Roadha Mihaaru
ރައީސް ޔާމީނަށް ނަޝީދުގެ ވަރުގަދަ އިންޒާރެއް

ލީޑަރުން މިނިވަންކޮށް، މިނިވަން އިންތިހާބެއް ނުބާއްވާ ނަމަ ރައީސް ޔާމީން ވަކިކުރާނަން: ނަޝީދު

12 މެއި 2017

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެއްދެވުމަށް މަސައްކަތް ނުކުރައްވާ ނަމަ، ރައީސް އަބްދުﷲ ޔާމީން މަގާމުން ވަކިކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެއްދެވުމަށް މަސައްކަތް ނުކުރައްވާ ނަމަ، ރައީސް އަބްދުﷲ ޔާމީން މަގާމުން ވަކިކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާގައި ހުންނަވައިގެން ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ރައީސް ޔާމީން ގައުމަށް ހެޔޮ އެދިވަޑައިގަންނަވާ ނަމަ، މިހާރުން މިހާރަށް ސިޔާސީ ލީޑަރުން މިނިވަންކޮށް ކުރައްވައި، އިދިކޮޅު ލީޑަރުންނާ އެކު މަޝްވަރާތަކަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

އަދި 2018 އަންނަންވާ އިރަށް، މިނިވަން އިންސާފުވެރި އިންތިހާބަކަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެން ނުހައްދަވައިފި ނަމަ، އަޅުގަނޑުމެން ޖެހޭނީ ރައީސް ޔާމީން ވަކިކުރުމަށް ބުރަ މަސައްކަތްތައް އަދިވެސް ކުރިއަށް ގެންދަން. މި ލޯކަލް ކައުންސިލް އިންތިހާބަކީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އަޅުގަނޑުމެން ކުރި މަސައްކަތެއް،" މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ބޮޑު ކާމިޔާބީ އަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ޔާމީން ދެން ވެސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ނުކުރައްވައިފި ނަމަ، އަޅުގަނޑުމެންނަށް މަޖުބޫރުވެފައި އޮތީ އެބޭފުޅާގެ އިމްޕީޗްމަންޓަށް [ވަކިކުރުން] މަސައްކަތް ކުރުން. އަޅުގަނޑުމެން އެ މަސައްކަތް ކުރާނެ،"

ނަޝީދު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރަނީ ގައުމަށް ހެޔޮ ގޮތް ހޯދުމަށެވެ. ރައްޔިތުންނަށް ހަމަޖެހުން ގެނެސްދީ ފުދުންތެރިކަމާ އެކު އުޅެވޭނެ ގޮތެއް ހޯދަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ނުކުރައްވައިފި ނަމަ، އަޅުގަނޑުމެންނަށް މަޖުބޫރުވެފައި އޮތީ އެބޭފުޅާގެ އިމްޕީޗްމަންޓަށް (ވަކިކުރުން) މަސައްކަތް ކުރުން. އަޅުގަނޑުމެން އެ މަސައްކަތް ކުރާނެ: ނަޝީދު

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވަރަށް ބޮޑު ހަގީގަތެއް ސާފުވެވަޑައިގެންފައިވާ ކަމަށާއި ސަރުކާރުގެ ފަޅީގައި ތިއްބަވައިގެން ސިޔާސީ ހަޔާތް އެ މެމްބަރުންނަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ދާއިރާތައް ހުރި ގޮތަށް އެ ހުރީ އެމްޑީޕީ އަށް. މި ދާއިރާތަކުން މަޖިލިހަށް އިންތިހާބުވަނީ. އެބޭފުޅުންނަށް ވަރަށް ބޮޑަށް ސާފުވަޑައިގަންނަވާނެ މިހާރު ހުންނެވި ތަނުގައި ސިޔާސީ ހަޔާތް ކުރިއަށް ގެންދެވެން ނެތް ކަން. އަޅުގަނޑުމެން އެ ބޭފުޅުންނާއި ވާހަކަ ދެއްކޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ވަރަށް ގިނަ މެމްބަރުންނަށް އެ ބޭފުޅުންނަށް އެ އުޅުއްވެނީ ރަނގަޅު ފަޅިއެއްގައި ނޫން ކަން މިހާރު ވަރަށް ރަނގަޅަށް ސާފުވެ ވަޑައިގަންނަވާނެ އެވެ.

"...އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ބޮޑު ފަޅިއަކީ ކޮބައިކަން،"

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅަށް "އަތްބައި ހަމަވާނެ" ކަމުގެ ޔަގީންކަން އޮތަސް، މިވަގުތު އަތްބައި ހުޅުވައިފި ނަމަ "ޑިގު ނުގޮވިދާނެ" އެވެ. އަދި މަޖިލިހުގެ މަސައްކަތްތައް ފެށިގެން ދިއުމާ އެކު އިސްލާހީ ބަދަލުތައް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަތް ބައި ދެއްކީމަ، އަޅުގަނޑުމެންނަށް ޑިގު ހަމަނުވެދާނެ. އެހެންވީމަ އަޅުގަނޑުގެ ނަޒަރުގައި މިއީކީ އަދި އަތްބައި ފަތުރާލަންވީ ވަގުތެއް ނޫން،" މަޖިލިހުގެ މެމްބަރުންނަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ޗުއްޓީ އަށް ފަހު މަޖިލިހުގެ ޖަލްސާތައް ފެށުމާއެކު، އިދިކޮޅު ފަރާތްތަކަށް ހަމަވާނީ 42 މެމްބަރުންނެއް ނޫނެވެ. އިދިކޮޅު ފަރާތްތަކަށް 57 މެމްބަރުން ހަމަވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ސަރުކާރުގެ ފަޅީގައި ތިއްބެވި މެމްބަރުން ސަރުކާރަށް ތާއީދު ކުރެއްވުން ހުއްޓާލައްވައި، އިދިކޮޅު ޕާޓީތަކާ ގުޅިގެން އިސްލާހީ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ޓެރަރިޒަމްގެ ދައުވާކޮށް، 13 އަހަރަށް ޖަލަށް ލާފައި ވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތް ގޮތަށް އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވާފައިވާ ނަޝީދު ވިދާޅުވީ ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. އުމުރުގެ ބާކީ އޮތް ދުވަސްތައް އެއްކޮށް ރާއްޖޭން ބޭރުގައި ހޭދަނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވާ ވާހަކަ އެ މަނިކުފާނު ތަކުރާރުކުރެއްވި އެވެ.

ސަރުކާރުގެ ބިރުދެއްކުމާއި ފިއްތުންތަކާއި ނުފޫޒާ އެކު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަކީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި ދިވެހިން މިހާތަނަށް ދެއްކި އެންމެ ބޮޑު ހިތްވަރު ކަމަށް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ސިފަ ކުރެއްވި ގޮތުގައި މިއީ އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.