Roadha Mihaaru
ލޯނު ލިބޭ ދަރިވަރުންގެ ލިސްޓު އާއްމުކޮށްފި

މަތީ ތައުލީމުގެ ލޯނު ލިބޭ ދަރިވަރުންގެ ލިސްޓު އާއްމުކޮށްފި

09 ނޮވެމްބަރ 2017

މަތީ ތައުލީމް ހާސިލްކުރަން އެޑިއުކޭޝަން މިނިސްޓްރީން ދޫކުރާ ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓް އާއްމުކޮށް އެ އަށް ޝަކުވާ ހުށަހަޅަން މިއަދު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމް ހާސިލްކުރަން އެޑިއުކޭޝަން މިނިސްޓްރީން ދޫކުރާ ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓް އާއްމުކޮށް އެ އަށް ޝަކުވާ ހުށަހަޅަން މިއަދު ހުޅުވާލައިފި އެވެ.

ހަޔަ އެޑިއުކޭޝަން ޑިޕާޓްމަންޓުން ކުރި އިއުލާނުގައި ބުނީ މަތީ ތައުލީމުގެ ލޯނު ލިބުނު ދަރިވަރުންގެ ވަގުތީ ލިސްޓަށް އަންނަ ހަފުތާގެ ބުދަ ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރު "މިހާރު"އަށް ވިދާޅުވީ، ބައެއް ކޯސްތަކަށް ކަނޑައެޅި ޖާގަތަކަށް ވުރެ ހުށަހެޅި ދަރިވަރުންގެ އަދަދު ގިނަވުމުން، ކޮންމެ ކޯހަކުން ވެސް އިތުރަށް 30 ޕަސެންޓް ޖާގަ ދޭން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ގިނަ ދަރިވަރުންނަށް ޖާގަ ދެވިގެންދާނެ ކަމަށް ނަޒީރު ވިދާޅުވި އެވެ.

"އަބަދު ވެސް ބައެއް ކެޓަގަރީތަކަށް، ކަނޑައަޅާފައިވާ ޖާގައަށް ވުރެ ހުށަހަޅާ ދަރިވަރުންގެ އަދަދު ގިނަ. އެހެންވެ ސްކޮލަޝިޕްގެ ބޯޑުގެ ލަފައާއެކު މިފަހަރު މި ކަނޑައެޅީ، ކޮންމެ ކެޓަގަރީއަކުން 30 ޕަސެންޓް އިތުރަށް ދިނުމަށް. މީގެ ކުރިން ވެސް އޮންނާނެ މިގޮތަށް އަމަލުކޮށްފައި،" ނަޒީރު ވިދާޅުވި އެވެ.

"އޭރުން ވީހާ ވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދެވިގެންދާނެ. ކުރީ އަހަރުތަކާ ހިލާފަށް މި އަހަރު އެއް ކޯހަށް ވުރެ ގިނަ ކޯހަށް ކުރިމަތިލެވޭނެ. ބޭނުމަކީ ވީވަރަކުން ގިނަ ދަރިވަރުންނަށް ފުުރުސަތު ދިނުން."

މި ލޯނުގެ ތެރެއިން 16 ދާއިރާއަކުން ރާއްޖޭން ކިޔެވުމަށް ދެނީ 428 ފުރުސަތެވެ. ސާކުގެ އަށް ގައުމުގެ އިތުރުން ޗައިނާ އާއި މެލޭޝިޔާ، ޕިލިޕީންސް އަދި ތައިލެންޑުގައި ތިބެގެން 28 ދާއިރާއަކުން ކިޔަވަން ދީފައިވަނީ 572 ފުރުސަތެވެ. މި ލޯނަށް 600އަށްވުރެ ގިނަ ދަރިވަރުން ވަނީ ކުރިމަތިލައިފަ އެވެ.

ނަޒީރު ވިދާޅުވީ ލޯނަށް ކުރިމަތިލި ހުރިހާ ދަރިވަރުންގެ މޮބައިލް ފޯނަށް ވެސް، އެ ލިސްޓް އާއްމުކުރި ކަމުގެ މެސެޖު ކޮށްފައިވާ ކަމަށެވެ. އަދި ލިސްޓަށް ހުށަހަޅާ ޝަކުވާތައް ބެލުމަށްފަހު، އަންނަ ބުރާސްފަތި ދުވަހު ދާއިމީ ލިސްޓް އާއްމުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ލޯނުގެ ދަށުން އެންމެ ގިނައިން ދަރިވަރުން ހުށަހަޅާފައިވަނީ ޑިގްރީގެ ޕްރޮގްރާމްތަކަށެވެ. ވަކިވަކި ކޯހަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ޕައިލެޓްކަން ކިޔެވުމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި އަންނަ ޖެނުއަރީ މަހު ކިޔެވުން ފެށުމުގެ ކުރިން ދަރިވަރުންނަށް ލޯނު ލިބުނުކަމުގެ ލިޔުން ހަވާލުކުރާނެ ކަމަށެވެ.