Roadha Mihaaru
މުސްތޮފާ، ސައުދުﷲ އަދި ޝާހުގެ ގޮނޑި ގެއްލިއްޖެ

މުސްތޮފާ، ސައުދުﷲ އަދި ޝާހުގެ ގޮނޑި ގެއްލިއްޖެ

31 އޮކްޓޯބަރ 2017

ޕީޕީއެމުން އެދިގެން، ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައި ރައްޔިތުންގެ މަޖިލީހަށް މިއަދު އަންގައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމުން އެދިގެން، ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައި ރައްޔިތުންގެ މަޖިލީހަށް މިއަދު އަންގައިފި އެވެ.

މެމްބަރުކަން ގެއްލިއްޖެ ކަމަށް މިފަހަރު އީސީން ކަނޑައެޅީ، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ. މިގޮތަށް ނިންމީ މި މެމްބަރުން މާ ކުރިން ޕީޕީއެމުން ވަކިވެވަޑައިގެންފައި ވަނިކޮށް، އަލުން ސުކޫލީ މައްސަލަ ބަލައި ޕާޓީން ވަކިކުރީ ހޮނިހިރު ދުވަހު ކަމަށް ކަނޑައަޅައި ޕީޕީއެމުން އިލެކްޝަނަށް ފޮނުވުމުންނެވެ.

ސުލޫކީ ކޮމެޓީން ބުނި ގޮތުގައި ތިން މެމްބަރުން ޕީޕީއެމުން ވަކިކުރަން ނިންމީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އަމަލުކޮށް، ސަރުކާރު ބަދުނާމްވާ ގޮތަށް ވާހަކަ ދެއްކުމާއި ޕީޕީއެމް ޕީޖީ ގްރޫޕްގެ ނިންމުންތަކާ ހިލާފަށް މަސައްކަތް ކުރުމާ ގުޅިގެންނެވެ.

މި މެމްބަރުން މިދިޔަ ހަފުތާގައި ވަކިވި ކަމަށް އެ ޕާޓީން ނިންމީ ސުޕްރީމް ކޯޓުގެ ހުކުމަށް ފައްތަންވެގެންނެވެ. އެ ހުކުމުގައި ވަނީ މެންބަރަކު މަޖިލީހަށް އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކިކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށެވެ. އެކަމަކު ކުރިން ހިނގާފައިވާ ކަންކަމަށް އެ ހުކުމުގެ ބާރު ނުފޯރާނެ ކަމަށް ވެސް އެ ކޯޓުގެ ހުކުމުގައިވެ އެވެ.

މި ތިން މެމްބަރުން ވެސް ޕާޓީން ވަކިވާން ސިޓީ ހުށަހެޅުއްވީ ހުކުމުގެ ކުރިންނެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާގޮތުން، އެއްވެސް މީހަކު ގަދަކަމުން ޕާޓީގައި ނުހިފެހެއްޓޭނެ އެވެ. އެހެންކަމުން ޕީޕީއެމުން ވަކިވާން މި މެމްބަރުން އަމިއްލަ އަށް ސިޓީ ހުށަހެޅުއްވި ހިސާބުން ޕާޓީން ވަކިވާނެ އެވެ.

ޕީޕީއެމުން މިހާތަނަށް ވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާން އަދި ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދު ޕީޕީއެމުން ވަކިކުރަން ނިންމައިފަ އެވެ.

އަދި އެ ދާއިރާތަކުގެ ގޮނޑި ގެއްލުނު ކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިއުލާންކޮށްފަ އެވެ.ދާއިރާތަކުގެ ބައި އިލެކްޝަންތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް އީސީން ވަނީ ބުނެފައިވާއިރު، މިހާތަނަށް އީސީން ބައި އިލެކްޝަން އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ބައި އިލެކްޝަންތައް ބޭއްވުމަށް ދާދި ފަހުން މަޖިލީހުން ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓުގައި ވަނީ 26 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.