އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން 27.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ. މިއީ މި ސަރުކާރުން މިހާތަނަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ.
15 ނޮވެމްބަރ 2017
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން 27.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ. މިއީ މި ސަރުކާރުން މިހާތަނަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ.
ބަޖެޓު ހުށަހެޅުމަށް ބޭއްވި ޖަލްސާގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ އެއީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ބަޖެޓެއް ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކަށް ބޮޑެތި ހައްލުތަކެއް ގެނައުމަށް ބާރު އަޅާފައިވާ ބަޖެޓެއް ކަމަށް މުނައްވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަޖެޓު އެކުލަވާލާފައި ވާނީ ތަރައްގީގެ މަޝްރޫއުތަކަށް އަހަންމިއްޔަތު ކަމެއް ދީ، އެ ކަންކަން ނިންމައި ނަތީޖާ ހާސިލް ވާނެ ގޮތަކަށް ބަލައިގެންނެވެ.
މުނައްވަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުން ޚަރަދު ކުރާނީ 24.9 ބިލިއަން ރުފިޔާ ކަމަށެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 22.4 ބިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭ 16.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބޭ 5.2 ބިލިއަން ރުފިޔާ އާއި އެހެނިހެން ފަންޑުތަކާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 858 މިލިއަން ރުފިޔާ އެވެ. އެހެން ކަމުން ބަޖެޓު ޑެފިސިޓް 2.5 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 3.2 ޕަސަންޓެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް މިއަދު ހުށަހެޅުމުގެ ޖަލްސާގައި، ޕީޕީއެމްގެ މެމްބަރު ނިހާނު (ވ) އާއި މުހައްމަދު އިސްމާއިލް.--- ފޮޓޯ: މަޖިލިސް
ބަޖެޓުގެ 56 ޕަސަންޓު ޚާއްސަ ކޮށްފައި ވަނީ ރިކަރަންޓު ޚަރަދަށެވެ. އެއީ 16.1 ބިލިއަން ރުފިޔާ އެވެ. ރިކަރަންޓް ޚަރަދުގެ އެންމެ ބޮޑު ބައެއް ހޭދަކުރަނީ މުސަރަ އާއި ޕެންޝަނަށެވެ. ރިކަރަންޓް ޚަރަދުގެ 23 ޕަސެންޓް ހޭދަކުރަނީ އާންމު ޚިދުމަތް ދިނުމަށެވެ. އަދި ލޯނުތަކަށް ނުވަ ޕަސެންޓު ހޭދަކުރާނެ ކަމަށް ބަޖެޓުގައިވެ އެވެ.
މީގެ އިތުރުން ސަރުކާރުން ދޭ އެހީ އާއި ސަބްސިޑީޒް އަށް 12 ޕަސެންޓު ހޭދަކުރުމަށް ނިންމާފައިވެ އެވެ. ބަޖެޓުގެ 43 ޕަސެންޓު ނުވަތަ 11.9 ބިލިއަން ރުފިޔާ އަކީ ކެޕިޓަލް ޚަރަދެވެ. މީގެ ތެރެއިން 53 ޕަސެންޓު ޚަރަދު ކުރަނީ ތަރައްގީގެ މަޝްރޫއުތަކަށް ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
- މި އަހަރު ނިމޭއިރު އިގްތިސާދު 6.9 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ.
- އިގްތިސާދު ކުރިއަރަނީ ފަތުރުވެރިކަމަށް އަންނަ ދިރުމުން.
- އިންފްލޭޝަން ރޭޓް މި އަހަރު ހުރީ 3.4 ޕަސެންޓުގައި.
- 2018 ގައި އިންފްލޭޝަން ރޭޓް 3.1 ޕަސެންޓުގައި ހުންނާނެ ކަމަށް ލަފާކުރެވޭ.
- 2018 ގައި ރިޒާވް 600 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ބެލެވޭ.
