Roadha Mihaaru
ޑަބްލިއުޓީއެމްގައި ރާއްޖެ ދުނިޔެ އަށް ދައްކަނީ

ޑަބްލިއުޓީއެމްގައި ރާއްޖެ ދުނިޔެ އަށް ދައްކަނީ

08 ނޮވެމްބަރ 2017

މިތަނަށްވަދެގެން އަންނައިރު އެންމެ ފުރަތަމަ ފެންނަނީ ނ. އޮރިވަރުގައި އަލަށް ހަދާ ރޮބިންސަން ކްލަބް ނޫނު އިސްތިހާރުކުރަން ހަރުކޮށްފައިވާ ބޮޑު ބިލްބޯޑެވެ. ހަމަގައިމު ވެސް މިތަނަށް ވަންނަ ކޮންމެ މީހެއްގެ ލޮލުގައި އެ ބިލްބޯޑު އަޅައިގަންނާނެ އެވެ. އޭގެ އިތުރަށް މި ސިޓީގައި ދުއްވާ ބައެއް ޓެކްސީތަކުގައި ވެސް ދަނީ ރާއްޖެ އިސްތިހާކުރަމުންނެވެ.

އަބްދުﷲ ޖަމީލު ލަންޑަނުން: އަބްދުﷲ ޖަމީލު

މިތަނަށްވަދެގެން އަންނައިރު އެންމެ ފުރަތަމަ ފެންނަނީ ނ. އޮރިވަރުގައި އަލަށް ހަދާ ރޮބިންސަން ކްލަބް ނޫނު އިސްތިހާރުކުރަން ހަރުކޮށްފައިވާ ބޮޑު ބިލްބޯޑެވެ. ހަމަގައިމު ވެސް މިތަނަށް ވަންނަ ކޮންމެ މީހެއްގެ ލޮލުގައި އެ ބިލްބޯޑު އަޅައިގަންނާނެ އެވެ. އޭގެ އިތުރަށް މި ސިޓީގައި ދުއްވާ ބައެއް ޓެކްސީތަކުގައި ވެސް ދަނީ ރާއްޖެ އިސްތިހާކުރަމުންނެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި މިހާރު ކުރިޔަށް ދުނިޔޭގެ އެންމެ ބޮޑު އެއް ފެއާ (ވޯލްޑް ޓްރެވަލް މާކެޓް)ގައި ރާއްޖެ އިސްތިހާރުކުރަން ޓޫރިޒަމް ދާއިރާގެ ގިނަ އަދަދެއްގެ ކުންފުނިތަކުން ބައިވެރިވެ އެވެ. އެ ކުންފުނިތަކުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ތަސައްވަރު ރަނގަޅުކޮށް، އިތުރު ޓޫރިސްޓުން ގެނެވޭނެ މަގުތައްކޮށުމެވެ.

ލަންޑަންގައި މިހާރު ކުރިޔަށްދާ ވޯލްޑް ޓްރެވަލް މާކެޓްގައި ތައްޔާރުކޮށްފައިވާ ރާއްޖޭގެ ސްޓޭންޑް. ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު

ލަންޑަންގައި މިހާރު ކުރިޔަށްދާ ވޯލްޑް ޓްރެވަލް މާކެޓްގައި ތައްޔާރުކޮށްފައިވާ ރާއްޖޭގެ ސްޓޭންޑް. ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު

މިދިޔަ ހޯމަ ދުވަހު އެކްސެލް ލަންޑަން އެގްޒިބިޝަން ސެންޓަރުގައި ފެށި ފެއާގައި ރާއްޖެއިން މިފަހަރު ވެސް އެންމެ ބޮޑަށް މަސައްކަތްކުރީ ވީހާވެސް ގިނަ ބަޔަކަށް ރާއްޖެއާ ބެހޭ މައުލޫމާތު ދިނުމަށެވެ. އެގޮތުން ފެއާ ރަސްމީކޮށް ހުޅުވި ދުވަހު ވަނީ ދުނިޔޭގެ 180 ވަރަކަށް ނޫސްވެރިންނަށް ދައުވަތު ދީގެން ނިއުސްކޮންފަރެންސެއް ބާއްވައިފަ އެވެ. އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފާއި އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ޝިޔާންގެ ވެސް އެންމެ ބޮޑު އަމާޒަކަށްވީ ރާއްޖެއާ ބެހޭ ގޮތުން ކުރަން ބޭނުންވި ކޮންމެ ސުވާލަކަށް ޖަވާބުދީ، ރާއްޖެ ޕްރޮމޯޓްކުރަން ވީހާ ވެސް ގިނަ މައުލޫމާތު ފޯރުކޮށްދިނުމަށެވެ.

