Roadha Mihaaru
އުފައްދަން، ނުއުފައްދަން އުޅުނު އެމްޓީޑީސީ

އުފައްދަން، ނުއުފައްދަން އުޅުނު އެމްޓީޑީސީ

21 ނޮވެމްބަރ 2017

މޯލްޑިވްސް ޓޫރިޒަމް ޑިވަލަޕްމެންޓު ކޯރޕަރޭޝަން (އެމްޓީޑީސީ) ވުޖޫދަށް ގެނެވުނީ ވަރަށް މާތް މަޤްޞަދެއްގައެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ވިޔަފާރީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާށެވެ. ފަތުރުވެރިކަމުގެ ކޭކުން ކުޑަ އެތިކޮޅެއް ވެސް ކާން ބޭނުންވާ މީހުންނަށް ކެއުމުގެ ފުރުޞަތު ދިނުމަށެވެ. ފަތުރުވެރިކަމުގެ ވިޔަފާރިއަކީ "އަހަރުމެންގެ ވިޔަފާރި" އެކޭ ގިނަ ބަޔަކު ބުނާ ގޮތަށް ހެދުމަށެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވަލަޕްމެންޓު ކޯރޕަރޭޝަން (އެމްޓީޑީސީ) ވުޖޫދަށް ގެނެވުނީ ވަރަށް މާތް މަޤްޞަދެއްގައެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ވިޔަފާރީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާށެވެ. ފަތުރުވެރިކަމުގެ ކޭކުން ކުޑަ އެތިކޮޅެއް ވެސް ކާން ބޭނުންވާ މީހުންނަށް ކެއުމުގެ ފުރުޞަތު ދިނުމަށެވެ. ފަތުރުވެރިކަމުގެ ވިޔަފާރިއަކީ "އަހަރުމެންގެ ވިޔަފާރި" އެކޭ ގިނަ ބަޔަކު ބުނާ ގޮތަށް ހެދުމަށެވެ.

ފަތުރުވެރިކަމުގެ ވިޔަފާރީއަށް ވަދެވެނީ ބޮޑެތި ސައުދާގަރުންނަށެވެ. ގިނަ ފަހަރަށް ބޭރުގެ ބޮޑެތި މަހުޖަނުންނާ ގުޅިގެންނެވެ. ފަތުރުވެރިކަމަށް ކުރަން ޖެހޭ ހޭދަ ބޮޑުކަމުންނެވެ. ރާއްޖޭގައި ހުންނަ ބޭންކުތަކުން ބޭނުންވާ ޢަދަދަށް ފައިސާ ހޯދުމުގެ ދަތިކަން ހުރުމާއިި ދަރަންޏަށް ނަގާ ފައިސާއަށް ދައްކަން ޖެހޭ އިންޓަރަސްޓުގެ މިންވަރު ބޮޑުވުމާއި، ދަރަނި އަދާކުރަން ޖެހޭ މުއްދަތު ކުރުވުމުންނެވެ. ހުޅަނގުގެ ގައުމުތަކުގެ ބޭންކުތަކުން، ރާއްޖޭގެ ބޭންކުތަކުން ދަރަންޏަށް ފައިސާ ނެގޭ ވަރަށް ވުރެ ލުއިކޮށް ރަނގަޅަށް ދިގު މުއްދަތަކަށް ލިބޭތީވެއެވެ.

ފަތުރުވެރިކަމަށް ރަށެއް ތަރައްޤީ ކުރުމަކީ އާދައިގެ ދިވެއްސަކަށް ކުރެވޭވަރުގެ ކަަމަކަށް ނުވެއެވެ. ފަތުރުވެރިކަމުން އާމްދަނީއެއް ހޯދަން ބޭނުންވި، ފައިސާ މަދުން ގެންގުޅޭ މީހުން ދިޔައީ ގެސްޓުހައުސްގެ ވިޔަފާރިއަށެވެ. މިހާރު ގެސްޓުހައުސް ވިޔަފާރިއަކީ ވެސް ކުރީ ޒަމާނުގެ ގެސްޓްހައުސް ވިޔަފާރިއެއް ނޫނެވެ. މެދު ފަންތީގެ ސިޓީ ހޮޓެލް ވިޔަފާރި ކަހަލަ ވިޔަފާރިއެކެވެ.

އެމްޓީޑީސީ ވުޖޫދަށް އައުމުގައި ވެސް މައްސަލަތަކެއް ދިމާވެފައިވެއެވެ. އާދައިގެ ދިވެހި ރައްޔިތުން ފަތުރުވެރިކަމުގައި ބައިވެރިކުރުމަށް ހިއްސާ ވިއްކާ ކުންފުންޏެއް އުފެއްދުމަށް ކަމާ ބެހޭ އޮފީހުން ފުރަތަމަ ހުށައެޅީ ވެލައްސަރާއި، ބަނޑޮހާއި، ކުރީގައި ރިޒޯޓެއްގެ ގޮތުގައި އޮތް ވިލިނގިލީ ހިންގުމުގެ ބާރު ސަރުކާރުގައި އޮތް ދުވަސްވަރެއްގައެވެ. ކުންފުންޏެއް އުފެއްދުމާ ބެހޭ ގޮތުން ހުށައެޅި ކަރުދާސް އެ އޮތް ތަނެއްގައި އެތަކެއް އަހަރު ވާންދެން ފިޔަވަޅެއް ނޭޅި އޮތުމަށް ފަހު ކުންފުނި އުފެއްދުނީ 2006 ގަ އެވެ. ކުންފުނި އުފެދުނު އިރު ފަތުރުވެރިކަމުގެ މަސްރަޙް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ރާއްޖޭގެ ފަތުރުވެރިކަން ވަނީ އާ އުސްމިނަކަށް ދަތުރުކޮށްފައެވެ. ފަތުރުވެރިކަމުގެ ޞިނާޢަތުގެ ސައުދާގަރުން ވަނީ ރާޖާއިންނަށް ބަދަލުވެފައެވެ. ރާޖާއިން ވަނީ މަހާރާޖާ އިންނަށް ބަދަލުވެފައެވެ. ފަތުރުވެރިކަމުގެ ޞިނާޢަތުގެ "ދަރުބާރުތަކުން" ބޭނުން ގޮތަކަށް އެ ޞިނާޢަތު ބައްޓަންކުރެއެވެ. ސިޔާސަތާ ބެހިގެނެއް ނޫނެވެ. ވެރިންނަށް ފާޑުކިޔައިގެންނެއް ނޫނެވެ. ފާޅުގައި ކެމްޕޭނުތަކަށް ބޮޑު ހޭދައެއް ކޮށްގެނެއް ނޫނެވެ. ފުށްގަނޑު މޮޑެލާ ހިސާބަށް އައުމުން އެންމެ ރަނގަޅަށް މޮޑެލެވޭނީ ކިހާވަރަކުން ކަން "އެދަރުބާރުތަކަށް" އެނގެއެވެ. ފިތާލަންވީމާ ފިތާލަންވީ ކިހާ ވަރަކަށްތޯ "އެދަރުބާރުތަކަށް" އެނގެއެވެ. އައްދޮކިޔާ ވަރަށްތޯ ނުވަތަ ތަދުވާތީވެ ސިއްސައިގެން ދާވަރަށްތޯއެވެ.

