Roadha Mihaaru
ދާލު އެއާޕޯޓް ރައީސް ހުޅުއްވައިދެއްވައިފި

ދާލު އެއާޕޯޓް ރައީސް ހުޅުއްވައިދެއްވައިފި

01 ނޮވެމްބަރ 2017

ދ. ކުޑަހުވަދޫ އެއާޕޯޓް ރަސްމީކޮށް، ރައީސް އަބްދުﷲ ޔާމީން މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދ. ކުޑަހުވަދޫ އެއާޕޯޓް ރަސްމީކޮށް، ރައީސް އަބްދުﷲ ޔާމީން މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.

ދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި، ދާލު އެއާޕޯޓް ހުޅުއްވައިދެއްވީ ކުޑަހުވަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މިއީ، ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ޑޮމެސްޓިކް އެއާޕޯޓެވެ.

ދާލު އެއާޕޯޓަށް ފުރަތަމަ ފްލައިޓް ޖެއްސީ ޖޫން، 1، 2017 ގަ އެވެ. މޯލްޑިވިއަންގެ ޝެޑިއުލްގެ ދަތުރުތައް ވެސް އެ އެއާޕޯޓަށް މިހާރު ވަނީ ފަށައިފަ އެވެ. މާލެ އިން ކުޑަހުވަދު އަށް އެއްކޮޅު ޓިކެޓްގެ އަގަކީ 888ރ. އެވެ.

ކުޑަހުވަދޫ އެއާޕޯޓް: މިއީ އަމިއްލަ މީހުންގެ ޖެޓުތައް ވެސް ޖެއްސޭ ގޮތަށް ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓު

ކުޑަހުވަދޫ އެއާޕޯޓް: މިއީ އަމިއްލަ މީހުންގެ ޖެޓުތައް ވެސް ޖެއްސޭ ގޮތަށް ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓު

"ދާލު އެއާޕޯޓް"ގެ ނަމުގައި މި އެއާޕޯޓް ހިންގާ ދާލު އެއާޕޯޓް ހޯލްޑިންސް އިން 64.81 ހެކްޓަރުގެ ބިން ހިއްކައިގެން 1،800 މީޓަރުގެ ދިގު ރަންވޭއަކާ އެކު ހެދި އެއާޕޯޓުގައި 42 ބޯޓަށް އެއްފަހަރާ ހިދުމަތް ދެވޭނެ އެވެ. އޭގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގައި އާއްމުކޮށް ބޭނުންކުރާ ޑޭޝް-8 އަދި އޭޓީއާރު-72 މަރުކާގެ ބޯޓުތައް ހިމެނޭއިރު، މިއީ އަމިއްލަ މީހުންގެ ޖެޓުތައް ވެސް ޖެއްސޭ ގޮތަށް ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓު ވެސް މެ އެވެ.

‎އަމިއްލަ ހަރަދުގައި ކުޑަހުވަދޫގައި އެއާޕޯޓެއް ތަރައްގީކުރަން ރިއޯލޯ އިންވެސްޓްމަންޓްސްއާ ސަރުކާރުން ހަވާލުކުރީ 2013 ގަ އެވެ. އަދި އެއާޕޯޓް ހިންގާނީ ރިއޯލޯ ހިއްސާވާ ދާލު އެއާޕޯޓް ހޮލްޑިން ޕްރައިވެޓް ލިމިޓެޑުންނެވެ.‎

ކުޑަހުވަދޫ: މި ރަށުގައި ހެދި އެއާޕޯޓް މިއަދު ވަނީ ރަސްމީކޮށް ހުޅުވާފައި.-- ފޮޓޯ: ގޫގްލް މެޕްސް

ކުޑަހުވަދޫ: މި ރަށުގައި ހެދި އެއާޕޯޓް މިއަދު ވަނީ ރަސްމީކޮށް ހުޅުވާފައި.-- ފޮޓޯ: ގޫގްލް މެޕްސް

ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނިން ވާހަކަ ދެއްކެވި އަހްމަދު ލަތީފް އާދަމް ވިދާޅުވީ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާ އެކު އަމާޒަކީ ދާލު އެއާޕޯޓަކީ ނަމޫނާ އެއާޕޯޓަކަށް ހެދުން ކަމަށެވެ. އެއާޕޯޓުގައި ޓޫރިސްޓުންނަށް ހާއްސަކޮށްގެން ޑެސްކްތަކެއް ބަހައްޓާފައިވާއިރު، އާއްމުންނަށް ވީހާވެސް ލުއި ފަސޭހަކޮށް ހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ވެސް 11 އެއާޕޯޓެއް އެބަ އޮތެވެ. އެއީ އިންޓަނޭޝަނަލް އެއާޕޯޓުތަކުގެ ގޮތުގައި ބަލާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އެއާޕޯޓާއި އދ. މާމިގިލީ އެއާޕޯޓް އަދި ހދ. ހަނިމާދޫ އެއާޕޯޓުގެ އިތުރުން، ހަތް ޑޮމެސްޓިކް އެއާޕޯޓެވެ. އެއީ ފުވައްމުލައް، ބ. ދަރަވަންދޫ، ރ. އިފުރު، ގއ. ކޫއްޑޫ، ގދ. ކާޑެއްދޫ، ލ. ކައްދޫ އަދި ތ. ތިމަަރަފުށީގައި އޮންނަ އެއާޕޯޓެވެ.