Roadha Mihaaru
ދުނިޔޭގެ ކުރިމަތީގައި ބޮޑު ބައްޔެއް، އަދި ފިލާވަޅެއް!

ދުނިޔޭގެ ކުރިމަތީގައި ބޮޑު ބައްޔެއް، އަދި ފިލާވަޅެއް!

09 ޖޫން 2018

އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދައި އެތަނަށް ވަނުމަކީ ދުނިޔޭގެ ނިސްބަތުން އާދައިގެ ކަމެއް ނޫނެވެ. އދ. ގެ ދާއިމީ ފަސް މެމްބަރުން ކަމަށް ވާ އެމެރިކާ، ރަޝިއާ، ޗައިނާ، އިނގިރޭސި ވިލާތް، އަދި ފަރަންސޭސި ވިލާތާ އެކު، ދުނިޔޭގެ ބޮޑެތި މައްސަލަތަކުގައި ގޮތްތައް ނިންމަނީ އެ މަޖިލިހުންނެވެ. އެކަމަކު އެ މަޖިލިހުން ގޮނޑިއެއް ހޯދަން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، އަތުކުރި އޮޅާލައިގެން ކެމްޕެއިނަށް ނިކުތް ރާއްޖެއަށް އެ ފުރުސަތު އިއްޔެ މި ވަނީ ގެއްލިފަ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދައި އެތަނަށް ވަނުމަކީ ދުނިޔޭގެ ނިސްބަތުން އާދައިގެ ކަމެއް ނޫނެވެ. އދ. ގެ ދާއިމީ ފަސް މެމްބަރުން ކަމަށް ވާ އެމެރިކާ، ރަޝިއާ، ޗައިނާ، އިނގިރޭސި ވިލާތް، އަދި ފަރަންސޭސި ވިލާތާ އެކު، ދުނިޔޭގެ ބޮޑެތި މައްސަލަތަކުގައި ގޮތްތައް ނިންމަނީ އެ މަޖިލިހުންނެވެ. އެކަމަކު އެ މަޖިލިހުން ގޮނޑިއެއް ހޯދަން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، އަތުކުރި އޮޅާލައިގެން ކެމްޕެއިނަށް ނިކުތް ރާއްޖެއަށް އެ ފުރުސަތު އިއްޔެ މި ވަނީ ގެއްލިފަ އެވެ.

ރާއްޖޭގެ އެތެރޭގެ އެތައް ކަމަކަށް ދުނިޔޭގެ ފާޑުކިއުން އަމާޒުކުރި ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންމެ އިސްކަމެއް ދިން އެއް ކަމަކީ ސަލާމަތީ މަޖިލިހުގެ ގޮނޑިއެއް ހޯދުމެވެ. އެކަން ކާމިޔާބުވެއްޖެ ނަމަ ރާއްޖޭގެ "ގަދަރު" އިތުރަށް އުފުލޭނެ ކަމަށް ސަރުކާރުން ގަބޫލުކުރި އެވެ. އެކަމަކު، ކަން ދިމާވީ ސަރުކާރުގެ ވެރިންނާއި ބައެއް ދިވެހިން ހީކުރި ގޮތާ މުޅިން ހިލާފަށެވެ. ކުރިއަށް އޮތް ދެ އަހަރު، އޭޝިއާ ޕެސިފިކް ސަރަހައްދުން ސެކިއުރިޓީ ކައުންސިލްގެ ގޮނޑި، ރާއްޖެއާ ވާދަކޮށްގެން ލިބުނީ އެންމެ ބޮޑު އިސްލާމީ ގައުމު، އިންޑޮނީޝިއާ އަށެވެ.

އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ބޭއްވި އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި 190 ގައުމުގެ ތެރެއިން އިންޑޮނީޝިއާ އަށް 144 ގައުމުން ވޯޓް ދިން އިރު ރާއްޖެއަށް ލިބުނީ އެންމެ 46 ގައުމުގެ ވޯޓެވެ.

