Roadha Mihaaru
ސޫކީގެ ދޮގުތަކާ ހެދި ރެފިއުޖީން ރުޅިގަދަވެއްޖެ

ސޫކީގެ ދޮގުތަކާ ހެދި ރެފިއުޖީން ރުޅިގަދަވެއްޖެ

12 ޑިސެމްބަރ 2019

ކޮކްސް ބާޒާރު (ޑިސެމްބަރު 12) - މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމް ރެފިއުޖީންނާ ދެކޮޅަށް ސިފައިން ހިންގި ޖަރީމާތައް ދިފާއު ކުރައްވައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގައި އަން ސަން ސޫކީ އިއްޔެ ވާހަކަ ދައްކަވަން ފެށުމާ އެކު ބަންގްލަދޭޝްގެ ކޭމްޕްތަކުގައި ތިބި ރޮހިންޖާ ރެފިއުޖީން ރުޅިގަދަވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮކްސް ބާޒާރު (ޑިސެމްބަރު 12) - މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމް ރެފިއުޖީންނާ ދެކޮޅަށް ސިފައިން ހިންގި ޖަރީމާތައް ދިފާއު ކުރައްވައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގައި އަން ސަން ސޫކީ އިއްޔެ ވާހަކަ ދައްކަވަން ފެށުމާ އެކު ބަންގްލަދޭޝްގެ ކޭމްޕްތަކުގައި ތިބި ރޮހިންޖާ ރެފިއުޖީން ރުޅިގަދަވެއްޖެ އެވެ.

"މިއަންމާ ސިފައިން މުސްލިމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގި ކަމަށް ދުނިޔެ ހެކިވާނެ،" އަރާކާން ރޮހިންޖާ ސޮސައިޓީ ފޯ ޕީސް އެންޑް ހިއުމަން ރައިޓްސްގެ ރައީސް މުހައްމަދު މުހިއްދީން ވިދާޅުވި އެވެ. "ވަގަކު އެއްބަހެއް ނުވާނެ އެއީ ވަގެއް ކަމަށް. އެކަމަކު ހެކީގެ އެހީގައި އިންސާފަށް ވާސިލް ވެވޭނެ. ދުނިޔެ އަށް ވަނީ ގަތުލްއާއްމުގެ ހެކި ލިބިފައި."

އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ ކޯޓުގައި ސޫކީ ދޮގު ހެއްދެވި ނަމަވެސް އޭނާއާ ހަމައަށް އިންސާފު އަރާ ހަމަކުރާނެ ކަމަށެވެ. އަދި ސޫކީއާ ދެކޮޅަށް ދުނިޔެ އިން ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަންމާ ސިފައިން ރަކީން ސްޓޭޓުގައި 2017 ވަނަ އަހަރު ހިންގި އަނިޔާވެރި އަމަލުތަކުގައި ރޮހިންޖާ އެތައް ހާސް ބަޔަކު މަރާފައިވެ އެވެ. އަދި 700،000 އަށް ވުރެ ގިނަ މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.

އދ.ގެ ކޯޓަށް ހުށަހެޅި މައްސަލައިގެ ދިފާއުގައި ވާހަކަ ދައްކަވަމުން ސޫކީ ވިދާޅުވީ އެ މައްސަލަ ފުރިހަމަނުވާ ކަމަށާއި އެއީ "ގޯސް" ތުހުމަތުތަކެއް ކަމަށެވެ. އަދި ރަކީން ސްޓޭޓުގެ އާއްމުން މަރާ، އަންހެނުން ރޭޕްކޮށް، ގެތަކުގައި ހުޅުޖެހި ވާހަކަތައް ސޫކީ ވަނީ ދޮގު ކުރައްވައިފަ އެވެ.

އެކަމަކު ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި ތިބި ރޮހިންޖާ ރެފިއުޖީން އެ ވާހަކަތައް ގަބޫލެއް ނުކުރެ އެވެ.

"މިއަންމާ ސިފައިން ވަނީ އާއްމު ރައްޔިތުން ބަންދުކޮށް، ބަޑި ޖަހައި ފަހަރަކު މީހަކު މަރާފައި. ސޫކީ ދެއްކި ވާހަކަތައް ކިހިނެއް ގަބޫލް ކުރާނީ؟" ކޮކްސް ބާޒާރުގެ ރެފިއުޖީ ކޭމްޕެއްގައި އުޅޭ ނޫރް ކަމާލް ބުންޏެވެ.

ރޮހިންޖާ އެހެން ރެފިއުޖީއެއް ކަމަށްވާ ނޫރުލް އާލަމް ބުނީ ބައިނަލްއަގުވާމީ ކޯޓަށް ސޫކީ ދިޔައީ ދޮގު ހަދައިގެން ނަމަވެސް މިއަންމާގެ އާއްމު ރައްޔިތުންގެ ތާއީދު ހޯދަން ކަމަށެވެ. ބޭނުމަކީ އަންނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރުން ކަމަށް ވެސް އޭނާ ބުންޏެވެ.

ފަންސާސް ހަތް ގައުމު ހިމެނޭ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފަރާތުން، ރޮހިންޖާ މުސްލިމުންގެ މައްސަލަ އދ.ގެ ކޯޓަށް ހުށަހެޅީ ހުޅަނގު އެފްރިކާގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކުޑަ ގައުމެއް ކަމަށްވާ ގެމްބިއާ އިންނެވެ.

މިއަންމާގެ އަސްކަރީ ވެރިކަމާ ދެކޮޅަށް ކުރި މަސައްކަތަށް ސޫކީ އަށް 1991 ވަނަ އަހަރު ވަނީ ނޯބެލް ސުލްހައިގެ އިނާމު ދީފަ އެވެ.