Roadha Mihaaru
މުސްލިމުންނާ ދެކޮޅަށް ހަމަލާދޭތީ ކެންޑީގައި ކާފިއު

މުސްލިމުންނާއި ބުޑިސްޓުންގެ ހަމަނުޖެހުން ބޮޑުވެ ކެންޑީގައި ކާފިއު ހިންގައިފި

06 މާޗް 2018

ކޮލަމްބޯ (މާޗް 6) - މުސްލިމުންނާއި ބުޑިސްޓުންގެ ހަމަނުޖެހުންތައް ބޮޑުވެ ސްރީ ލަންކާގެ މެދުތެރޭގެ ކެންޑީގައި އިއްޔެ އިން ފެށިގެން ކާފިއު އިއުލާންކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (މާޗް 6) - މުސްލިމުންނާއި ބުޑިސްޓުންގެ ހަމަނުޖެހުންތައް ބޮޑުވެ ސްރީ ލަންކާގެ މެދުތެރޭގެ ކެންޑީގައި އިއްޔެ އިން ފެށިގެން ކާފިއު އިއުލާންކޮށްފި އެވެ.

ޓޫރިސްޓުންގެ މެދުގައި މަގްބޫލް ކެންޑީގައި މީހުން ބޭރަށް ނުކުމެ އުޅުން މަނާކުރި އިރު މިސްކިތްތަކާއި މުސްލިމުންގެ ފިހާރަތަކަށް ގެއްލުންދީ އެ ތަންތަނުގައި ވަނީ އަލިފާން ޖަހައިފަ އެވެ. އަދި އެ ހަމަނުޖެހުންތަކުގައި ވަނީ އެކަކު މަރުވެފަ އެވެ.

ސަރުކާރުން ބުނެފައި ވަނީ ކެންޑީގައި ފުލުހުން އެލާޓްކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނެފައި ވަނީ މިދިޔަ ހަފުތާ ބަންދުން ފެށިގެން ކެންޑީގައި ހަމަނުޖެހުން ހިންގާ، ބައެއް ތަންތަނުގައި ހުޅުޖަމުންދާ ކަމަށެވެ.

"ހުރިހާ ފަރާތްތަކަކުން، ޚާއްސަކޮށް އާއްމުންގެ ހަމަޖެހުމަށް އިލްތިމާސް ކުރަން،" ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރަ ވިދާޅުވީ ކާފިއު ހިންގީ ކެންޑީގެ ހާލަތު ހަމައަކަށް އަޅުވަން ކަމަށެވެ. ހަމަނުޖެހުން ހިންގުމުގެ ތުހުމަތުގައި މިހާތަނަށް ވަނީ ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.

ހަމަނުޖެހުންތައް އިތުރުވެފައި ވަނީ ދެ ފަރާތުގެ ކުރިމަތިލުންތަކުގައި ބުޑިސްޓް ސިންހަޅައަކު މަރުވެފައިވަނިކޮށެވެ.

ލަންކާގެ އިރުމަތީގައި ވެސް މިދިޔަ ހަފުތާގައި ވަނީ މުސްލިމުންނާއި ބުޑިސްޓުންގެ މެދުގައި ހަމަނުޖެހުންތައް އިތުރުވެފަ އެވެ. އެ ހަމަނުޖެހުންތައް އުފެދުނީ ސިންހަޅައިންނަށް ވިއްކާ ކާ ތަކެއްޗަށް މުސްލިމް ކައްކާ އަކު ދޭތެރެދުރުކުރާ ބޭސް އެޅިކަމުގެ ތުހުމަތާ ގުޅިގެންނެވެ. ސަރުކާރުން ބުނެފައި ވަނީ އެއީ އަސްލެއް ނެތް ތުހުމަތެއް ކަމަށެވެ. އަދި ހަމަނުޖެހުން ހިންގާ މީހުން ވަނީ ހައްޔަރު ކުރަން ފަށައިފަ އެވެ.

މުސްލިމުންނާއި ބުޑިސްޓުންގެ ހަމަނުޖެހުންތައް ހުއްޓުވުމުގައި ފުލުހުން ފިޔަވަޅު އެޅުމަށް ނުކުޅެދިފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ އަންގަވައިފަ އެވެ.

މިދިޔަ ނޮވެމްބަރު މަހު ވެސް ވަނީ ލަންކާގެ ދެކުނުގައި މުސްލިމުންނާއި ބުޑިސްޓުންގެ ހަމަނުޖެހުންތައް ބޮޑުވެ އެކަކު މަރުވެފަ އެވެ. ޖޫން 2014 ގައި މުސްލިމުންނާއި ބުޑިސްޓުންގެ ހަމަނުޖެހުންތަކުގައި ވަނީ ހަތަރު މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފަ އެވެ.

ލަންކާގެ 21 މިލިއަން މީހުންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ 10 ޕަސެންޓެވެ. އަދި ސިންހަޅައިންގެ ނިސްބަތަކީ 75 ޕަސެންޓެވެ.