އިދިކޮޅު ފަރާތްތަކުން ސިފަކުރާ ގޮތުގައި މިއީ ރާއްޖެ އަށް ކުރިމަތިވި ލަދުވެތި ނަތީޖާއެކެވެ. ހާއްސަކޮށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަށް 2009 ގައި 185 ގައުމުގެ ވޯޓުން ރާއްޖެ އިންތިހާބުކޮށްފައި އޮއްވާ އިއްޔެގެ ވޯޓުގައި އެހާ ދަށްވުމުން، އެއީ ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ އަގު ވެއްޓިފައި އޮތް ކަމުގެ ހެއްކެއް ކަމަށް އިދިކޮޅު މީހުން ބުނެ އެވެ.

އެކަމަކު މި ނަތީޖާއާ އެކު ވެސް ސަރުކާރުގެ ވިސްނުން ތަފާތެވެ.

އދ. ގެ އާންމު މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ ވަފްދު. (ކ-ވ) އަލީ ނަސީރު، ޝައިނީ، އަދި ޒަމީރު.

އދ. ގެ އާންމު މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ ވަފްދު. (ކ-ވ) އަލީ ނަސީރު، ޝައިނީ، އަދި ޒަމީރު.

ސަރުކާރުގެ ވެރިން މިހާރު ދައްކަވާ ވާހަކަ އަކީ މި އެވެ؛ އިންޑޮނީޝިއާއަކީ މުޅި ދުނިޔޭގައި އޮތް އެންމެ ބޮޑު އިސްލާމީ ގައުމެވެ. އެ ގައުމުގައި 100 އަށް ވުރެ ގިނަ އެމްބަސީ ހުރެ އެވެ. ރާއްޖޭގައި ހުންނަނީ އެންމެ ހަ އެމްބަސީ އެވެ. އިންޑޮނީޝިއާގެ އާބާދީއަކީ 266 މިލިއަން އެވެ. ރާއްޖޭގައި އުޅެނީ އެންމެ ހަތަރު ލައްކަ މީހުންނެވެ.

އެހެންކަމުން އިންޑޮނީޝިއާގެ ކަހަލަ ގައުމެއްގެ ކުރިމަތީގައި ރާއްޖެ އަށް ލިބުނީ ކާމިޔާބީއެއް ކަމަށް ސަރުކާރުން މިހާރު ބުނެ އެވެ. އެކަމަކު ވޯޓުގެ ކުރިން ސަރުކާރުން ދެއްކީ އިންޑޮނީޝިއާގެ މައްޗަށް ކުރި ހޯދޭނެ ވާހަކަ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެ އަށް ކާމިޔާބުނުވުމުން ރާއްޖެ އިން ބުނީ ދުނިޔޭގެ ސުލްހަ އާއި ސަލާމަތަށް އެކަށީގެންވާ ގޮތަކަށް މަސައްކަތްކޮށް، ވަކާލާތުކުރަން، ކުދި ގައުމުތަކަށް ފުރުސަތު ނުލިބޭ ކަމަށެވެ. އެކަމަކު މުހިއްމު މައްސަލަތަކުގައި އަޑުއުފުލައި، ވަކާލާތުކުރާ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮންނާނެ ކަމަށް ބުންޏެވެ.

ސަރުކާރުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެ ނުލިބުމުން ހިތާމަކުރައްވާ ކަމަށެވެ. އެކަމަކު މިކަމުގައި ރާއްޖެއިން ދެއްކި ހިތްވަރު ކުދި ގައުމުތަކަށް ނަމޫނާއަކަށް ވާނެތީ އެއީ ރާއްޖެ އަށް ލިބުނު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކުރެވެން އޮތް އެންމެ ބޮޑަކަށް މަސައްކަތް ކުރިން. އެކިއެކި ވަޒީރުން، ގައުމުތަކުގެ މަންދޫބުންނާ ބައްދަލުކޮށް ވަރުގަދަ ކެމްޕެއިނެއް ކުރީ. އެކަމަކު، އިންޑޮނީޝިއާ އިން ރާއްޖެ އަށް ވުރެ، ވަރުގަދަ އަށް ކެމްޕެއިން ކުރީ. ހަރަދު ވެސް ކުރީ،" އޭނާ ވިދާޅުވި އެވެ.

އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓާ އެކު ސޯޝަލް މީޑިއާގައި "ހުޅުގަނޑު" ވަނީ ފަޅައިގެން ގޮސްފަ އެވެ. އެއް ބަޔަކު ބުނާ ގޮތުގައި ދުނިޔޭގެ "މޫނަށް ކުޅު" ޖަހާފައި އދ.ގެ ވޯޓު ރާއްޖެއަށް ކާމިޔާބުވެދާނެ ކަމަށް ސަރުކާރުން ދެއްކުމަކީ ވެސް މައްސަލައެކެވެ. ބޭރުގެ ގައުމުތަކުން ރާއްޖެއަށް އެ ދިނީ ބޮޑު ފިލާވަޅެއް ކަމަށާއި އެހެންވެ ސަރުކާރުގެ އަމަލުތައް މިހާރު އިސްލާހު ކުރަން ޖެހޭ ކަމަށް ވެސް އެމީހުން ގަބޫލުކުރެ އެވެ. އެކަމަކު ސަރުކާރަށް ތާއީދުކުރާ މީހުން ބުނަމުން އަންނަނީ، ގޮނޑި ކާމިޔާބު ނުވުމުން ހަޖޫޖަހަން ނުޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ރައީސް އަބްދުﷲ ޔާމީނަށް ކުރަން ޖެހޭނީ ތައުރީފް ކަމަށް ވެސް އެ މީހުން ބުނެ އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތުން ފެށިގެން ދުނިޔޭގެ އެކި ގައުމުތަކުން ރާއްޖެ އަށް އިހްތިރާމްކޮށް، ރާއްޖޭގެ ބަސް ބޮޑެތި ގައުމުތަކުން ގަބޫލުކުރަމުން އައި ކަމަށެވެ. އެކަމަކު މިހާރު ރާއްޖޭގެ އަގު އޮތް ހިސާބު ފެނިފައި ލަދުގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީން ސިފަކުރެއްވި ގޮތުގައި ކޮންމެ ގައުމެއްގެ ވެސް "މޫނު ބަލާ ލޯގަނޑަށް" ވާނީ އެ ގައުމެއްގެ ސަރުކާރެވެ. ސަރުކާރުގެ ނިންމުންތަކާއި އަމަލުތަކެވެ. އެހެންކަމުން އދ. ގެ ވޯޓުން ދިވެހި ރައްޔިތުން މިއަދު ލަދުގަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހެން މި ދިމާވީ، އދ.ގެ ނިންމުންތަކަށް ސަރުކާރުން ދެކޮޅުހަދައި އަމަލު ނުކުރުމުގެ ސަބަބުން. އެތައް ނިންމުންތަކެއް އދ. އިން ނިންމައި އަމަލު ކުރަން އެންގުމުން ވެސް އެކަން ނުކުރީ. އޭގެ ބަދަލުގައި އެ ނިންމުންތައް އަޅަމުން ދިޔައީ ކުނި ވަށިގަނޑަށް،" އަމީން ވިދާޅުވި އެވެ.

ޖަރުމަނުގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމާއި އަމީން ސަލާމް ކުރައްވާއިރު، އަލީ ވަހީދު (ވ) އާއި ޖަމީލް 
 (ކ) ކައިރީގައި. - ފޮޓޯ: ޖޭޕީ

ޖަރުމަނުގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމާއި އަމީން ސަލާމް ކުރައްވާއިރު، އަލީ ވަހީދު (ވ) އާއި ޖަމީލް (ކ) ކައިރީގައި. - ފޮޓޯ: ޖޭޕީ

އިންތިހާބުން ރާއްޖެ ނާކާމިޔާބުވި ސަބަބުތަކުގެ ތެރޭގައި އަމީން ފާހަގަކުރެއްވި އެއް ކަމަކީ އދ.ގެ އާންމު މަޖިލީހުގައި މިހާތަނަށް ވެސް ރައީސް ޔާމީން ތަގުރީރު ނުކުރެއްވުމެވެ. ރައީސް މައުމޫނުން ފެށިގެން މިހާތަނަށް ރައީސް ޔާމީން ނޫން އެހެން ހުރިހާ ރައީސެއް ވަނީ އދ. ގައި ތަގުރީރުކުރައްވައިފަ އެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވި ގޮތުގައި އދ.ގެ އާންމު މަޖިލީހުގެ ވޯޓުން ނިކުތް ނަތީޖާއާ މެދު އިދިކޮޅު ފަރާތްތަކުން ހައިރާނެއް ނުވެ އެވެ. ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ބޭރު ދުނިޔޭގެ ނަފްރަތު ރާއްޖެ އަށް އޮތް މިންވަރު ކުރިން ވެސް އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެތައް ކަމެއް ރަނގަޅު ނުކޮށް، އދ.ގެ އެއްވެސް ކަމަކަށް އިޖާބަ ނުދީ، އިންސާނީ ހައްގުތަކާ ގުޅޭ ކަންކަމުގައި ރާއްޖެ އިން ބީރު ކަންފަތެއް ދިނުމުގެ ނަތީޖާ މިއީ. ދުނިޔޭގެ ގައުމުތަކުން ހަގީގަތުގައި މި ނިންމީ ރާއްޖޭގައި އޮތް ސަރުކާރު ބަލައިނުގަންނަ ކަން،" ޝިފާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ވޯޓަށް ފަހު އެނގުނީ ރާއީސް ޔާމީންގެ މުސްތަގުބަލެއް ނެތް ކަމެވެ.

އަބްދުއްރަހީމް ކުރެއްވި ޓުވީޓު.

އެކަމަކު ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުންގެ ވިސްނުން ވަރަށް ތަފާތެވެ. ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ޓުވިޓާގައި ވިދާޅުވީ ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއަކަށް ރާއްޖެ އިން ވާދަކުރުމުން ހާމަވީ ރައީސް ޔާމީން ގައުމާ މެދު ދެކެވަޑައިގަންނަވާ ހުވަފެންފުޅު ކަމަށެވެ. އެހެންކަމުން ގޮނޑި ކާމިޔާބު ނުވުމުން ހަޖޫ ޖަހަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ރައީސް ޔާމީނަށް ތައުރީފުކުރަން ޖެހޭ ކަމެއް،" އަބްދުއްރަހީމް ލިއުއްވި އެވެ.

މަހްލޫފް ކުރެއްވި ޓުވީޓެއް.

ވޯޓާ ގުޅިގެން، އެންމެ ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވާ އެއް މެމްބަރަކީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އދ.ގައި ނެގި ވޯޓަކީ ހުދުމުހުތާރު ސަރުކާރަށް ދިން ފިލާވަޅެއް ކަމަށެވެ. އަދި އެ ފިލާވަޅު ސެޕްޓެމްބަރު 23ގައި އޮންނަ ރިޔާސީ އިންތިހާބުގައި ތަކުރާރުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަހުލޫފް އެދިވަޑައިގަތީ ރައީސް ޔާމީނަށް "ވޯޓު ދޭނަމޭ ބާރަށް ބުނެފައި" ސިއްރުން ވޯޓުލާއިރު، ރަނގަޅު ފިލާވަޅެއް ދޭށެވެ.

ސަރުކާރުގެ ވެރިން ވިދާޅުވާ ގޮތުގައި އދ.ގެ ވޯޓަކީ ގައުމުތަކުގައި ސިޔާސީ ގޮތުން ހިނގާ ކަންކަމަށް ބަލާފައި ދޭ ވޯޓެއް ނޫނެވެ. މިއީ ގައުމުތަކުން ކުރާ ކެމްޕެއިންގެ މައްޗަށް ބިނާކޮށް ދޭ ވޯޓެއް ކަމަށް ވެސް ސަރުކާރުގެ ވެރިން ވިދާޅުވެ އެވެ. އެ ބޭފުޅުންގެ ނަޒަރުގައި ރާއްޖޭގެ ސިޔާސީ ކަންކަން އެނގޭނީ "ދެތިން ހަތަރު ގައުމެއްގެ މަންދޫބުންނަށެ"ވެ.

އެކަމަކު ވޯޓަށް ބަލާއިރު ރާއްޖެ އަށް ލިބިފައި އެ ވަނީ ވަރަށް ބޮޑު ނާކާމިޔާބަކީއެކެވެ. ކޮންމެ ސަބަބަކާ ހެދި ކަމަށް ވިޔަސް ދުނިޔޭގެ ގިނަ ގައުމުތަކުން ބުނެފައި އެވަނީ ސަލާމަތީ މަޖިލިހުގެ ޒިންމާއެއް ހަވާލުކުރަން ރާއްޖެ އަދި ނުފުދޭ ކަމެވެ. އެހެންކަމުން މިއީ ރާއްޖެ އަށް ވަރަށް ބޮޑު ފިލާވަޅެއް ވެސް މެ އެވެ.