Roadha Mihaaru
ސުޕްރީމް ކޯޓަށް ރައީސް އަޒުލް ކުރެވިދާނެތަ؟

ސުޕްރީމް ކޯޓަށް ރައީސް އަޒުލް ކުރެވިދާނެތަ؟

01 ފެބުރުއަރީ 2018

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު މަގާމުން ވަކި ކުރުމަށް ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ވަކި އިޖުރާއާތުތަކެއް ކަނޑައަޅާފައި އެބަ ހުއްޓެވެ. އެއީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ދީފައި އޮތް ބާރެކެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު މަގާމުން ވަކި ކުރުމަށް ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ވަކި އިޖުރާއާތުތަކެއް ކަނޑައަޅާފައި އެބަ ހުއްޓެވެ. އެއީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ދީފައި އޮތް ބާރެކެވެ.

އެ މާއްދާގައި ބުނާ ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި ރައީސް މަގާމުން ދުރުކުރުމަށް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހަށެވެ. އެއީ (1) އިސްލާމް ދީނުގެ އަސްލަކާ ނުވަތަ ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ޚިލާފުވުން، (2) ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެ ކުރުން އެކަށީގެން ނުވާ ފަދަ ކަމެއް ކުރުން، (3) ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލުވުން، މިއެވެ.

މި ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރައީސް މަގާމުން ދުރުކުރުމަށްޓަކައި ކުރަން ޖެހޭ ކަމަކީ، އެކަމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުމެވެ. އެފަދަ ގަރާރެއް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށްފައިވާ ލިޔުމަކުން ކަމަށް ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވެ އެވެ.

އެ ފަދަ ގަރާރެއް މަޖިލީހަށް ހުށަހެޅިއްޖެ ހިނދެއްގައި މަޖިލީހުގެ އިދާރާ އިން އަމަލު ކުރަންވީ ގޮތުގެ އިޖުރާއާތުތައް ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ށ) އިން ފެށިގެން (ޅ)ގެ ނިޔަލަށް ބަޔާންކޮށްފައި އެބަ އޮތެވެ. އަދި އެ އިޖުރާއާތުތަކުގެ ތަފްސީލުތައް މަޖިލީހުގެ ގަވާއިދުގެ 172، 173 ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.

އެ އިޖުރާއާތުތައް ފުރިހަމަ ކުރުމަށް ފަހު ނަގާ ވޯޓެއްގައި، ރައީސްގެ މަގާމުގައި ހުރި މީހަކު އެ މަގާމުން ވަކިކުރުމަށް، މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިން ބައިކުޅަ ދެ ބައި (މިހާރުގެ އަދަދުން ބަލާ ނަމަ 57 މެމްބަރުން)ގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ، އެމީހަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އަޒުލުވީ އެވެ.

މިހާ ހިސާބަށް ދާއިރު ވެސް، ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމުގައި، ގާނޫނުއަސާސީން ސުޕްރީމް ކޯޓަށް އެއްވެސް ބާރެއް ދީފައެއް ނެތެވެ. އަދި ކޯޓުތަކާ ބެހޭ ގާނޫނުގައި ވެސް ސުޕްރީމް ކޯޓަށް އެ ފަދަ ބާރެއް ދީފައެއް ނެތެވެ.

ސުޕްރީމް ކޯޓު: ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމުގެ ބާރު އެ ކޯޓަށް ލިބިގެންވާ ކަމާ މެދު ވަނީ ސުވާލު އުފެދިފައި.---ފޮޓޯ: މިހާރު

ސުޕްރީމް ކޯޓު: ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމުގެ ބާރު އެ ކޯޓަށް ލިބިގެންވާ ކަމާ މެދު ވަނީ ސުވާލު އުފެދިފައި.---ފޮޓޯ: މިހާރު

ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ދުރުކުރުމާ ބެހޭ ގޮތުން ގާނޫނު އަސާސީގައި، ސުޕްރީމް ކޯޓާ ހަވާލާދީ އެންމެ ފުރަތަމަ ވެސް އެއްޗެއް ބުނެފައި އޮތީ 113 ވަނަ މާއްދާގަ އެވެ. އެއީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން، ރައީސް މަގާމުން ދުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމުން އެކަމާ މެދު ޚިލާފެއް އުފެދިއްޖެ ނަމަ، އެކަމާ މެދު ނިހާއީ ހުކުމެއް އިއްވުމެވެ.

ކޯޓުތަކުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގައި ވެސް، ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމާ ބެހޭ ގޮތުން، ސަރީހަ ގޮތެއްގައި ސުޕްރީމް ކޯޓާ ހަވާލާ ދީފައި އޮންނަނީ ގާނޫނުއަސާސީގެ 113 ވަނަ މާއްދާ އަށް ރިއާޔަތް ކޮށްފަ އެވެ.

އެކަން އެހެން އޮތް އިރު ވެސް، އިދިކޮޅު ސިޔާސީ ލީޑަރުން ގުޅިގެން މިހާރު އެ އޮތީ، ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

އެ މައްސަލައިގައި އެދިފައި އޮތީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ހ.ގެ (1) ގައި ބުނެފައިވާ ފަދައިން، ރައީސް ޔާމީން ގާނޫނުއަސާސީ އާއި ގާނޫނާ ކަނޑައެޅިގެން ހިލާފުވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށާއި އެ މާއްދާގެ (2) ގައި ބުނެފައިވާ ފަދައިން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެ ކުރުން އެކަށީގެން ނުވާ ފަދަ ކަމެއް، ރައީސް ޔާމީން ކުރައްވައިފި ކަމަށް ކަނޑައަޅައިދިނުމަށެވެ.

ރައީސް އަބްދުﷲ ޔާމީން (ކ)، އުއްތަމަފަނޑިޔާރު އަބްދުﷲ ސައިދާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީން (ކ)، އުއްތަމަފަނޑިޔާރު އަބްދުﷲ ސައިދާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް

އޭގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކުރުމަށްޓަކައި ހާއްސަ ތަހުގީގު ކޮމެޓީއެއް އެކުލަވާލައި ރައީސް ޔާމީން ގާނޫނުއަސާސީގެ 127 ވަނަ މާއްދާގައިވާ ގޮތަށް ޖަވާބުދާރީ ކުރުވުމަށް ވެސް، އިދިކޮޅު ލީޑަރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެދިފައިވެ އެވެ.

ނަމަވެސް ސުވާލަކީ އެއީ ސުޕްރީމް ކޯޓަށް ބެލިދާނެ މައްސަލައެއް ހެއްޔެވެ؟ ނުވަތަ ރައީސްގެ މަގާމުގައި ހުރި މީހަކު ކޮރަޕްޝަނާއި ފަސާދައިގެ ތުުހުމަތުގައި މަގާމުން ދުރު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވޭ ހެއްޔެވެ؟

ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވާ ގޮތުގައި އެއީ، އެ ކޯޓަށް އިހްތިސާސް ލިބިގެންވާ ކަމެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް މަގާމުން ވަކި ކުރުމުގައި ސުޕްރީމް ކޯޓަށް ބަހެއް ބުނެވޭނެ ހަމައެކަނި ހާލަތަކީ، ރައީސް އަޒުލު ކުރުމަށް މަޖިލީހުން ނިންމައިފި ހިނދެއްގައި އެ ނިންމުމުގެ ސައްހަކަމާ މެދު ޚިލާފު އުފެދިއްޖެ ނަމަ އެވެ.

ޖިނާއީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމުގެ އިޚްތިޔާރު އަމިއްލަ މީހުންނަށް ލިބިގެނެއް ނުވާ އިރު، ރައީސްގެ އިސްތަށިފުޅުގައި ވައްކަމާއި ކޮރަޕްޝަނުގެ ތުހުމަތު އަޅުވައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި މީހުންނަށް އެވަރު ވެސް ނޭނގެނީތޯ އާޒިމާ ސުވާލު އުފެއްދެވި އެވެ.

ނަމަވެސް ބައެއް ގާނޫނީ ވަކީލުން ދެކޭ ގޮތުގައި ސުޕްރީމް ކޯޓަކީ އެއްވެސް މައްސަލައެއްގައި "ދެ އަތް ބަނދެވިފައި" އޮންނާނެ ކޯޓެއް ނޫނެވެ. އެ ކޯޓަށް ލިބިދޭ އަސްލީ އިޚްތިސާސްގެ ތެރެއިން މި މައްސަލަ ބެލުމުގެ ދުސްތޫރީ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވެ އެވެ.

