން ފޮރިން މިނިސްޓަރާ ބައްދަލުކޮށްފި

އީޔޫގެ ވަފުދުން ފޮރިން މިނިސްޓަރާ ބައްދަލުކޮށްފި

30 އޮކްޓޯބަރ 2017

ރާއްޖޭގެ ހާލަތު ބެލުމަށް އިއްޔެ ރާއްޖެ އައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފުދުގެ ބޭފުޅުން ފޮރިން މިނިސްޓަރު ޑރ. މުހަންމަދު އާސިމާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ހާލަތު ބެލުމަށް އިއްޔެ ރާއްޖެ އައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފުދުގެ ބޭފުޅުން ފޮރިން މިނިސްޓަރު ޑރ. މުހަންމަދު އާސިމާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ އެ ބައްދަލުވުމުގައި ރާއްޖެ އާއި އީޔޫއާ ދެމެދު ގުޅުން ހުރި ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފުސީލެއް ނުދެ އެވެ.

ރާއްޖޭގެ ސިޔާސީ ހާލަތު ބެލުމަށް އައި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ އީޔޫ ޕާލަމެންޓުގެ ތިން މެމްބަރަކާއި އީޔޫ ޕާލަމެންޓްރީ ސެކްރެޓޭރިއޭޓުގެ އޮފިޝަލަކާއި ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅާފައިވާ އީޔޫގެ އޮފިޝަލުންނެވެ.

މި ވަފުދު ރާއްޖެ އައުމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ މަރުހަބާ ކިޔައިފަ އެވެ.

އީޔޫގެ ވަފުދާ، ފޮރިން މިނިސްޓަރު އާސިމް ބައްދަލުކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ

އީޔޫގެ ވަފުދާ، ފޮރިން މިނިސްޓަރު އާސިމް ބައްދަލުކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ

އީޔޫގެ ވަފުދުން ރޭ ވަނީ އިދިކޮޅު ފަރާތްތަކާ ވެސް ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމަށް ފަހު "މިހާރު" އާ ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަމަލުތަކާއި އިދިކޮޅު މެމްބަރުންނާ ދޭތެރޭ އަޅާ ފިޔަވަޅުތަކުގެ އިތުރުން އަންނަ އަހަރު މިނިވަން ރިޔާސީ އިންތިހާބެއް ބޭއްވުމާ ގުޅޭ ގޮތުން ވާހަކަތައް ދައްކާފައިވާ ކަމަށެވެ.

މީގެ އިތުރުން އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް ވެސް ހިއްސާކޮށްފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

އީޔޫ ޕާލަމެންޓްރީ ގްރޫޕުގެ އިސް ވަފުދެއް ރާއްޖެ އައިސްފައިވާއިރު، ފްރާންސްގެ ސްޓްރަސްބާގްގައި މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި ޕާލަމަންޓުގެ ބައްދަލުވުމުގައި ވަނީ ރާއްޖެ އަށް ފިޔަވަޅު އެޅުމަށް ގަރާރެއް ފާސްކޮށްފަ އެވެ.

ރާއްޖޭގެ ކަންކަން ހިންގަމުން ގެންދަނީ ޑިމޮކްރަސީއާ ބީރައްޓެހި މާހައުލެއްގައި ކަމަށް ބުނެ އީޔޫގެ ޕާލަމެންޓުގެ ބޮޑު އަޣުލަބިއްޔަތަކުން އެ ގަރާރު ފާސްކުރި ނަމަވެސް ދިވެހި ސަރުކާރުން ބުނެފައި ވަނީ ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.