"މިފަހަރު ޑަބްލިއުޓީއެމްގައި ރާއްޖެއިން ބޭއްވި ޕްރެސްކޮންފަރެންސަކީ އެންމެ ގިނަ ނޫސްވެރިން ބައިވެރިވި ފަހަރު. އާއްމުކޮށް ކުރިން ބައިވެރިވެފައި ވަނީ ދިހައެއް ނުވަތަ ފަނަރަ ނޫސްވެރިން. އެކަމަކު އިއްޔެ އައި ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން،" ޑަބްލިއުޓީއެމްގައި ހުންވައިގެން "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި ޝިއާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިއްޔެ ބޭއްވި ނޫސްކޮންފަރެންސާއެކު މިއަދު ވެސް ރާއްޖެއާ ބެހޭ ތިން އާޓިކަލެއް ނޫސްތަކުން ފެނިވަޑައިގެންނެވި ކަމަށެވެ.

ލަންޑަންގައި މިހާރު ކުރިޔަށްދާ ވޯލްޑް ޓްރެވަލް މާކެޓްގައި ހުރި ސްޓޯލެއްގައި ރާއްޖެއާ ބެހޭ މައުލޫމާތު ދެނީ. ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު

ލަންޑަންގައި މިހާރު ކުރިޔަށްދާ ވޯލްޑް ޓްރެވަލް މާކެޓްގައި ހުރި ސްޓޯލެއްގައި ރާއްޖެއާ ބެހޭ މައުލޫމާތު ދެނީ. ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު

"އަޅުގަނޑު ދެކޭ ގޮތުން ވަރަށް ރަނގަޅު ޕްރޮމޯޝަން މަސައްކަތްތަކެއް މިތަނުގައި އެބަކުރެވޭ. ރާއްޖޭގެ އިކޮނޮމީއާ ބެހޭ ގޮތުން ވަރަށް ގިނަ ސުވާލުތަކެއްކުރި ނޫސްވެރިން. މޫޑީސް އާއި ފިޗްއިން ރާއްޖެއަށް ޕޮޒިޓިވް ކްރެޑިޓް ރޭޓިންއެއް ދިނީމަ އެކަމާ ގުޅިގެން އިތުރު އިންވެސްޓްމަންޓްތައް އަންނާނެ ކަމަށް ގިނަ ބަޔަކު ފާހަގަކުރި،" ޝިއާން ވިދާޅުވި އެވެ.

ޑަބްލިއުޓީއެމްގައި ރާއްޖެ ޕްރޮމޯޓްކުރަމުން އަންނަ މަސައްކަތްތަކާ މެދު އޭނާ ހުންނެވީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެންނެވެ. އެންމެ ބޮޑު އެއް ސަބަބެއް ކަމަށް ޝިއާން ފާހަގަކުރެއްވީ ނޫސްވެރިންނާއި ބޭރުގެ އެކިއެކި ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކޮށް މައުލޫމާތު ހޯދުމެވެ.

"ގިނަ ބިޒްނަސްތައް މިއަދު ނިމިގެން އެދިޔައީ. މިހާތަނަށް އަޅުގަނޑުމެންނަށް ލިބުނު ފީޑްބެކަށް ބަލާއިރު އިންޑަސްޓްރީން ވަރަށް ބޮޑަށް އުފާވެފައި ތިބީ. އަޅުގަނޑުމެން ހަދާފައި މިހުރި އެރޭންޖްމަންޓްތަކާއި ވަރަށް އުފާވެފައިތިބީ. ރާއްޖެއަށް ޓޫރިސްޓުން ފޮނުވާ ހުރިހާ ޓުއާ އޮޕަރޭޓަރުންގެ ނުވަދިހަ ޕަސެންޓާ ބައްދަލުކުރެވިއްޖެ. އަޅުގަނޑު ޕާސަނަލީ ވެސް އެ މީހުންނާ ބައްދަލުކުރިން،" ސަފީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފެއާ ގުޅިގެން އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑުކުރިއެރުމެއް އަންނާނެ ކަމަށެވެ.

"ފާއިތުވި ހަތަރު އަހަރަށް ބަލާއިރު ދިހަ ޕަސެންޓްގެ ކުރިއެރުމެއް މި ގައުމުން އެކަނި އައިސްފައި އެބައޮތް. މިއީ ނަންބަރުން ފެންނަން އޮތް އަދަދު. މިއިން ވެސް މި އެނގެނީ އަޅުގަނޑުމެން މިކުރަމުން އަންނަ މަސައްކަތްތަކާއި މީގެ ނަތީޖާ ފެންނަކަން،" ޝިއާން ވިދާޅުވި އެވެ.

