Roadha Mihaaru
ޔާމީންގެ މަޅިއަށް ޖޭޕީ އެބަ މެހޭ: ނަޝީދު

ޔާމީންގެ މަޅިއަށް ޖޭޕީ އެބަ މެހޭ: ނަޝީދު

30 މާޗް 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީން އުޅުއްވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގުނބޯ ހައްދައިގެން ކަމަށް ކޯލިޝަން މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އުޅުއްވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގުނބޯ ހައްދައިގެން ކަމަށް ކޯލިޝަން މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަން ޕާޓީތަކުން އެކުގައި ވާދަކުރަން އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ހެދި ޕީޕީއެމް/ޕީއެންސީ އަދި ޖުމްހޫރީ ޕާޓީން ވަނީ އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރަން ނިންމައިފަ އެވެ.

ގުރައިދޫ ދާއިރާ އަށް އެމްޑީޕީން ވާދަ ކުރާ ކެންޑިޑޭޓު މުހައްމަދު ނާސިރަށް ތާއީދު ހޯދަން ތ. ދިޔަމިގިލީގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ޔާމީންގެ މަޅި އަށް ޖުމްހޫރީ ޕާޓީ މެހޭތަން ފެނިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބަ ފެނޭ ރައީސް ޔާމީން ޖުމްހޫރީ ޕާޓީ ގުނބޯ ހައްދައިގެން ބުޅަލެއްހެން ކުޅުވަމުން ކުޅުވަމުން ގެންދާ ތަން. އެ މަޅިއަށް ރީތިކޮށްގޮސް ޖުމްހޫރީ ޕާޓީ އެބަ މެހޭ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދާއި ގާސިމް: ދެ ބޭފުޅުން ގެންދަވަނީ ބަހުގެ ހަމަލާތައް ދެއްވަމުން.-- ފޮޓޯ: މިހާރު

ނަޝީދާއި ގާސިމް: ދެ ބޭފުޅުން ގެންދަވަނީ ބަހުގެ ހަމަލާތައް ދެއްވަމުން.-- ފޮޓޯ: މިހާރު

ހަމަނޭވާ ލެވެން އޮތީ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމް/ކޮންގްރެސް ޕާޓީ އަދި ޖުމްހޫރީ ޕާޓީ އަށް ބޮޑު އަޣުލަބިއްޔަތެއް ދީގެން ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ ނަޝީދު ވަނީ އެ ކަމަށް ވެސް ރައްދު ދެއްވައިފަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުން ނުކުމެ ބޮޑުތަނުން ޔާމީން ބަލި ކުރީ ރައްޔިތުންނަށް ނޭވާ ނުލެވިގެންނެވެ. ރައްޔިތުންނަށް މިއަދު ވެސް ނޭވާ ނުލެވިގެން މިއުޅެނީ އަލުން ހުދުމުހުތާރު ވެރިކަމެއް ރާއްޖެ އަށް އަތުވެދާނެތީ ކަމަށް ވިދާޅުވެ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

"ނޭވާއެއް އެ ބޭފުޅާއަކަށް[ޔާމީނަށް] ނުލެވެޔޯ އަމިއްލަ ބޭބޭފުޅު ގެންގޮސް ޖަލަށް ނުލެވެނީހެއް. ނޭވާއެއް އެ ބޭފުޅާއަށް ނުލެވެޔޯ އެ ބޭފުޅާއަށް ބޮޑު ބޭބެ ކިޔާ އަމިއްލަ ދަރި ޖަލަށް ނުލެވެނީހެއް. ނޭވާއެއް އެބޭފުޅާ އަށް ނުލެވެޔޯ ހުރިހާ ސިޔާސީ ލީޑަރުން ދޫކޮށްލާފައި ތިބޭތީއެއް،" ނަޝީދު ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް ނޭވާ ނުލެވިގެން އެ އުޅުއްވަނީ ހުދުމުހުތާރު ބާރު އަލުން އެމަނިކުފާނަށް ލިބިވަޑައިނުގަންނަވައިގެން."

ނަޝީދު ވިދާޅުވީ އެމްޑީޕީ އޮތީ "ހޭލާ" ކަމަށާއި ދިވެހި ރައްޔިތުން ތިބި ގޮތް މިފަހަރު ރައީސް ޔާމީނަށާއި ޖުމްހޫރީ ޕާޓީއަށް ސާފު ވާނެ" ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ބަޣާވާތަކުން މި ސަރުކާރު ވައްޓާ ނުލައިފި ނަމަ ދިވެހިންނަށް ވަޒީފާގެ ފުރުސަތާއި ބޯހިޔާވަހިކަން ފަދަ އަސާސީ ހިދުމަތްތައް އެޖެންޑާ 19 ގެ ދަށުން ފޯރުކޮށްދޭނެ އެވެ.