Roadha Mihaaru
ރާއްޖޭގެ 173 މަންދޫބުންނާއެކު ޑަބްލިއުޓީއެމް ފަށައިފި

ރާއްޖޭގެ 173 މަންދޫބުންނާއެކު ޓޫރިޒަމްގެ އެންމެ ބޮޑު ފެއާ ފަށައިފި

08 ނޮވެމްބަރ 2022

ދުނިޔޭގެ ޓޫރިޒަމްގެ ދާއިރާ އިން ބާއްވާ އެންމެ ބޮޑު ފެއާ، ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ދިވެހި 80 ކުންފުންޏަކުން 173 ބައިވެރިންނާ އެކު އިނގިރޭސި ވިލާތުގައި އިއްޔެ ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގެ ޓޫރިޒަމްގެ ދާއިރާ އިން ބާއްވާ އެންމެ ބޮޑު ފެއާ، ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ދިވެހި 80 ކުންފުންޏަކުން 173 ބައިވެރިންނާ އެކު އިނގިރޭސި ވިލާތުގައި އިއްޔެ ފަށައިފި އެވެ.

މާދަމާގެ ނިޔަލަށް ލަންޑަންގައި ބާއްވާ އެ ފެއާގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރާ ސަރުކާރުގެ މައި އިދާރާ އެމްއެމްޕީއާރުސީން އެ ދާއިރާގެ ޕާޓްނަރުންނާ ބައްދަލުކޮށް، ރާއްޖޭގެ ޓޫރިޒަމުގެ ތަފާތު ސެގްމަންޓްތަކާއި ރާއްޖޭ ޓޫރިޒަމުގެ ހާއްސަ ސިފަތަކާއި "ސަނީ ސައިޑް އޮފް ލައިފް"ގެ ތަޖުރިބާތަކާއި ހަރަކާތްތައް 420 އަކަމީޓަރުގެ ޑަބަލް ޑެކަ ސްޓޭންޑެއްގައި ދައްކަމުން ގެންދާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.

ރާއްޖޭގެ ސްޓޭންޑްގައި މި އަހަރު އަލަށް 360 ޑިގްރީގެ ކެމެރާ ބޭނުންކޮށް، ރާއްޖޭގެ ރީތި މަންޒަރުތަކާ އެކު ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވީޑިއޯ އަދި ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

ރާއްޖޭގެ ސްޓޭންޑްގައި ހިންގާ އެހެން ހަރަކާތްތަކުގެ ތެރޭގައި މީޑިއާ ޕެކްތައް ބެހުމާއި އަންނަ އަހަރުގެ "ޑެސްޓިނޭޝަން ގައިޑް" ނެރުމާއި ޓޫރިޒަމް މާކެޓް ކުރުމަށް އަންނަ އަހަރު އެމްއެމްޕީއާރުސީން ހިންގުމަށް ރާވާފައިވާ ހާއްސަ ހަރަކާތެއް އިފުތިތާހު ކުރުން ހިމެނެ އެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމަކީ އިނގިރޭސި ވިލާތެވެ. މި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަަލަށް ރާއްޖެ އަށް 147،000 ޓޫރިސްޓުން އެ ގައުމުން އައިސްފައިވެ އެވެ. އެއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ 10 ޕަސެންޓެވެ.