Roadha Mihaaru
ގާނޫނު ނަގަހައްޓާނެ ކަމުގެ ޔަގީންކަން ރާއްޖެއިން ދީފި

ގާނޫނު ނަގަހައްޓާނެ ކަމުގެ ޔަގީންކަން ރާއްޖެ އިން އީޔޫއަށް ދީފި

20 ފެބުރުއަރީ 2018

ރާއްޖޭގެ ގާނޫނުއަސާސީ ނަގަހައްޓާނެ ކަމުގެ ޔަގީންކަން، ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް އިއްޔެ ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ގާނޫނުއަސާސީ ނަގަހައްޓާނެ ކަމުގެ ޔަގީންކަން، ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް އިއްޔެ ދެއްވައިފި އެވެ.

އީޔޫ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތުން ލައި މާގިއުއާ މިނިސްޓަރު އާސިމް ބައްދަލުކުރައްވައި، ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ސިޔާސީ މަސްހަރުގައި ހިނގަމުން އަންނަ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އަދި ރާއްޖެ އާއި އީޔޫއާ ދެމެދު އޮތް ގާތް ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރު ވަނީ އީޔޫ އިން ރާއްޖެ އަށް ދެމުން އަންނަ އެއްބާރުލުން ފާހަގަ ކުރައްވައި، އެ ގުޅުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

މީގެއިތުރުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ގާނޫނުއަސާސީ ނެގެހެއްޓުމަށް މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށް އާސިމް ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޖަލު ހުކުމްގައި ތިއްބެވި އިދިކޮޅު ސިޔާސީ ނުވަ ބޭފުޅަކު މިނިވަން ކުރުމަށާއި، މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުން އެ މަގާމުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ކުރި އަމުރުގެ ތަންފީޒު ކުރުމަށް އީޔޫ އިން ވަނީ ރާއްޖެ އަށް ގޮވާލައިފަ އެވެ. އެކަމަކު، ފަހުން އެ ކޯޓުން ވަނީ އަމުރުގެ އެ ބައިތައް ބާތިލްކޮށްފަ އެވެ.

ސަރުކާރުން ކުއްލި ހާލަތު އިއުލާންކޮށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމުން އީޔޫ އިން ވަނީ އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ސިޔާސީ ލީޑަރުންނާއި ފަނޑިޔާރުން ވަގުތުން ދޫކޮށްލުމަށް ގޮވާލައި، ކޮންމެ ރެއަކު މާލޭގައި ދަނީ މުޒާހަރާ ކުރަމުންނެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައި ވަނިކޮށް، ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް އީޔޫ ގައުމުތަކުގެ ސަފީރުންތަކެއް ދާދި ފަހުން ރާއްޖެ ވަޑައިގަތެވެ. އެ ސަފީރުން އެ ފަހަރު ބައްދަލު ކުރެއްވީ ހަމައެކަނި އިދިކޮޅު ފަރާތްތަކާ އެވެ. ސަރުކާރުން ބުނި ގޮތުގައި އެ ސަފީރުން ފުރާވަޑައިގަތީ ވަޒީރުންނާ ބައްދަލުކުރައްވަން ވަގުތު ދެއްވާފައި ވަނިކޮށެވެ.