ރައީސުލްޖުމްހޫރިއްޔާއަކީ ވެސް ދައުލަތުގެ މުވައްޒަފަކަށްވާ އިރު، އެ މަގާމުގައި ހުންނަ މީހަކު ކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ގާނޫނުއަސާސީއާ ޚިލާފުވާ ނަމަ އެއީ ބާތިލު ނިންމުމެއް ކަމުގައި ކަނޑައެޅުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވެ އެވެ. އަދި އެ ނިންމުމެއްގެ ސަބަބުން ބަޔަކަށް ގެއްލުމެއް ލިބިފައިވާ ނަމަ އެ ގެއްލުމުގެ އަދުލުވެރި އިންސާފުވެރި ބަދަލު ލިބިދިނުމަށްޓަކައި އަމުރުތައް ނެރުމުގެ ބާރު ވެސް، ގާނޫނުއަސާސީގެ 144ގެ (ހ)، (ށ) އިން ސުޕްރީމް ކޯޓަށް ލިބިގެންވެ އެވެ.

ބައެއް ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ގާނޫނުއަސާސީގައި އޮތީ 100 ވަނަ މާއްދާ އެކަންޏެއް ނޫނެވެ. ގާނޫނުއަސާސީގެ 155 ވަނަ މާއްދާ އިން ބާރު ލިބިގެން ހަދާފައި އޮތް، ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ކަނޑައަޅާފައިވާ، ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިސާސް ލިބިފައިވާ މައްސަލަތައް ބެލުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވެ އެވެ.

"އެ އިޚްތިސާސްތަކުގެ ތެރޭގައި ހިމެނޭ ދެ ބާވަތެއްގެ މައްސަލައިގެ ތެރެއަށް، ރައީސް މަގާމުން ދުރު ކުރުމުގެ މައްސަލަ ވެސް ވަދެގެންދާނެ. އެ ގޮތުން ސުޕްރީމް ކޯޓަށް މި މައްސަލައިގައި ވެސް ނިހާއީ ހުކުމެއް އިއްވުމުގެ ބާރު ލިބިދޭނެ،" ރާއްޖޭގެ ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

"އޭގެ ތެރެއިން، ދުސްތޫރީ ނިޒާމުން ބޭރުވެދާނެ ފަދަ ގާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައެއްގެ ގޮތުގައި ވެސް މި މައްސަލަ ސުޕްރީމް ކޯޓަށް ބެލިދާނެ. ނޫނީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ވެސް މި މައްސަލަ ބެލިދާނެ. އަދި ކޮބާ، މި ދެ ބާވަތް ޝާމިލުވާ މައްސަލައެއްގެ ގޮތުގައި ވެސް ސުޕްރީމް ކޯޓަށް މި މައްސަލަ ބެލިދާނެ،" ގާނޫނީ ވަކީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ މުއައްސަސާތަކުން ކުރާ ކަންތަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެކަންތައް ބެލުމަށްޓަކައި، މިނިވަން މުއައްސަސާތަކެއް، ގާނޫނުއަސާސީން އުފައްދައިދީފައިވާ އިރު، އެ މުއައްސަސާތަކުން ރައްޔިތުން ބޭނުންވާ ފަރުވާތަކެއް ނުލިބެ އެވެ.