މުނައްވަރު ވިދާޅުވީ ދަރަނި އަދާކުރުމަށް 4.3 ބިލިއަން ރުފިޔާ ސަރުކާރުން މި އަހަރު ޚަރަދު ކޮށްފައިވާނެ ކަމަށެވެ. އަދި މި އަހަރު ނިމޭއިރު، ބަޖެޓަށް އާމްދަނީގެ ގޮތުގައި 20.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވޭއިރު، ބަޖެޓު ޑެފިސިޓު 1.4 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއާ އެކު، ޚަރަދު ކުޑަ ކުރުމަށް އެޅި ފިޔަވަޅާއެކު ބަޖެޓު ޑެފިސިޓު މިވަނީ ކުޑަ ކުރެވިފައި. ހަމަ އެހެންމެ، މި އަހަރު ނިމޭއިރު، ދައުލަތުގެ ދަރަނި ހުންނާނެ ކަމަށް ލަފާ ކުރެވެނީ 43 ބިލިއަން ރުފިޔާގައި. މިއީ ޖީޑީޕީގެ ނިސްބަތުން 61 ޕަސެންޓު. ދައުލަތުގެ ދަރަނި އިތުރުވެފައި ވަނީ ދައުލަތުން ހިންގާ ތަރައްގީގެ ބިޔަ މަޝްރޫއުތަަކަށް ބޭނުންވާ ފައިސާ ހޯދުމަށް. މި ހަތަރު އަހަރު ތެރޭގައި ދަރަނި 15 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާއިރު، މި މުއްދަތުގައި ތަރައްގީގެ މަޝްރޫއުތަކަށް 18 ބިލިއަން ރުފިޔާ ހޭދަކޮށްފައިވޭ،" އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖް ކުރައްވަނިކޮށް ބޭއްވި ޖަލްސާގައި މުނައްވަރު ވިދާޅުވި އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް މިއަދު ހުށަހެޅުމުގެ ޖަލްސާގައި، ޕީޕީއެމްގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު (ވ) އަދި އަހުމަދު ރަޝީދު.--- ފޮޓޯ: މަޖިލިސް
ހަތަރު އަހަރު ތެރޭގައި ބަޖެޓު މެދުވެރިކޮށް ދައުލަތް ހިންގުމަށާއި އާ ޚިދުމަތްތަކަށް، ރިކަރަންޓު ޚަރަދުގެ ގޮތުގައި 62 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ހިމަނައިގެން ކެޕިޓަލް ޚަރަދުގެ ގޮތުގައި 32 ބިލިއަން ރުފިޔާ ޚަރަދުކުރި އެވެ.
މުނައްވަރު ވިދާޅުވީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުން ބޮލަކަށް ޖެހޭ ނިސްބަތް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި އަންނަ އަހަރު ނިމޭއިރު، އެންމެ މަދުވެގެން ބޮލަކަށް ޖެހޭ ނިސްބަތް 10،000 ޑޮލަރަށް އެރުވުމަކީ އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރަށް ލަފާކޮށް، މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު މިދިޔަ މަހުގެ ތެރޭގައި މަޖިލީހުން ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ފާސްކުރި އަދަދާ އެކު މި އަހަރުގެ ބަޖެޓުގެ އަދަދު ވެސް ވަނީ 27.3 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.
ތިން ވަނަ ދައުރުގައި މައިގަނޑު ކަމެއްގެ ގޮތުގައި މަޖިލީހުގައި އޮންނާނީ ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް އެކަންޏެވެ. އެއީ މި މަސް ނިމުމާއެކު، މެމްބަރުން ދެ މަސް ދުވަހުގެ ބޮޑު ޗުއްޓީއަކަށް ވަޑައިގަންނަވާނެތީ އޭގެ ކުރިން ބަޖެޓާ މެދު މަޖިލީހުން ގޮތެއް ނިންމަން ޖެހޭތީ އެވެ. ގާނޫނުއަސާސީގައިވާ ގޮތުން ބަޖެޓު ފާސްކުރަން ބާއްވާ ޖަލްސާއަށް 43 މެމްބަރުން ހާޒިރުވެ ތިއްބަވަން ޖެހޭނެ އެވެ.
ތަރައްގީ މަޑުޖެއްސޭކަށް ނެތް، އުއްމީދުތައް ހާސިލްވާނެ
ދަރުމަވަންތަ ހޮސްޕިޓަލަށް 818 މިލިއަން ރުފިޔާ
ސިވިލް ސާވިސްގެ މުސާރަ ބޮޑުކުރަން 234 މިލިއަން
ބަޖެޓުގައި ނެތަސް، އެއާޕޯޓުތައް އަޅާނަން: މުނައްވަރު
ދަތިއަޅުވައި ވައްޓާލައިގެން މަޝްރޫއުތައް ނުހިނގާނެ
އާ ހޮސްޕިޓަލްގެ އިމާރާތަށް އަންނަ އަހަރު 447މިލިއަން
ދަރަނި 43 ބިލިއަން ރުފިޔާ އަށް، ބޮންޑު ވިއްކަނީ
ހުރިހާ ސްކޫލެއް އަންނަ އަހަރު ޑިޖިޓަލައިޒް ކުރަނީ
މަޖިލިހަށް ފޮނުވީ ބަޖެޓްގެ އަދަދު، ތަފްސީލެއް ނެތް!
އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ފޮނުވައިފި