Roadha Mihaaru
ރައީސްގެ ހޫނު ހަމަލާތަކެއް ނަޝީދާއި އިލްމުވެރިންނަށް

ރައީސްގެ ބަހުގެ ހޫނު ހަމަލާތަކެއް ނަޝީދާއި އިލްމުވެރިންނަށް

30 އޮކްޓޯބަރ 2017

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމަކަށް ގެންނަން ކުރީގެ ރައީސް މުހައްމަދު ނަޝީދު "ބަދަލެއްގެ" ނަމުގައި ކުރެއްވި މަސައްކަތުން މުޅި ނިޒާމުވީ ހަލާކު ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީންގެ ހޫނު ހަމަލާތަކެއް ނަޝީދަށާއި އިލްމުވެރިންނަށް މިރޭ ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމަކަށް ގެންނަން ކުރީގެ ރައީސް މުހައްމަދު ނަޝީދު "ބަދަލެއްގެ" ނަމުގައި ކުރެއްވި މަސައްކަތުން މުޅި ނިޒާމުވީ ހަލާކު ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީންގެ ހޫނު ހަމަލާތަކެއް ނަޝީދަށާއި އިލްމުވެރިންނަށް މިރޭ ދެއްވައިފި އެވެ.

ވެރިކަން ކުރާ ޕީޕީއެމުން މާފަންނުގައި "ފިޔާތޮށި ޖަގަހަ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި ގޮތުގައި ސިޔާސީ ބޭފުޅުން ހައްޔަރުކޮށްފައި ތިބޭ ކަމަށް ބުނާއިރު، އެމީހުންނަކީ ސިޔާސީ ސަބަބުތަކަށްޓަކައި ހައްޔަރުކޮށްފައި ތިއްބެވި ބޭފުޅުންނެއް ނޫނެވެ. އަދި ސިޔާސީ ބޭފުޅުން ޖަލުގައި ތިއްބެވީ އެބޭފުޅަކު ކުރެއްވި ކުށެއްގައި ޝަރީއަތާ ގާނޫނުގެ ތެރެއިން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެ ވެދާނެ ލޯންޗު ގޮއްވާލަން އުޅުނީ ކަމަށް ވެސް. ރައީސް މަރާލަން އުޅުނީ ކަމަށް ވެސް. ގެއެއްގައި ހަތިޔާރު ގެންގުޅުނީ ކަމަށް ވެސް ވެދާނެ. ޣައިރު ގާނޫނީ ހަމަތަކުގެ މަތިން މަގުމައްޗަށް ނިކުމެ ގަދަ ބާރު ބޭނުންކޮށްގެން ދައުލަތް ވައްޓާލަން މަސައްކަތް ކުރީ ކަމަށް ވެސް ވެދާނެ،" ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ނަމަވެސް ނަޝީދުގެ ވެރިކަމުގައި ފެނިގެން ދިޔައީ ސިޔާސީ ބޭފުޅުންނާ ދޭތެރޭގައި އެއްވެސް ކަހަލަ ތަހުގީގެއްނުކޮށް، ހިތުހުރި ގޮތަކަށް ބަންދު ކުރަމުން ދިޔަ ތަން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެންމެ ފަހުން ފަނޑިޔާރުން "ފޮރުވާ" ހިސާބަށް ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.

މާފަންނުގައި ޕީޕީއެމް ޖަގަހައެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

މާފަންނުގައި ޕީޕީއެމް ޖަގަހައެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

ރައީސް ވާހަކަފުޅު ބޮޑަށް އަމާޒުކުރެއްވީ 2008 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރާއި ނަޝީދުގެ ވެރިކަމުގައި ހިނގައިދިޔަ ބައެއް ކަންކަމުގެ މައްޗަށެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި މައުމޫނާ ދެކޮޅަށް ނިކުތް އިލްމުވެރިންނަށާއި ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އެގޮތުން ނަޝީދުގެ ވެރިކަމުގެ ސަބަބުން މުޅި ނިޒާމު ހަލާކުވެ، ދިވެހި ދައުލަތަށް އިތުބާރު ކުރާ ބޭރުގެ ފަރާތެއް، ދައުލަތުން ކުރާ ކަންކަމަށް އިތުބާރު ކުރާ ރައްޔިތުން ނެތިގެން ގޮސް، ބިރުވެރިކަމާއި ނާމާންކަން އިތުރުވެގެން ދިޔަ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި 2008ގެ ކެމްޕެއިން ދުވަސްވަރު، އިލްމުވެރިން "ނިދި ނަގާލާފައި" ގޮވަމުން ދިޔައީ އިސްލާމް ދީން ހިމާޔަތްކޮށް، އިސްލާމް ދީން ނެގެހެއްޓުމަށް ނަޝީދަށް ވޯޓުދޭށެވެ. އޭރު ވެސް ނަޝީދަކީ ކޮންކަހަލަ ފިކުރެއްގައި އަދި ކިހާ ވަރަކަށް ދީނީ ކަންކަމަށް ސަމާލުކަން ދެއްވާ ބޭފުޅެއް ކަން "އަސަރުގަދަ ދުއާތައް" ކުރެއްވި އިލްމުވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަނީ ނަޝީދާއެކު އޭރު އެއްކޮށް އުޅުއްވި އިލްމުވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"މިފަދަ ބޭފުޅުންގެ ފަހަތުގައި ތިއްބަވައިގެން ދީނީ ބޭފުޅުން ކުރެއްވި ދުއާތަކާއި ރައްޔިތުންނަށް އޮޅުވާލަން ކުރެއްވި މަސައްކަތަކީ ހަމަގައިމުވެސް އެބޭފުޅުންނަށް ކިޔަވައިދެއްވި އެއްޗެއްގެ ބޭނުން ހަމަ ދިމާ އިދިކޮޅަށް ބޭނުން ކުރެއްވީ. އެންމެ ބޮޑެތި ޖާހިލުންނަކީ އެއީ، ކަނޑައެޅިގެން އެނގި ތިބެ މީހުން މަގު ފުރައްދަން މީހުން ވާ ވައްދަން ފަތުވާ ދިނުމަކީ އެންމެ ބޮޑު ޖާހިލު އަމަލު. އެވަރު ކަންތައް ކުރާ އިލްމުވެރިން ތިބިކަން އަޅުގަނޑުމެން ހަނދާން ކުރަންވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން މިރޭ ފިޔާތޮށި ޖަގަހަ ހުޅުއްވައި ދެއްވަނީ. -- ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