ރާއްޖެ ޕްރޮމޯޓްކުރަން މަސައްކަތްކުރަމުން އަންނައިރު އެތެރެއިންނާއި ބޭރުން ވަރަށް ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ޑަބްލިއުޓީއެމްގައި ހުރި ސްޓޯލެއްގައި ރާއްޖެއާ ބެހޭ މައުލޫމާތު ބަޔަކު ދެނީ. ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު

ޑަބްލިއުޓީއެމްގައި ހުރި ސްޓޯލެއްގައި ރާއްޖެއާ ބެހޭ މައުލޫމާތު ބަޔަކު ދެނީ. ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު

"އިނގިރޭސިވިލާތުން އީޔޫއިން ވަކިވުމުގެ ކަންތަކާހެދި ވެސް އަޅުގަނޑުމެން ކުޑަކޮށް ކަންބޮޑުވި. އެއީ އަޅުގަނޑުމެންގެ އެރައިވަލްސްއަށް އަސަރުކޮށްފާނެތީ. އެކަމަކު މިއަހަރުގެ މިހާތަނަށް ބަލާއިރު އަޅުގަނޑުމެން ލަފާކުރި ވަރަށް ވުރެ މާގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި،" ޝިއާން ވިދާޅުވި އެވެ.

މި ފެއާގެ އިތުރުން ވެސް ޔޫރަޕްގައި ރާއްޖެ ޕްރޮމޯޓްކުރަން ތަފާތު މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން މި ގައުމުގައި ހުންނަ އެމްބަސީން އިސްނަގައިގެން އެކި ފެއާތަކުގައި ދަނީ ބައިވެރިވަމުންނެވެ.

"މިއަހަރު ވެސް އަޅުގަނޑުމެން ތިން އިވެންޓެއްގައި ބައިވެރިވިން ވަކިން އެމްބަސީގެ ފަރާތުން. އަޅުގަނޑުމެންނަށް ބޭނުންވާ މެޓީރިއަލްސްތައް ސަޕްލައިކޮށްދެނީ އެމްއެމްޕީއާރުސީން. ވަރަށް ގުޅިގެން މި މަސައްކަތްކުރަނީ،" ޝިއާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ ޕްރޮމޯޓްކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން އަންނަ އަހަރު އިނގިރޭސިވިލާތުން 120،000 ޓޫރިސްޓުން ގެނެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިއަހަރު ވެސް 105،000 ޓޫރިސްޓުން މި ގައުމުން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ޝިއާން ވިދާޅުވި އެވެ.

"މިހާތަނަށް ބަލާއިރު ޕޮޒިޓިވް ގްރޯތު ފެނިފައި ވަނީ. އެކަމަކު އިތުރަށް ކަންތައްތަކެއް ކުރަން އެބަ ޖެހޭ. މިހާރު މި ގައުމުގައި ދިމާވެގެން އުޅޭ ކަންތައްތަކާ ގުޅިގެން އިތުރަށް މަސައްކަތްތަކެއް ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ލަންޑަންގައި މިހާރު ކުރިޔަށްދާ ވޯލްޑް ޓްރެވަލް މާކެޓްގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެން ހުންނެވި އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު "މިހާރު"އަށް އިއްޔެ އިންޓަވިއުއެއް ދެއްވަނީ.

ލަންޑަންގައި މިހާރު ކުރިޔަށްދާ ވޯލްޑް ޓްރެވަލް މާކެޓްގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެން ހުންނެވި އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު "މިހާރު"އަށް އިއްޔެ އިންޓަވިއުއެއް ދެއްވަނީ.

ރާއްޖެ ޕްރޮމޯޓްކުރަން ވަޑައިގެން ހުންނެވި ސަރުކާރުގެ ޕީއާރު ކުންފުނި، އެމްއެމްޕީއާރުސީ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް އަހުމަދު ވިދާޅުވީ ރާއްޖޭގެ ސްޓޭންޑަށް މީގެ ކުރިން ދުވަހަކު ވެސް ނުލިބޭ ވަރުގެ ތަރުހީބެއް މިފަހަރު ލިބޭ ކަމަށެވެ.

"އިއްޔެ އަކީ މި ފެއާގެ ފުރަތަމަ ދުވަސް. މިތަނަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުން ވެސް ވަރަށް ބިޒީކޮށް މަސައްކަތްކުރުމަށްފަހު ވަރަށް އުފަލުން ނިންމާލީ. މިއަދު ވެސް ރާއްޖޭގެ ހުރިހާ ޓްރެވަލް ޕާޓްނަރުން ޝެޑިއުލްތަކާ އެއްގޮތަށް އެތިބީ އެޕޮއިންޓްމަންޓްތައް ހަމަޖެހިފައި. ސްޓޭންޑަށް ޒިޔާރަތްކުރާ މީހުންނަށް ބަލާއިރު ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.

