Roadha Mihaaru
އެފްކޮންސްގެ ޖޫރިމަނާ ކޯޓުން ފަސްކޮށެއް ނުދިން

އެފްކޮންސްގެ 69 މިލިއަންގެ ޖޫރިމަނާ ފަސްކުރުމުގެ އަމުރެއް ކޯޓުން ނުދިން

29 ނޮވެމްބަރ 2023

ތިލަމާލެ ބްރިޖް ހެދުމުގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ މައްޗަށް ކޮށްފައިވާ 69 މިލިއަން ރުފިޔާގެ ޖޫރިމަނާ ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ތިލަމާލެ ބްރިޖް ހެދުމުގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ މައްޗަށް ކޮށްފައިވާ 69 މިލިއަން ރުފިޔާގެ ޖޫރިމަނާ ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ.

ތިލަމާލެ ބްރިޖް ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެފްކޮންސްގެ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި، ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމި ނިންމުން އެންވަޔަރްމަންޓް މިނިސްޓަރު ވެސް އޮތީ ދަމަހައްޓަވައިފަ އެވެ. އަދި އެ ފައިސާ 15 ދުވަސް ތެރޭގައި ދައުލަތަށް ދައްކަން މިމަހުގެ 15 ވަނަ ދުވަހު ސަރުކާރުން އޮތީ އަންގައިފަ އެވެ.

އެ މައްސަލާގައި އެފްކޮންސްގެ ފަރާތުން ސިވިލް ކޯޓުގައި އެދުނީ އެ މައްސަލާގައި އެ ކުންފުނީގެ ފަރާތުން ދައުވާ ކުރެވެންދެން ޖޫރިމަނާ ދެއްކުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމި ނިންމުމުގައިވަނީ އެކަމަކީ ވަގުތުން ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއްކަން ބުނެދެވިފައިނުވާ ކަމަށެވެ. އަދި ޖޫރިމަނާ ނުދެއްކިއްޖެ ނަމަ އެއްބަސްވުން ބާތިލް ކުރުމުގެ ފުރުސަތު އޮތް ކަމަށާއި އޭގެ ސަބަބުން އެ ކުންފުނީގެ މާލީ ހާލަތަށް އަސަރު ކުރާނެ ކަމަށް ބުންޏަސް އެކަން ދިމާވާނެ ގޮތެއް ބުނެދެވިފައިނުވާ ކަމަށް އެ ނިންމުމުގައިވެ އެވެ.

ކޯޓުގެ ނިންމުމުގައިވަނީ ދައުވާ ހުށަހެޅުމުގެ ކުރިން އެފަދަ ވަގުތީ އަމުރެއް ނެރެދޭންޖެހޭ ފަދަ ސަބަބުތަކެއް އެފްކޮންސްއަށް ބުނެދެވިފައިނުވާ ކަމަށެވެ. އެހެންވެ، ޖޫރިމަނާ ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެފްކޮންސްގެ މައްޗަށް މިދިޔަ އަހަރު ކުރި ޖޫރިމަނާ އެ ކުންފުނިން މިނިސްޓަރަށް އިސްތިއުނާފް ކުރުމުން އެ މައްސަލާގައި ގޮތެއް ނިންމީ މި މަހު އެވެ.