އެމްޓީޑީސީ އުފެދުނުއިރު އިސްކޮށް އުޅުއްވި ވަރަށް އިސް ސިޔާސީ ވެރިޔަކު ވިިދާޅުވި ގޮތުގައި، ކުންފުނި ވުޖޫދަށް އައުމަށް އެހާ ގިނަ ދުވަސް ނެގީ ކުންފުނި ވުޖޫދަށް އަޔަ ނުދިނުމަށް ތަފާތު ގޮތްގޮތުން ނުފޫޒު ގަދަ ބަޔަކު ވާންކޮށް ހިފެހެއްޓުމުގެ ސަބަބުންނެވެ. އެވާހަކައިގެ ޙަޤީޤަތެއް ދަންނަވާކަށް ނޭނގެއެވެ. ސަބަބަކީ އެވާހަކަ ދެއްކެވިއިރު އެބޭފުޅާ ހުންނެވީ "ވައިކަޓާފައި" ކަމަށް ވާތީވެއެވެ.

މި ސަރަހައްދުގެ ހުރިހާ ގައުމެއްގައި ވެސް ޢާއްމު ފަރުދުންނަށް ޙިއްޞާ ވިއްކައިގެން ހިންގާ ފަތުރުވެރިކަމުގެ ކުންފުނިތައް އެބަ ހުއްޓެވެ. ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ގޮތަށް ވެސް މެއެވެ. އެ ކުންފުނިތަކުގެ ވިޔަފާރި ވަރަށް ކާމިޔާބެވެ. އެ ކުންފުނިތަކުގެ ސަބަބުން، އަމިއްލަ މީހުން ހިންގާ ކުންފުނިތަކަކަށް ގެއްލުމެއް ނުވެއެވެ. ފަތުރުވެރިކަމުގެ ވިޔަފާރިއަކީ ބޮޑު ވިޔަފާރިއެކެވެ. މާކެޓްކުރަން އެނގޭ، މުރާލި، އާ ޚިޔާލުތަކުގެ މީހުންނަށް ފަސޭހައިން ކުރިޔަށް ދެވޭނެ ޞިނާޢަތެކެވެ. ރާއްޖޭގެ މި ޖީލުގައި އެވައްތަރުގެ މީހުން ބައިވަރެވެ. ބޭނުންވަނީ މަޤާމެވެ. ކުރިއަށްދާނެ މަގެކެވެ. ބާރެވެ. ގޯހެއް ހަދައިފި ނަމަ ބެލޭނެ ރަނގަޅު ނިޒާމަކާއި އެއްވެސް އިސްތިސްނާއެއް ނެތި ފިޔަވަޅު އެޅޭނެ ހަރުދަނާ ޤަވައިދެކެވެ. ސިޔާސީ ކޮއްޓުމާއި، ކޮއްޕުމުގެ ރައްކާތެރިކަމެވެ.

ފާއިތުވި އަހަރުތަކުގައި ސަރުކާރުން އެމްޓީޑީސީއާ މެދު ކަންތައް ކޮށްފައިވަނީ ރައްޔިތުންނާއި ސަރުކާރު ބައިވެރިވާ ކުންފުންޏަކާ މެދު ކަންތައްކުރާ ގޮތަކަށެއް ނޫނެވެ. ކުންފުނި ކޮޅަށް ޖެހުމަށް ޤާނޫނީ ލުޔެއް، ނުވަތަ ޤަވައިދުގެ ލުޔެއް ދީފައެއްނުވެއެވެ. މިކަމުގެ ސަބަބުން ޤާނޫނަށް ގެންނަ ބަދަލަކުން، އެތަކެއް އަހަރު ވާންދެން ވުޖޫދަށް "ގެންނާނެތޯ ނުވަތަ ނުގެންނާނެތޯ" ކިޔަކިޔާ އޮތުމަށް ފަހު ވުޖޫދަށް ގެނައި އެމްޓީޑީސީ ރަނގަޅަށް ހިނގައިނުގަނެވި އުޅެނިކޮށް އިނދަޖެހުނު ކަމަށް ވެއެވެ.