"ވަރަށް ކުޑަކުޑަ މިސާލެއް. ފްލެޓްތައް ދިން ގޮތް އެއޮތީ ހައުސިން މިނިސްޓްރީން ސިއްރު ކޮށްފައި. ފްލެޓް ދިނީ ކިހިނެއް ޕޮއިންޓް ދީގެން ކަމެއް، ރައްޔިތުން އާދޭސް ކުރުމުން ވެސް ސަރުކާރަކުން ނުބުނި. އެ މައްސަލަ އާންމު ރައްޔިތުން ހުށަހެޅީ އޭސީސީ (އެންޓި-ކޮރަޕްޝަން ކޮމިޝަން) އަށް. އެތަނުން އެ މައްސަލަ ބަލައެއް ނުދިން. އާންމުން ޝަކުވާތަކެއް ހުށަހެޅީމާ، އެ ޝަކުވާތައް ބަލައި ނިމެންދެން ފްލެޓްތައް ނުދީ މަޑުޖައްސައިލުމަށް އޭސީސީން އަމުރެއް ވެސް ނުނެރުނީ، އެ މައްސަލަ ބަލަން ބޭނުން ނުވީމާތާ. މިހާރު އެއް ބަޔަކަށް ފްލެޓްތައް ދީ އަނެއް ބަޔަކަށް ފްލެޓްތައް ވިއްކައި ހުސްކުރަނީ. އާންމުން ހުށަހެޅި ޝަކުވާތައް އެހެރީ އޭސީސީގައި ބަންޑެލި ޖަހާފައި."

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ގޮނޑިތަކެއް ހުސްވެފައިވާ ކަމަށް ކަނޑައަޅައިގެން އިލެކްޝަންސް ކޮމިޝަނުން ވެސް ކުރަމުން އަންނަނީ ގާނޫނުއަސާސީއާ ޚިލާފު ކަންތަކެކެވެ.

"ގޮނޑިއެއް ހުސްވީމާ 60 ދުވަސް ތެރޭގައި ބައި އިލެކްޝަން ބާއްވަންވާނެ ކަމަށް ގާނޫނުގައި އޮންނަނީ. ސުޕްރީމް ކޯޓުގެ ހުކުމެއް ވެސް އެބަ އޮތް އެ ކޮމިޝަންގެ މައްޗަށް. މިހާރު ކިތައް މަސް މިވަނީ އެ ގޮނޑިތައް ހުސްވި ކަމަށް އެ ކޮމިޝަނުން ކަނޑައެޅިތާ. އެ މައްސަލައިގައި އެ ދާއިރާތަކުގެ މެމްބަރުން ކިތައް ފަހަރު އެ ދިޔައީ އެ ކޮމިޝަންގެ މެމްބަރުންނާ ބައްދަލުވޭތޯ. އެންމެ ފަހަރަކު ވެސް ބައްދަލެއް ނުކުރި. އެ މައްސަލައިގައި މެމްބަރުން ފޮނުވާ ސިޓީއަކަށް ޖަވާބެއް ދެނީކީ ނޫން. މީޑިއާ އިން ކުރާ ސުވާލަކަށް ޖަވާބެއް ދެނީކީ ނޫން. ދެން ކޮން ތަނަކަށްތޯ މި ކަމުގައި ދާންވީ. މިވަރަށް ނޫންތޯ ދައުލަތް ދުސްތޫރީ ނިޒާމުން ބޭރުވާނީ،" އެ ވަކީލު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ބައެއް ފަނޑިޔާރުން ހަފުލާއެއްގައި.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ބައެއް ފަނޑިޔާރުން ހަފުލާއެއްގައި.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި، ރައީސް މަގާމުން ދުރު ކުރުމުގެ މައްސަލައަކީ ދުސްތޫރީ ނިޒާމުން ބޭރުވެދާނެ ފަދަ ގާނޫނީ ސަބަބުތަކެއް ހުރުމުން ހުށަހަޅާފައިވާ މައްސަލައެކެވެ. އަދި އެއީ ގައުމުގެ އާންމު މަސްލަހަތާ ވަރަށް ބޮޑަށް ގުޅިފައިވާ ދުސްތޫރީ މައްސަލައެއް ވެސްމެ އެވެ. ސަރުކާރުގެ އިދާރާތަކުން އަމަލުކުރަމުންދާ ގޮތުން ވެސް ގައުމުގެ އާންމު މަސްލަހަތު ގެއްލިފައިވާ މިންވަރު އެނގެ އެވެ.