ރައީސް ޔާމީން މިރޭ ފިޔާތޮށި ޖަގަހަ ހުޅުއްވައި ދެއްވަނީ. -- ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

އެކަން އެނގިވަޑައިނުގެން، އިލްމުވެރިން ވާހަކަ ދައްކަވާފައި ހުރި ނަމަ، އެ ބޭފުޅުން ދުނިޔޭގެ އިލްމު ދަސްކުރައްވަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ އެންމެ ހިމަ ނާރުތަކާ ކުޅެލި އިލްމުވެރިން "ކޮށްފައި ނުކުރާނެ ކަމެއް ނޭނގޭނެ" ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ނަޝީދަކީ ކޮން ކަހަލަ ބޭފުޅެއްކަން، ކޮން ކަހަލަ ސިފަތަކެއް އެކުލެވިފައިވާ ޝަހްސިއްޔަތެއްކަން އެނގި ތިބެގެން އިލްމުވެރިން ގޮވަމުން ދިޔައީ ރައީސް މައުމޫން އިސްލާމް ދީން ހިމާޔަތް ކުރެއްވުމަށް ކުރެއްވި މަސައްކަތުގައި ބާގަނޑުތައް އަޅައިފިއޭ، ލޯވަޅުތައް އަޅައިފިއޭ، ބާގަނޑުތަކަށްވެއްޖެއޭ. އެހެންވީމަ ރައީސް މައުމޫނަކަށް އިސްލާމް ދީނާއި އިސްލާމީ އަގީދާ މިހާރު ހިމާޔަތެއް ނުކުރެވޭނެއޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ނަޝީދު ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ބޭއްވި ރަސްމިއްޔާތަށް ގެނައީ މައުމޫން ސަރުކާރުގައި ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފައި ތިބި ނަސޯރާ ދީނުގެ ބައެކެވެ. އޭގެ ފަހުން ވެސް ނަސޯރާ ދީނުގެ ބަޔަކު ރާއްޖެ ގެނައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދުގެ ވެރިކަން އައި ފަހުން، ދިވެހިން ސަގާފީ ގޮތުން ދަމަހައްޓަމުން އައި ރިވެތި ސިފަތައް "ގާދޫ ކޮލުން" ބޭރުކޮށްލި ތަނާއި ބޮޑެތި މީހުންނާއި ޓީޗަރުންނަށް އިހްތިރާމް ކުރުން ނިމުމަކަށް ގެނައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ނަޝީދުގެ ވެރިކަމުގައި މުޅި ރާއްޖެއަކީ ނާމާން ތަނެއްގެ ގޮތުގައި ބަދަލުވެގެން ގޮސް، ދުވަހަކު ރާއްޖެ ދަރަނިވެރިނުވާ ވަރަށް ދަރަނިވެރިވި ކަމަށް ވިދާޅުވި އެވެ.

"ޒުވާނުންގެ އަހުލާގު ހަލާކުކޮށްލީ. ޒުވާނުން ނެރެ، ޖަލު ގޮޅިތަކުން ހައްގުވާ ވަރުގެ ބޮޑެތި ޖަރީމާ އެމީހުން ލައްވާ ހިންގުވީ. މަސްތުވާތަކެތި ރާއްޖޭގައި އާންމުވެގެން ދިޔައީ ވަކިވަރަކަށެއް ނޫން. މީހުން ގައިގައި ކަޓަރު އެޅުމާއި މަގުމަތީގެ އަމާންކަން ގެއްލި މުޅި ރާއްޖެއަކީ ބިރުވެރި ތަނަކަށް ބަދަލުވެގެން ދިޔައީ. ބަދަލެއް އަތުވެއްޖެ ނޫންތޯ؟" ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން ތައުލީމީ ދާއިރާ ބޮއްސުންލައި، ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގައި މަރާމާތު ކުރުމުގެ "ކަންފުޅެއް" ވެސް ކުރަން ބޭނުން ނުވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ފަޅު ރަށްތަށް ވިއްކައި، އިސްލާމީ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ކެނޑިގެން ދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ.