Roadha Mihaaru
ރާއްޖެއާ މެދު ކަންބޮޑުވެ އެމެރިކާ-އިންޑިއާ މަޝްވަރާއަށް

ރާއްޖޭގެ ސިޔާސީ މަސްރަހާ މެދު އެމެރިކާ އާއި އިންޑިއާ އިން މަޝްވަރާކޮށްފި

05 ނޮވެމްބަރ 2017

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އެމެރިކާގެ ޑިޕްލޮމެޓުން އިންޑިއާގެ އިސް ބޭފުޅުންނާ އެކު، މިދިޔަ ބުރާސްފަތި ދުވަހު މަޝްވާރަކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އެމެރިކާގެ ޑިޕްލޮމެޓުން އިންޑިއާގެ އިސް ބޭފުޅުންނާ އެކު، މިދިޔަ ބުރާސްފަތި ދުވަހު މަޝްވާރަކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެ ގައުމުގެ ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައި، އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. ސުބްރަމަންޔަމް ޖައިޝަންކަރު ބައިވެރިވެޑައިގެންނެވި އެވެ.

އެ ދެ ބޭފުޅުންގެ މަޝްވަރާގައި ވަނީ، ރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރުންނާ މެދު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ފާހަގަކުރައްވައިފަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދާތީ އެކަމާ ވެސް އިންޑިއާ އާއި އެމެރިކާގެ އޮފިޝަލުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މި ބައްދަލުވުމުގައި އެމެރިކާގެ ޑިޕްލޮމެޓުން ފާހަގަކުރި އެއް ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން، މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން މަޖިލީހުގެ އިދާރާ އަށް ވެންނެވުމަށް ސަލާމަތީ ބާރުތަކުން ހުރަސް އެޅުން ކަމަށް ނޫސްތަކުގައިވެ އެވެ.

އެގޮތުން ސަލާމަތީ ބާރުތަކުން މެމްބަރުންނަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމެރިކާގެ ޑިޕްލޮމެޓުން ފާހަގަކުރި ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ވެ އެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން އެންމެ ބޮޑަށް ކަންބޮޑުވި އެއް ބަޔަކީ އެމެރިކާގެ ޑިޕްލޮމެޓުންނެވެ.

އެމެރިކާގެ ކަންބޮޑުވުންތަކާ ގުޅިގެން ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު "ދަ ހިންދު" އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ރާއްޖޭގެ ކަންކަން ހިނގަނީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފަށް ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ދާޚިލީ ކަންކަމާ ބޭރުގެ އެއްވެސް ބަޔަކު ބެހިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ޑިޕްލޮމެޓުން ވަނީ ޗައިނާގެ ނުފޫޒު ރާއްޖެ އަށް ވަރަށް ބޮޑަށް ގަދަވުމާއި ޗައިނާގެ އެކި ކުންފުނިތަކުން ގިނަ އަދަދެއްގެ އިންވެސްޓްމަންޓްތަކެއް ރާއްޖޭގައި އިންވެސްޓް ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައިފަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ރާއްޖެއާ މެދު އެމެރިކާ އިން ފާޅުކުރި ކަންބޮޑުވުންތައް، އިންޑިއާ އިން ވެސް ފާޅުކުރާކަން އަދި ސާފެއް ނޫނެވެ.

މީގެ ދެ އަހަރު ކުރިން 2015 ގައި އިންޑިއާގެ ބޮޑުވަރީ ނަރެންދުރަ މޯދީ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމެވި އެވެ. އެކަމަކު މޯދީ ރާއްޖެ އަށް ކުރައްވަން ހަމަޖެއްސެވި ދަތުރުފުޅު ފަހު ވަގުތު ކެންސަލް ކުރެއްވި ފަހުން މިހާތަނަށް އައިއިރު، ދަތުރުފުޅު ކުރައްވާނެ ދުވަހެއް އަދި ކަނޑައެއް ނާޅަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިއާގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ.