Roadha Mihaaru
އީއައިއޭއަށް އަމަލު ކުރުމުގެ އަމުރަކަށް އެދި ކޯޓަށް

ކުޅި ހިއްކުމާ ބެހޭގޮތުން ހެދި އީއައިއޭއަށް އަމަލު ކުރުމުގެ އަމުރަކަށް އެދި އިކޯ ކެއާ އިން ކޯޓަށް

13 ނޮވެމްބަރ 2017

ހދ. ކުޅުދުއްފުށީގެ އެއާޕޯޓް އަޅަން އެރަށު ކުޅި ހިއްކުމާ ބެހޭގޮތުން ހަދާފައިވާ އެންވަޔަރްމެންޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަ ކުރަން ދައުލަތަށް އަމުރު ކޮށްދޭން އެދި އިކޯ ކެއާއިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހދ. ކުޅުދުއްފުށީގެ އެއާޕޯޓް އަޅަން އެރަށު ކުޅި ހިއްކުމާ ބެހޭގޮތުން ހަދާފައިވާ އެންވަޔަރްމެންޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަ ކުރަން ދައުލަތަށް އަމުރު ކޮށްދޭން އެދި އިކޯ ކެއާއިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ އިކޯ ކެއާއިން މިދިޔަ ބުދަ ދުވަހު ސިިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އިއްޔެ ހިއްކަން ފެށި ކުޅުދުއްފުށީގެ ކުޅި ހިއްކުމާ ބެހޭ އީއައިއޭ ރިޕޯޓްގައި ކަންކަން ފުރިހަމަ ކުރަން ދައުލަތަށް އަމުރުކޮށް ދިނުމަށް އެދި އެވެ. އެ ދައުވާކުރަނީ އީޕީއޭ އާއި އެންވަޔަރްމަންޓް މިނިސްޓްރީގެ މައްޗަށެވެ. އެ މައްސަލަ ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.

އީއައިއޭ ރިޕޯޓްގައިވާ ގޮތުން ކުޅި ހިއްކައިފި ނަމަ އެ ރަށުގައި ފެން ބޮޑުވުމުގެ ނުރައްކާ ބޮޑުވުމުގެ އިތުރަށް ގުދުރަތީ ދިރުންތައް ނެތި ގެންދާނެ އެވެ. އެހެންވެ، އެކަންކަން ދިމާ ނުވާނެ ފަދަ ގޮތަކަށް އެ މަޝްރޫއު ކުރިއަށް ގެންދަން އެ ރިޕޯޓުގައި ލަފާ ދީފައިވެ އެވެ.

ކުޅި ހިއްކުން ހުއްޓުވުމުގެ އަމުރަކަށް އެދި އެރަށު މީހަކު ވެސް ކުޅުދުއްފުށީ ކޯޓަށް ކުރިން މައްސަލައެއް ހުށަހެޅި އެވެ. އެކަމަކު އެ މައްސަލަ އެ ކޯޓުން ބަލައިގެންފައެއް ނުވެ އެވެ.

އެމްޓީސީސީން އަލަށް ގެނައި ޑްރެޖަރު ބޭނުން ކޮށްގެން ކުޅުދުއްފުށީ ކުޅި ހިއްކަން އިއްޔެ ފަށާފައިވާއިރު އަންނަ މަހު އެ މަސައްކަތް ނިމޭނެ އެވެ. އޭގެފަހުގައި އެއާޕޯޓްގެ އަމަލީ މަސައްކަތް ފަށައި، އަންނަ އަހަރުގެ އޮގަސްޓް މަހު އެއާޕޯޓް ބޭނުން ކުރަން ފަށާނެ ކަމަށް ސަރުކާރުން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.