Roadha Mihaaru
ސިވިލް ސާވިސްގެ މުސާރަ ބޮޑުކުރަން 234 މިލިއަން

ސިވިލް ސާވިސްގެ މުސާރަ ބޮޑުކުރަން ބަޖެޓުގައި 234 މިލިއަން ރުފިޔާ

15 ނޮވެމްބަރ 2017

އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 234 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 234 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

މަޖިލީހަށް ބަޖެޓް ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ސިފަކުރެއްވި ގޮތުގައި ސިވިލް ސާވަންޓުންނަކީ ސަރުކާރު ހިންގުމުގެ އިންޖީނެވެ. އެހެންކަމުން މުސާރަ ބޮޑުކުރުމުގެ އިތުރުން އަންނަ އަހަރުގެ ތެރޭގައި ސިވިލް ސާވަންޓުންނަށް 1،000 ފްލެޓް ހަމަޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސިވިލް ސާވިސްގެ މުސާރަ ބޮޑުކުރަން މި ނިންމީ، މުސާރަ ބޮޑުނުކޮށްގެން ސިވިލް ސާވަންޓުން ޝަކުވާ ކުރަމުންދާތާ އެތައް އަހަރެއް ފަހުންނެވެ. ސަރުކާރު މުވައްޒަފުންގެ މުސާރަ އެންމެ ފަހުން ބޮޑުކުރީ، މީގެ އަށް އަހަރު ކުރިންނެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމަށް މިއަދު ބޭއްވި ޖަލްސާގައި ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީ (ކ) އާއި މުހައްމަދު ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމަށް މިއަދު ބޭއްވި ޖަލްސާގައި ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީ (ކ) އާއި މުހައްމަދު ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް

ސިވިލް ސާވިސްގައި ގާތްގަނޑަކަށް 23،000 މުވައްޒަފުން މަސައްކަތް ކުރާ އިރު އެ މީހުންގެ މުސާރަ ނިސްބަތުން ކުޑަ އެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެންމެ އާދައިގެ މީހަކަށް މަހަކު 5،000ރ. ނުލިބެ އެވެ. އެންމެ ކުޑަވެގެން 10،000ރ. ގެ މުސާރައެއް ވެސް ގެއަށް ގެންދަން ލިބެނީ ޑިގްރީ ފެންވަރުގެ މުވައްޒަފުންނަށެވެ.

ސިވިލް ސާވިސް އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިވިލް ސާވަންޓުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަވުން ކަމަށް ސިިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވެސް ގަބޫލުކުރެ އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމަށް މިއަދު ބޭއްވި ޖަލްސާ ކުރިއަށް ގެންދަނީ.---ފޮޓޯ: މަޖިލިސް

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމަށް މިއަދު ބޭއްވި ޖަލްސާ ކުރިއަށް ގެންދަނީ.---ފޮޓޯ: މަޖިލިސް

ސިވިލް ސާވަންޓުންގެ މުސާރަ ކުޑަކަމުން، އެ މީހުންނަށް ކޮންމެ އަހަރަކު ވެސް ބޯނަސްއެއް ދޭން 2014 ވަނަ އަހަރު ސަރުކާރުން ނިންމި އެވެ. ބޯނަސް ދޭން 2014 އިން ފެށިގެން ދައުލަތުގެ ބަޖެޓުގައި ހިމެނި ނަމަވެސް އެ ފައިސާ ދެވުނީ އެންމެ ފަހަރަކު އެވެ.