Roadha Mihaaru
މިހުރީ ގާނޫނީ އިމުގެ ތެރޭގައި: ސައުދުﷲ

މިހުރީ ގާނޫނީ އިމުގެ ތެރޭގައި، ރައްޔިތުން ވިސްނަން ޖެހޭ: ސައުދުﷲ

06 ނޮވެމްބަރ 2017

ގާނޫނުއަސާސީ އާއި ގާނޫނާއި ގަވާއިދުގެ ތެރޭގައި ދެމިހުންނަވާނެ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ބާއްވަން އުޅޭ ބައި އިލެކްޝަނާ މެދު ރައްޔިތުން ފުންކޮށް ވިސްނުމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ މިއަދު ގޮވާލައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގާނޫނުއަސާސީ އާއި ގާނޫނާއި ގަވާއިދުގެ ތެރޭގައި ދެމިހުންނަވާނެ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ބާއްވަން އުޅޭ ބައި އިލެކްޝަނާ މެދު ރައްޔިތުން ފުންކޮށް ވިސްނުމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ މިއަދު ގޮވާލައްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ދާދި ފަހުން ނިންމާފައި ވަނީ ސައުދުގެ ގޮނޑި ގެއްލިއްޖެ ކަމަށެވެ.

އޭނާ ނެރުނު ބަޔާނެއްގައި ވިދާޅުވީ ރައްޔިތުން ހަވާލުކުރި ގާނޫނީ ޒިންމާ އަދާނުކުރެއްވޭ ގޮތް ހަދައި ގޮނޑި ގެއްލުވާލީ ގާނޫނުއަސާސީ އާއި ގާނޫނާ ވެސް ހިލާފަށް ކަމަށެވެ.

އެކަމަކު މަގާމުގެ މަސްއޫލިއްޔަތު ވެވުނު މިންވަރަކަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އަދާކުރުންމަތީގައި ދެމިހުންނަވާނެ ކަމަށް ވެސް ޕީޕީއެމްގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.

ސަައުދުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސުން ނިންމީ ޕީޕީއެމުން އޭނާ ވަކިކުރި ކަމަށް އެ ޕާޓީން އެންގުމުންނެވެ. އެކަމަކު ޕީޕީއެމުން އެގޮތަށް ނިިންމުމުގެ ކުރިން ސައުދު ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އޭނާ އަކީ އެ ޕާޓީގެ މެމްބަރެއް ކަމަށް ކަނޑައެޅީ، ޕާޓީއެއްގެ ޓިކެޓެއްގައި ވާދަކޮށް ހޮވުނު މެމްބަރަކު، އެ ޕާޓީއަކުން ވަކިވުން، ވަކިކުރުން، ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށް ޖުލައި 13 ގައި ސުޕްރީމް ކޯޓުން ހުކުމްކުރުމުންނެވެ.

އެ ހުކުމް އައީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރަކު ސޮއިކުރައްވާ މަޖިލިހަށް ހުށަހެޅުއްވުމުންނެވެ. އެކަމަކު ސުޕްރީމް ކޯޓުން އެގޮތަށް ނިންމިޔަަސް ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ސަބަބުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅޭ އެއްވެސް ކަމެއް ގާނޫނުއަސާސީގައި ކަނޑައަޅާފައެއް ނުވެ އެވެ.

ސްވިފްޓް އިންޖީނިއަރިންގެ އެއް ހިއްސާދާރު ސައުދުﷲ ވިދާޅުވި ގޮތުގައި މަޖިލިސް އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ދާއިރާގެ ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ ގާނޫނުއަސާސީ އާއި ގާނޫނާއި ގަވާއިދާ އެއްގޮތަށް ތިނަދޫ ރައްޔިތުންނާއި ގައުމަށް ފައިދާވާނެ ގޮތަށް މަސައްކަތް ކުރެއްވުމެވެ.

ގާނޫނުއަސާސީ އާއި ގާނޫނާއި ގަވާއިދާ ހިލާފަށް ކަމެއް ކުރާ ނަމަ އެކަމަކަށް އެއްބާރުލުން ނުދޭނެ ކަމަށާއި އެކަމެއް ހުއްޓުވުމުގެ ގޮތުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ސައުދުﷲ ވިދާޅުވި އެވެ. އަދި މިއަދާ ހަމައަށް ވެސް އޭނާ ހުންނެވީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ އިންތިހާބުގައި 1024 ވޯޓު ހޯއްދެވި ސައުދުﷲ ވިދާޅުވި ގޮތުގައި މަޖިލިސް އިންތިހާބު ބޭއްވިއިރު، ތިނަދޫ އުތުރު ދާއިރާގައި ޕީޕީއެމް މެމްބަރުންގެ ގޮތުގައި ގިނަވެގެން ތިބޭނީ 300 މެމްބަރުންނަށްވެފައި، އެ ވޯޓުގައި އޭނާ ލިބިވަޑައިގެންނެވި ގިނަ ވޯޓަކީ ޕީޕީއެމްގެ މެމްބަރުންގެ ވޯޓެއް ނޫނެވެ. އަދި އޭރު ތިނަދޫގައި ތިބި ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން 90 ޕަސަންޓަށްވުރެ ގިނަ މެމްބަރުންނަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރަމުން ދިޔަ މީހުން ކަމަށް ވެސް ސައުދުﷲ ވިދާޅުވި އެވެ.

ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުން މިސާލު ނަންގަވަމުން ސައުދުﷲ ވިދާޅުވި ގޮތުގައި ޕީޕީއެމުން ވަކިވުމަށް މިދިޔަ ޖުލައި 10 ގައި ޕާޓީ އޮފީހަށާއި އިލެކްޝަންސް ކޮމިޝަނާއި މަޖިލީހުގެ އިދާރާ އަށް ސިޓީ ވާނީ ފޮނުއްވާފަ އެވެ. އަދި އެ މުއައްސަސާތަކަށް ސިޓީ ފޮނުއްވީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުގެ ދޮރު ބަންދުވެދާނެ ކަމުގެ އިޝާރާތް ލިބި، ވޯޓު ދެއްވި ގިނަ މީހުންގެ އިހްސާސްތައް އެނގި ހުރެ، އެ އިހްސާސްތަކާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ އިލެކްޝަނުން ތިނަދޫ އުތުރު ދާއިރާގައި ބާއްވަފާނެ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފު އިންތިހާބުގައި ތިޔަ ބޭފުޅުން ބައިވެރިވުމުގެ ކުރިން ފުންކޮށް ވިސްނައި ކަމާ ބެހޭ އެންމެހާ ސައްހަ މައުލޫމާތު ގާނޫނުއަސާސީގައިވާ ކަމާ ބެހޭ ފަރާތްތަކުން ހޯއްދެވުމެވެ،" ސައުދުﷲ ގެ ބަޔާނުގައިވެ އެވެ.

ސައުދުﷲ ގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާން އަދި ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ވަނީ ކަނޑައަޅައިފަ އެވެ.

ދާއިރާތަކުގެ ބައި އިލެކްޝަންތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް އީސީން ބުނެފައިވާއިރު، މިހާތަނަށް އެއިން އެއްވެސް އިންތިހާބެއް އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ބައި އިލެކްޝަންތައް ބޭއްވުމަށް ދާދި ފަހުން މަޖިލީހުން ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓުގައި ވަނީ 26 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން މެމްބަރެއްގެ ގޮނޑި ހުސްވާތާ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ.