Roadha Mihaaru
ލަންކާގެ ބުޑިސްޓުންނާއި މުސްލިމުން ތަޅާފޮޅުން ހިންގައިފި

ލަންކާގެ ބުޑިސްޓުންނާއި މުސްލިމުން ތަޅާފޮޅުން ހިންގައިފި

19 ނޮވެމްބަރ 2017

ކޮލަމްބޯ (ނޮވެމްބަރު 19) - ސްރީ ލަންކާގެ ދެކުނުގައި ބުޑިސްޓުންނާއި މުސްލިމުންގެ ތަޅާފޮޅުންތައް ބޮޑުވުމުން މައްސަލަ ހައްލު ކުރަން ރަޔަޓް ފުލުހުން ފޮނުވަން ޖެހިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްބަރު 19) - ސްރީ ލަންކާގެ ދެކުނުގައި ބުޑިސްޓުންނާއި މުސްލިމުންގެ ތަޅާފޮޅުންތައް ބޮޑުވުމުން މައްސަލަ ހައްލު ކުރަން ރަޔަޓް ފުލުހުން ފޮނުވަން ޖެހިއްޖެ އެވެ.

ވޭތުވެދިޔަ ދެ ދުވަހު ގޯލް ޕްރޮވިންސްގައި ހިިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން މިހާރު ވަނީ ކާފިއު އިއުލާންކޮށްފަ އެވެ. ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ 19 މީހުން ހައްޔަރުކޮށްފަ އެވެ. ދެ ބައި މީހުންގެ މެދުގައި ހަމަނުޖެހުން ހިންގަން ފަށާފައި ވަނީ ޓްރެފިކް އެކްސިޑެންޓަކާ ގުޅިގެންނެވެ. އެކްސިޑެންޓްވެފައި ވަނީ މޮޓޯ ސައިކަލް ދުއްވި ބުޑިސްޓަކާއި މުސްލިމް އަންހެނެކެވެ.

ހަމަނުޖެހުންތަކުގައި ފިހާރަތަކާއި މީހުންގެ ގޯތި ގެދޮރާއި މުދަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. ލަންކާ ފުލުހުން ބުނީ ބުޑިސްޓުންނާއި މުސްލިމުންގެ ތަޅާފޮޅުންތައް މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

ލަންކާގެ ބުޑިސްޓް-މުސްލިމް ހަމަނުޖެހުންތަކުގައި ގޯލް ޕްރޮވިންސްގެ ގިނަ އިމާރާތްތަކަށް ވަނީ ގެއްލުންދީފައި.

ލަންކާގެ ބުޑިސްޓް-މުސްލިމް ހަމަނުޖެހުންތަކުގައި ގޯލް ޕްރޮވިންސްގެ ގިނަ އިމާރާތްތަކަށް ވަނީ ގެއްލުންދީފައި.

ލޯ އެންޑް އޯޑަރު މިނިސްޓަރު ސަގަލާ ރަތުނަޔަކަ ވިދާޅުވީ ހަމަނުޖެހުންތައް މައިތިރި ކުރަން ޖެހުނީ ރަޔަޓް ފުލުހުންނާއި ސްޕެޝަލް ޓާސްކް ފޯސް އަދި ސިފައިން ވެސް ފޮނުވައިގެން ކަމަށެވެ. ރޭގަނޑު ކާފިއު ހިންގަން ޖެހުނީ އިތުރު ހަމަނުޖެހުން ހިންގިޔަ ނުދިނުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހަމަނުޖެހުންތަކުގައި ވަނީ 10 ވެހިކަލް ހަލާކުކޮށްލައިފަ އެވެ. މީގެ ތެރޭން ގިނައީ މުސްލިމުންގެ އެއްޗިއްސެވެ. ފަސްދޮޅަސް ދެ ގެއާއި ފިހާރަ އަށް ވަނީ ގެއްލުންދީފަ އެވެ.

ފުލުހުން ބުނީ ހަމަނުޖެހުންތަކުގައި ސޯޝަލް މީޑިއާގައި ހަގީގަތާ ޚިލާފު ވާހަކަ ފެތުރި މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތަކުުގެ ސަބަބުން ހަމަނުޖެހުން އިތުރަށް ހިންގާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ތިން އަހަރު ކުރިން ވެސް ލަންކާގެ މުސްލިމުންނާއި ބުޑިސްޓުން ހަމަނުޖެހުން ހިންގާ، އެތައް ހާސް މުސްލިމުންނެއް ވަނީ އެ މީހުންގެ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ.