Roadha Mihaaru
ރާއްޖެއަށް ސަލާމަތީ މަޖިލިހުން ޖާގަ ދޭން ތާއީދު ލިބޭ

ރާއްޖެއަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ދޭން ގައުމުތަކުގެ ތާއީދު ލިބޭ: ނަސީރު

11 ނޮވެމްބަރ 2017

އދ.ގެ ސަލާމަތީ މަޖިލީހުން ރާއްޖެއަށް ފުރުސަތު ލިބުމަކީ އެކި ގައުމުތަކުން ބަލައިގަންނަ ކަމެއް ކަމަށް އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު، ޑރ. އަލީ ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އދ.ގެ ސަލާމަތީ މަޖިލީހުން ރާއްޖެއަށް ފުރުސަތު ލިބުމަކީ އެކި ގައުމުތަކުން ބަލައިގަންނަ ކަމެއް ކަމަށް އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު، ޑރ. އަލީ ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖޭން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދޭން ގައުމުތަކުގެ އެމްބެސަޑަރުންގެ ފެންވަރުގައި ބަނޑޮސް އައިލެންޑް ރިސޯޓްގައި ފެށި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ނަސީރު ވިދާޅުވީ ސަލާމަތީ ކައުންސިލަށް ރާއްޖެ ހޮވޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ނިއު ޔޯކުގައި ތިބޭ އެކި ގައުމުތަކުގެ ސަފީރުންނާ ބައްދަލުކޮށް، އެ ގައުމުތަކުގެ ތާއީދު ލިބޭނެ ގޮތްތަކާ މެދު މަޝްވަރާކުރެއްވި ކަން އޭނާ ފާހަގަކުރެއްވި އެެވެ.

ނަސީރު ވިދާޅުވީ މިހާތަނަށް ކުރެއްވި މަސައްކަތްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

"އދ. ގައި ނިންމުންތައް ނިންމާއިރު އެކަންކަމުގައި ރާއްޖެއަށް ބައިވެރިވެވޭނީ ކިހިނެއްތޯ، އެ ވާހަކަތައް [ސަފީރުންނަށް] ކިޔައިދީފައި އެ ގައުމުތަކުގެ ތާއީދު ހޯދުމުގެ މަސައްކަތް މިކުރަނީ. އެ މަސައްކަތް މިހާތަނަށް މި ގެންދެވުނީ ފުދޭވަރެއްގެ ހިތްހަމަޖެހުމަކާ އެކު. ގައުމުތަކުން [އެކަން] ބަލައިގަނޭ،" ނަސީރު ވިދާޅުވި އެވެ.

"ރާއްޖެ އަކީ އދ.ގެ ޗާޓަރުގެ އުސޫލުތަކާއި ހަމަތަކާއި ޝުއޫރުތަކާ އެކީގައި އދ.ގެ މަސައްކަތްތައް ވަރަށް ހިތްވަރާ އެކީ ކުރާ ގައުމެއް."

އދ.ގެ ސަލާމަތީ ކައުންސިލްގެ ގޮނޑިއެއް 2019 ގައި ހޯދަން ރާއްޖޭން ކުރިމަތިލާތީ އެހެން ގައުމުތަކަށް މައުލޫމާތު ދޭން ބާއްވާ މި ބައްދަލުވުމުގައި އަށް ގައުމެއްގެ އެމްބެސެޑަރުން ބައިވެރިވެވަޑައިގަންނަވަ އެވެ. ފޮރިން މިނިސްޓަރު އާސިމް ދާދި ފަހުން ވަނީ އެކި ގައުމުތަކަށް ވަޑައިގެން ވޯޓުގައި އެއްބާރުލުން ދޭން ވެސް އެދިވަޑައިގެންފަ އެވެ.

ނަސީރު ވިދާޅުވީ އދ.ގެ މެމްބަރު ގައުމެއްގެ ގޮތުން ރާއްޖެ ހޭދަކުރި 52 އަހަރުގެ ތެރޭގައި ދުނިޔޭގެ ސަމާލުކަމަށް މުހިއްމު މައްސަލަތަކެއް ގެނެސްފައި ކަމަށެވެ. އަދި އދ. އަށް ރާއްޖޭން ހުށަހަޅާ މައްސަލަތަކަށް ގައުމުތަކުގެ ތާއީދު ލިބިފައިވާތީ އެކަންކަން އެ ގައުމުތަކުން ބަލައިގަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.