Roadha Mihaaru
70،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިއްޖެ: ރައީސް

70،000 ވަޒީފާ އުފެދިއްޖެ، ފުދިގެން ތިބޭނީތޯ ނުވަތަ މަގުމަތީގައި ޝަކުވާކުރާނީތޯ ނިންމާ: ރައީސް

01 ނޮވެމްބަރ 2017

ފަސް އަހަރުގެ ދައުރުގައި އުފެއްދެވުމަށް ދިވެހި ރައްޔިތުންނަށް ވައުދުވެވަޑައިގަތް 94،000 ވަޒީފާގެ ތެރެއިން މިހާތަނަށް 70،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިއްޖެ ކަމަށް ރައީސް އަބްދުﷲ ޔާމީން ދ. ކުޑަހުވަދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފަސް އަހަރުގެ ދައުރުގައި އުފެއްދެވުމަށް ދިވެހި ރައްޔިތުންނަށް ވައުދުވެވަޑައިގަތް 94،000 ވަޒީފާގެ ތެރެއިން މިހާތަނަށް 70،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިއްޖެ ކަމަށް ރައީސް އަބްދުﷲ ޔާމީން ދ. ކުޑަހުވަދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިހާތަނަށް ހެދި ޑޮމެސްޓިކް އެންމެ ބޮޑު އެއާޕޯޓް ރަސްމީކޮށް ހުޅުވަން ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަޒީފާތައް އިތުރުވެ އިގްތިސާދީ ކުރިއެރުންތައް ލިބެމުން އަންނަ ކަމަށެވެ. އެ ފުދުންތެރިކަން ގެނެސްދޭ ސަރުކާރަށް އެއްބާރުލުންދީގެން ކުރިއަށް ދާނީތޯ ނުވަތަ ނުތަނަވަސްކަން އުފައްދަން މަގުމަތީގައި ޝަކުވާކޮށްކޮށް ތިބޭނީތޯ ރައްޔިތުން ނިންމަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް 70،000 ވަޒީފާ އުފެދުނީ ހަމައެކަނި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އެކަންޏެއް ނޫނެވެ. އެކި ސަރަހައްދުތަކުގައި ގާއިމްވަމުންދާ އެއާޕޯޓްތަކާއި ހުޅުވަމުން އަންނަ އާ ރިސޯޓުތަކަކީ ވެސް އެތައް ހާސް ވަޒީފާއެއް ކަމަށް ވިދާޅުވި އެވެ.

ކުޑަހުވަދު އަށް ވަޑައިގެންނެވިއިރު މަރުހަބާ ދަންނަވަން ތިބި މީހުންނާ ރައީސް ޔާމީން ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ކުޑަހުވަދު އަށް ވަޑައިގެންނެވިއިރު މަރުހަބާ ދަންނަވަން ތިބި މީހުންނާ ރައީސް ޔާމީން ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވި ދާލު އެއާޕޯޓުގައި މަސައްކަތްކުރާ ކޮންމެ 10 މުވައްޒަފުންގެ ތެރެއިން ހަތް މީހުންނަކީ ކުޑަހުވަދޫގެ ޒުވާނުންކަން ރައީސް ފާހަގަކުރެއްވި އެވެ.

"މި 94،000 ވަޒީފާ ފޯރުކޮށްދިނުމުގައި އަޅުގަނޑުމެންގެ ޝައުގުވެރިކަން މިއޮތީ ހަމައެކަނި މާލެ ކައިރިއަށް މި ވަޒީފާތައް ޖަމާކުރާކަށެއް ނޫން. ދިވެހިރާއްޖެއަކީ ގުދުރަތީ ގޮތުން އަތުރާލެވިފައިވާ ޖަޒީރާ ރަށްތަކަކަށް ވާތީވެ، އެ ތަނަވަސްކަން އެ ރަށްތަކަށް، އެ ހިސާބުތަކަށް ތަނަވަސްކޮށްދިނުން. އެ ވިސްނުމުގައި އަޅުގަނޑުމެން އެއާޕޯޓްތައް ވެސް ހުޅުވަމުން މިގެންދަނީ،" ރައީސް ވިދާޅުވި އެވެ.

ދާލު އެއާޕޯޓް ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ދާލު އެއާޕޯޓް ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދުގެ މައި ނާރެހަކީ ޓޫރިޒަމަށް ވާއިރު ދިވެހި ޒުވާނުންގެ ޝައުގުވެރިކަން ހުރީ ވެސް އެ ދާއިރާ އަށެވެ. އެހެންވެ، ރާއްޖޭގެ އެކި ހިސާބުތަކުގައި އެއާޕޯޓް ހުޅުވާއިރު، ރިސޯޓްތައް ވެސް އިތުރުވެ، ވަޒީފާތައް ވެސް އުފެދިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ދާލު އެއާޕޯޓާ އެކު ކުޑަހުވަދޫގެ ރީތިކަން ދެ ގުނަވެގެންދާނެ ކަން ފާހަގަކުރައްވަމުން ވިދާޅުވީ އެ އެއާޕޯޓް ބޮޑުކުރާނެ ޖާގަ އަދި ވެސް އެބަ އޮތް ކަމަށެވެ. އެހެންވެ، އިންޓަނޭޝަނަލް އެއާޕޯޓަކަށް ދާލު އެއާޕޯޓް ނުހެދެންވީ ސަބަބެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

ދާލު އެއާޕޯޓް އިންޓަނޭޝަނަލް އަށް ބަދަލުކުރެވިދާނެ ކަމުގެ އިޝާރާތެއް ދެއްވިއަސް ތަފްސީލަކަށް ވަޑައެއް ނުގަންނަވަ އެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް އިގްތިސާދީ ފުދުންތެރިކަން ހޯދައިދިނުން ކަަމަށްވާއިރު އެކަމަށް ހުރަސްއެޅޭ ގޮތަށް ކަންކަން ނުކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. ރާއްޖެ އަށް އިންވެސްޓްމެންޓްތައް އަންނާނީ، ހަމަޖެހުން ގާއިމްވެފައި އޮވެގެން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ތި ބޭފުޅުންގެ ގެތަކަށް ޓަކި ޖަހަމުން ވަޒީފާގެ ފުރުސަތު އައީމަ، އެ ވަޒީފާތަކުގައި ދެމިތިބެވޭތޯ މަސައްކަތް ކުރައްވާށޭ. އެ އިންވެސްޓްމެންޓްތަކަށް ޖާގަ ދެއްވާށޭ. އެ ބޭފުޅުންނަށް ތި ބޭފުޅުންގެ އިހްތިރާމާއި މެހްމާންދާރީ އާއި ލޯބި ދައްކަވައި ދެއްވާށޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ހިތްހަމަނުޖެހޭ ކަންތައްތައް ހުއްޓަސް ތަރައްގީއަށް ލޮޅުން އަރުވަން ހަމަނުޖެހުން ނަގާނުލަން ރައީސް އެދިވަޑައިގެންނެވި އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު ހޭދަކުރަނީ ވެސް ރައްޔިތުންގެ ތަރައްގީއަށްކަން ވިސްނުމަށް ރައީސް ގޮވާލެއްވި އެވެ.