"މިސާލަކަށް ސިޔާސީ އެއްވުންތަކާއި ޖަލްސާތަކަށް ބަލަމާ ހިނގާ. ޕީޕީއެމްގެ އެއްވުންތަކާއި ޖަލްސާތައް ބާއްވަން ދަރުބާރުގެ ވެސް، އާޓިފިޝަލް ބީޗް ވެސް އަދި ކާނިވާ ސަރަހައްދު ވެސް ބޭނުން ދުވަހަކު ބޭނުން ވަގުތަކަށް އެބަ ލިބޭ. އެކަމު އިދިކޮޅު ޕާޓީތަކަށް މާލޭގެ އެފަދަ އެއްވެސް ތަނަކުން ފުރުސަތެއް ސަރުކާރަކުން ނުދޭތާ ކިތައް އަހަރު މިވީ. ޕީޕީއެމަށާއި ސަރުކާރަށާއި ސަރުކާރަށް ތާއީދު ކުރާ ގުރޫޕްތަކަށް މާލޭގެ މަގުތަކާއި ގޯޅިތައް ބަންދުކޮށްލައިގެން ވެސް އެކި ކަންތައް ކުރެވޭ. އެކަމު އިދިކޮޅު ފަރާތްތަކަށް އޮތީ ކޮން ފުރުސަތެއް. މިވަރަށް ނޫންތޯ ގައުމުގެ އާންމު މަސްލަހަތު ގެއްލޭނީ. ދައުލަތުގެ ބިންތަކާއި އިމާރާތްތަކަކީ ޕީޕީއެމްގެ ތަރިކަ މުދާވީމާތޯ ހަމައެކަނި ޕީޕީއެމަށް އެ ދޫކުރަނީ،" ދުސްތޫރީ ނިޒާމުން ބޭރުވެ އާންމު މަސްލަހަތު ގެއްލިފައިވާ ކަން ހާމަކުރަމުން ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ރައްޔިތުންގެ އާންމު މަސްލަހަތުތަކުގައި މިހާ ވަރަށް ހަމައާއި އިންސާފު ނަގައިލީމާ މިހާރު ޝަކުވާއެއް ހުށަހަޅާނީ ކޮން ތާކަށް؟ ހިއުމަން ރައިޓްސް ކޮމިޝަން އެ އޮތީ ދާއިމީ ނިންޖެއްގައި. ވަކި މުއައްސަސާއެއް ކިޔާނެ ކަމެއް ނެތް. ސަރުކާރުން ކުރާ ކަމަކާ ދެކޮޅަށް ޝަކުވާއެއް ހުށަހަޅައިގެން ބަލައިދޭނެ އިދާރާއެއް މި ބިމަކު ނެތް. ދެން ގައުމުގެ އާންމު މަސްލަހަތު ގެއްލި ދުސްތޫރީ ނިޒާމުން ބޭރުވާނީ މިހާ ވަރަށް ނޫންތޯ. ރައީސް އެ ވިދާޅުވަނީ ސުޕްރީމް ކޯޓު މަގުން ކައްސާލާ ނަމަ، އެތަން ހަމަ މަގަށް އަޅުވަން ހުރީ ތިމަން މަނިކުފާނޭ. އެއަށް މާ އައުލާކަން ބޮޑު ނޫންތޯ އާންމު ރައްޔިތުންގެ މި މަސްލަހަތުތައް ހިމާޔަތް ކޮށްދެއްވިއްޔާ. އާންމުންގެ ޝަކުވާތައް ބަލަން ގާނޫނުއަސާސީން ކަނޑައެޅި ތަންތަން ނޫންތޯ މިނިވަން މުއައްސަސާތަކަކީ. އެ ތަންތަނަށް ހުށަހަޅާ އާންމުންގެ ޝަކުވާތަކަށް ބީރު ކަންފަތެއް ދިނުމަށް ވުރެ ބޮޑަށް ދުސްތޫރީ ނިޒާމުން ގައުމު ބޭރުވެދާނެ އެހެން ގޮތެއް އޮންނާނެތޯ،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

އެހެން ވިޔަސް މި މައްސަލަ އަށް މިއަށް ވުރެ ސާފު ޖަވާބެއް ބޭނުންވެ އެވެ. ރައީސްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ދުސްތޫރީ ނިޒާމުން ބޭރުވެދާނެ ފަދަ ގާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައެއް ކަމުގައި ވެދާނެ އެވެ. ނުވަތަ އެއީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއް ކަމުގައި ވެސް ވެދާނެ އެވެ. ނަމަވެސް އެކަމުގެ ނިހާއީ ހުކުމަކީ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުން ކަމުގައި ކަނޑައެޅުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވޭ ހެއްޔެވެ؟