Roadha Mihaaru

ލަންކާގެ މުސްލިމުން ހުކުރު ކުރީ ސިފައިންގެ ހިމާޔަތުގައި

ކޮލަމްބޯ (މާޗް 9) - ސްރީ ލަންކާގެ ވަކި ހިސާބުތަކެއްގައި މުސްލިމުންނަށް ބުޑިސްޓުންގެ ހަރުކަށި މީހުން ދޭ ހަމަލާތައް އިތުރުވެފައިވާތީ ލަންކާގެ މުސްލިމުން މިއަދު ހުކުރު ކުރަން ޖެހުނީ ފުލުހުންނާއި ސިފައިންގެ ހިމާޔަތުގަ އެވެ.

ލަންކާގެ މުސްލިމުން ހުކުރު ކުރީ ސިފައިންގެ ހިމާޔަތުގައި
ހަސަން އާމިރު
ހަސަން އާމިރު

09 މާޗް 2018

ކޮލަމްބޯ (މާޗް 9) - ސްރީ ލަންކާގެ ވަކި ހިސާބުތަކެއްގައި މުސްލިމުންނަށް ބުޑިސްޓުންގެ ހަރުކަށި މީހުން ދޭ ހަމަލާތައް އިތުރުވެފައިވާތީ ލަންކާގެ މުސްލިމުން މިއަދު ހުކުރު ކުރަން ޖެހުނީ ފުލުހުންނާއި ސިފައިންގެ ހިމާޔަތުގަ އެވެ.

މިސްކިތްތަކަށް ގެއްލުންދީފައިވާތީ ކެންޑީގައި މިއަދު ހުކުރު ކުރީ ހާމަ ތަންތަނުގަ އެވެ. ލަންކާގެ އެހެން ހިސާބުތަކުގައި ވެސް ހުކުރު ކުރި އިރު ސިފައިން ވަނީ މިސްކިތްތައް ގާޑުކޮށްދީފަ އެވެ. ކެންޑީ ހިމެނޭ ހިސާބުތަކުގެ 11 މިސްކިތަކަށް ވަނީ ގެއްލުންދީފަ އެވެ.

"ހުކުރު ނަމާދު ވަގުތު އެއްވެސް ހަމަނުޖެހުމެއް ހިންގައިފައެއް ނުވޭ،" ކޮލަމްބޯގެ ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ލަންކާ ސިފައިންގެ ވެރިޔާ އިއްޔެ ވަނީ ކެންޑީ އަށް ވަޑައިގެންފަ އެވެ. އަދި އިތުރު ސިފައިން ކެންޑީ އަށް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.

ފުލުހުން ބުނީ މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ 140 މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެކަމުގައި އެންމެ އިސްކޮޅު އުޅުނު މީނުން ވެސް ހިމެނެ އެވެ.

ކެންޑީ އަށް މިއަދު ވަނީ އިންޓަނެޓުގެ ޚިދުމަތް ދީފަ އެވެ. ނަމަވެސް ފޭސްބުކާއި ވަޓްސްއަޕް އަދި ވައިބާގެ ޚިދުމަތް އަދިވެސް ވަނީ މެދުކަނޑާލައިފަ އެވެ. އެއީ ސޯޝަލް މީޑިއާ ބޭނުންކޮށްގެން ހަމަނުޖެހުން އުފެއްދުމަށް ބުޑިސްޓް ހަރުކަށި ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާތީ އެވެ.

ލަންކާގައި މިހާރު ވަނީ 10 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.