Roadha Mihaaru
މަތީ ތައުލީމުގެ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މަތީ ތައުލީމުގެ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

26 އޮކްޓޯބަރ 2016

ޑިޕްލޮމާއިން ފެށިގެން މާސްޓާސްއާ ދެމެދުގެ ކޯސްތަކުގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑިޕްލޮމާއިން ފެށިގެން މާސްޓާސްއާ ދެމެދުގެ ކޯސްތަކުގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި ޑިޕްލޮމާއިން ފެށިގެން މާސްޓާސްއާ ހަމައަށް އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ދޫކުރާ މި ލޯނަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ އަންނަ މަހުގެ 13 އިން 17 ވަނަ ދުވަހާ ހަމައަށެވެ.

މިނިސްޓްރީން ބުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ކިޔަވަން ފެށި ދަރިވަރުންނަށް ވެސް ލޯނަށް އެދެވޭނެ ކަމަށެވެ.

މަތީ ތައުލީމް ހާސިލްކުރަން ދޫކުރާ ލޯނުގެ ދެ ވަނަ ބުރުގައި މިފަހަރު، ރާއްޖޭގައި ތައުލީމް ހާސިލް ކުރުމަށް 350 ދަރިވަރުންނަށް ލޯނު ދޭނެ އެވެ. އެއީ ރާއްޖޭގައި ޕައިލެޓް ސްޓަޑީސްގެ ލައިސަންސް ނެގުމަށް 10 ފުރުސަތާއި ޑިޕްލޮމާ އަށް ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން 35 ދަރިވަރަކަށާއި، ބެޗްލާސް ޑިގްރީ އަށް ކިޔަވަން ބޭނުންވާ 235 ދަރިވަރަކަށާއި މާސްޓާސް އަށް ކިޔަވަން ބޭނުންވާ 70 ދަރިވަރަކަށެވެ.

އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ތެރެއިން ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލްކުރުމަށް މިފަހަރު 550 ދަރިވަރުންނަށް ލޯނު ދޭނެ އެވެ. އެއީ ވޮކޭޝަނަލް ޑިޕްލޮމާ އަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް 100 ފުރުސަތަކާއި ބެޗްލާސް ޑިގްރީއަށް ކިޔެވުމަށް ދޫކުރާ 335 ފުރުސަތާއި މާސްޓާޒް ޑިގްރީއަށް ކިޔެވުމަށް ދޫކުރާ 110 ފުރުސަތު އަދި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް ފަސް ފުރުސަތެވެ.

ލޯނު އެހީގެ ފޯމާއި އުސޫލު މާދަމާއިން ފެށިގެން އަންނަ މަހުގެ 10 ގެ ނިޔަލަށް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަން (ޑީއެޗްއީ) އަދި އެ ޑިޕާޓްމަންޓްގެ ވެބްސައިޓްން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނީ މަތީ ތައުލީމުގެ ލޯނު އެހީގެ އެޕްލިކޭޝަން ފޯމް ހުށަހަޅަން ބޭނުންވާ ނަންބަރު މާދަމާއިން ފެށިގެން އެޕްލިކޭޝަން ފޯމާ އެކު ދޫކުރާނެ ކަމަށެވެ.

ފާއިތުވި ތިން އަހަރުގެ ތެރޭގައި 3،437 ލޯނު ފުރުސަތު ހުޅުވާލައި، އޭގެ ތެރެއިން 842 ދަރިވަރަކަށް ރާއްޖެއާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.