ހާރިސް ވިދާޅުވީ ރާއްޖެ ޕްރޮމޯޓްކުރަން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

އެ ފެއާގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ މަޝްހޫރި ވިޔަފާރިވެރިޔާ އަދި މަޓީގެ ވައިސް ޗެއާމަން ޗަމްޕާ ހުސެއިން އަފީފް ވިދާޅުވީ ޑަބްލިއުޓީއެމް ފަދަ ފެއާތަކުގައި ބައިވެރިވެ ރާއްޖެ އިތުރަށް މާކެޓްކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ރާއްޖެ އިތުރަށް މާކެޓްކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. ސަރުކާރުން ވެސް އެކަންކުރޭ އަދި އަޅުގަނޑުމެން އަމިއްލައަށް ވެސް އެބަކުރެވޭ. އަޅުގަނޑުމެން ގުޅިގެން އެއާޕޯޓު ހެދެންވާއިރަށް މާކެޓްކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ލަންޑަންގައި މިހާރު ކުރިޔަށްދާ ވޯލްޑް ޓްރެވަލް މާކެޓްގައި ޓީއެމްއޭ ޕްރޮމޯޓްކުރަން ތައްޔާރުކޮށްފައިވާ ސްޓޯލްގައި އެ ކުންފުނީގެ އެއް ހިއްސާދާރު އަފީފް މައުލޫމާތު ދެއްވަނީ. ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު

ލަންޑަންގައި މިހާރު ކުރިޔަށްދާ ވޯލްޑް ޓްރެވަލް މާކެޓްގައި ޓީއެމްއޭ ޕްރޮމޯޓްކުރަން ތައްޔާރުކޮށްފައިވާ ސްޓޯލްގައި އެ ކުންފުނީގެ އެއް ހިއްސާދާރު އަފީފް މައުލޫމާތު ދެއްވަނީ. ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު

ގިނަ އަދަދެއްގެ ރިސޯޓު ހިންގާ ކްރައުން އެންޑް ޗަމްޕާ ރިސޯޓުގެ އެއް ހިއްސާދާރު ވިދާޅުވީ ޑަބްލިއުޓީއެމްގައި ބައިވެރިވުމުން ރާއްޖެއަށް ވަރަށް ބޮޑެތި ފައިދާތަކެެއް ކުރާނެ ކަމަށެވެ.

"މިތަނަށް ވަރަށް ގިނަ ބަޔަކު ރާއްޖެއާ ބެހޭ މައުލޫމާތު އޮޅުންފިލުވަމުންދޭ. އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގެ ތިމާވެށީގެ ހާލަތު. އެކަމަކު އަޅުގަނޑުމެން ރާއްޖޭގައި މިހާރު ކަންތައްތައްކުރާ ގޮތް ކިޔައިދިނިން. ރާއްޖެއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް،" އަފީފް ވިދާޅުވި އެވެ.

މި ފެއާއިން ދިމާވި އިޓަލީގެ ޓުއާ އޮޕަރޭޓަރަކު ވިދާޅުވީ ރާއްޖެއަކީ މިހާރު ޔޫރަޕަށް އާ ގައުމެއް ނޫން ކަމަށެވެ. ނަމަވެސް ޕްރޮމޯޓްކުރަން ކުރާ މަސައްކަތް އިތުރަށް ފުޅާކުރަން ޖެހޭ ކަމަށް އޭބާ ވިދާޅުވި އެވެ.

"ރާއްޖެއަކީ ދުނިޔޭގައި ކިތަންމެ މަޝްހޫރު ގައުމެއް ނަމަވެސް މި ސަރަހައްދުގެ ވަރަށް ގިނަ ގައުމުތަކަށް އަދިވެސް ރާއްޖެ ނޭނގެ. އެހެންވީ އެ ގައުމުތަކަށް ވެސް ރާއްޖެ އެނގޭނެ ގޮތްތަކެއް ހަދަން ވަރަށް ގިނަ މަސައްކަތްކުރަން ޖެހޭ،" އެ ޓުއާ އޮޕަރޭޓަރު ވިދާޅުވި އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ފެއާ މިއަދު ނިމޭއިރު ރާއްޖޭގެ ނަން ދުނިޔެއަށް ވިއްކުމަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. މީގެ ނަތީޖާ ކުރިޔަށް އޮތްތަނުގައި ފެންނާނެ ކަމަށް އެ މީހުންކުރާ އުއްމީދު ވެސް ބޮޑެވެ.