Roadha Mihaaru
ރޮހިންޖާ މައްސަލަ ތަހުގީގު ކުރަން ޖެހޭ: ޓިލަސަން

ރޮހިންޖާ މައްސަލަ ތަހުގީގު ކުރަން ޖެހޭ: ޓިލަސަން

16 ނޮވެމްބަރ 2017

ޔަންގޮން (ނޮވެމްބަރު 16) - މިއަންމާގެ ރޮހިންޖާ މުސްލިމުންނަށް ކުރި އަނިޔާތަކުގެ މިނިވަން ތަހުގީގެއް ހިންގަން އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ގޮވާލައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔަންގޮން (ނޮވެމްބަރު 16) - މިއަންމާގެ ރޮހިންޖާ މުސްލިމުންނަށް ކުރި އަނިޔާތަކުގެ މިނިވަން ތަހުގީގެއް ހިންގަން އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ގޮވާލައްވައިފި އެވެ.

މިއަންމާ އަށް އިއްޔެ ވަޑައިގެންނެވި ޓިލަސަން ވިދާޅުވީ ރޮހިންޖާ މުސްލިމުންނަށް ކުރި އަނިޔާތަކާ މެދު އެމެރިކާ އިން ކަންބޮޑުވާ ކަމަށާއި ނަމަވެސް މި ދަނޑިވަޅުގައި މިއަންމާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ އެންމެ އެދެވޭ ކަމެއް ނޫން ކަމަށެވެ.

މިއަންމާގެ ރަކީން ސްޓޭޓުގައި މުސްލިމުންނާ ދެކޮޅަށް ސިފައިން ވަނީ އެތައް ޖަރީމާއެއް ހިންގައިފަ އެވެ. މުސްލިމުންގެ ގެތަކާއި ދަނޑުތަކުގައި އަލިފާން ޖަހާ އަދި އެތައް އަންހެނުންނެއް ރޭޕްކޮށްފައިވެ އެވެ. ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތައް ކުށްވެރި ކުރުމަށް އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ އަށް ބައިނަލްއަގުވާމީ ގޮތުން އެތައް ޕްރެޝަރެއް ކުރިމަތި ކުރި އެވެ. އެކަމަކު މަދަނީ ސަރުކާރުގެ ވެރިއަކަށް ސޫކީ ހުންނެވި ނަމަވެސް ސިފައިންގެ މައްޗަށް ކޮންޓްރޯލެއް ނޯވެ އެވެ.

ސޫކީއާ އެކު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓިލަސަން ވިދާޅުވީ ރަކީން ދޫކޮށް ބަންގްލަދޭޝް އަށް ދިޔަ ރޮހިންޖާ ރެފިއުޖީންގެ ހާލަތާ މެދު ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި ރެފިއުޖީންގެ ކަންކަން ހައްލު ކުރުމަށް މިއަންމާ އާއި ބަންގްލަދޭޝް އަށް އެމެރިކާ އިން އެހީވެ ދޭނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ އޮގަސްޓް މަހު ފަހުކޮޅު މިއަންމާގައި ހަމަނުޖެހުންތައް ހިންގަން ފެށި ފަހުން ރަކީން ދޫކޮށް ބަންގްލަދޭޝް އަށް ދިޔަ ރޮހިންޖާ ރެފިއުޖީންގެ އަދަދު ހަ ލައްކަ އަށް އަރަ އެވެ.

މުސްލިމުންނާ ދެކޮޅަށް ޖަރީމާ ހިންގި އިރު ހިމޭނުން ހުންނެވި މައްސަލައިގައި ސުވާލު ކުރުމުން ސޫކީ ވިދާޅުވީ އެ މައްސަލައާ ގުޅޭ ގޮތުން ސަރުކާރުން އެތައް ބަޔާނެއް ނެރުނު ކަމަށާއި އަދި އަމިއްލަ އަށް ވެސް ބަޔާންތައް ދެއްވި ކަމަށެވެ.

ރަކީންގެ ހާލަތާ ގުޅޭ ގޮތުން މިއަންމާ ސިފައިން ދާދި ފަހުން ނެރުނު ބަޔާނުގައި މުސްލިމުންނާ ދެކޮޅަށް ސިފައިން އެއްވެސް އަނިޔާވެރި އަމަލެއް ހިންގި ކަމަށް ބުނެފައެއް ނުވެ އެވެ.