ވެރިކަމަށް އައުމަށް ޕީޕީއެމުން ރައްޔިތުންނަށް ހުށައެޅި ވަޢުދުނާމާގައި، ފަތުރުވެރިކަމުގެ މަސައްކަތްކުރާ ރަށްރަށުގައި ވަޒީފާ އަދާކުރާ މީހުންނަށް އެ ރަށްރަށުގައި ހިނގާ ވިޔަފާރީގައި ބައިވެރިވެވޭނެ ނިޒާމެއް ގާއިމްކުރެވޭނެ ވާހަކަ ބުނެފައިވެއެވެ. މިހާރު ޕީޕީއެމްގެ ވެރިކަމަށް ހަތަރު އަހަރު ފުރިއްޖެއެވެ. ނުކުރެވޭނެ ކަންކަމުގެ ވާހަކަ ނުދައްކާ ކުރެވޭނެ ކަންކަމުގެ ވާހަކަ ދައްކަމާތޯއެވެ؟

ރައްޔިތުންނަށް ފަތުރުވެރިކަމުގެ ޞިނާޢަތުގައި ބައިވެރިކުރުމަށް އެމްޓީޑީސީ ނަގާ ކޮޅަށް ޖަހަންވީއެވެ. އެހެންނަމަވެސް އެކުންފުންޏަށް ޤާނޫނީ ލުއިތައް ލިބެން ބޭނުންވާނެއެވެ. ބިން ހޯދުމާއި ބިން ދޫކުރުމުގައެވެ. ބިމުގެ ކުލީގައެވެ. މިކަމާ އިދިކޮޅު ހައްދަވާ ފަރާތްތަކުން ނެންގެވޭނެ ބައިވަރު ކަންތައްތައް ހުރިކަން އަޅުގަނޑަށް ވެސް އެނގެއެވެ. އެހެންނަމަވެސް ކުންފުނި ކޮޅަށް ޖަހަން، ހިނގައިގަންނަންދެން، ބިން ހޯދުމާއި، ބިން ދިނުމާއި، ބިމުގެ ކުލީގެ ހަމަހަމަ ކަމުގެ އުޞޫލަށް ލުޔެއް ލިބެން ބޭނުންވާނެއެވެ.

ކުންފުނީގެ ބައިވެރިންނަކީ ސަރުކާރާއި ރައްޔިތުންނެވެ. ސަރުކާރު ބައިވެރިވާ އެހެން ކުންފުނިތައް ކުރިއަށް ދިއުމަށް ސަރުކާރުން ބައިވަރު ލުއި ދެއެވެ. ކުންފުންޏަށް ފައިދާވާނެ ގޮތަށް ސީދާކޮންނާއި ނުސީދާކޮށް ސަރުކާރުން ޤާނޫނާއި ގަވައިދުތައް ހަދައެވެ. މިސާލަކީ ބޭންކް އޮފް މޯލްޑިވްސް އާއި، އެސްޓީއޯ އާއި ސްޓެލްކޯ އާއި، އެމްޓީސީސީ. ފަދަ ކުންފުނިތަކެވެ. ކުންފުނި ރަނގަޅަށް ހިނގައިގަތުމަށް ސަރުކާރުން މިހާރު ގެންގުޅޭ ގެދޮރުއެޅުމުގެ ސިޔާސަތު ވެސް ބާރުލައެވެ. އިމާރާތްކުރެވޭ އެޕާޓްމެންޓުތައް ރައްޔިތުން ގަންނަނީ ދިގު މުއްދަތެއްގެ ތެރޭގައި ކޮންމެ މަހަކު ވަކި އަދަދެއްގެ ފައިސާ ދައްކާ ގޮތަށެވެ. އެމްޓީޑީސީ ކަހަލަ ކުންފުންޏެއްގައި އިންވެސްޓުކޮށްގެން ލިބޭ ފައިދާ އިން ގެދޮރު އަމިއްލަކުރުމަށް ދައްކަން ޖެހޭ ފައިސާގެ އަދަދަށް ވެސް ލުޔެއް ލިބިދާނެއެވެ. މިހާރުވެސް އެމްޓީޑީސީ އަށް ފައިދާ ވާކަމަށް ބުނެއެވެ. އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ލިބެއެވެ. ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި އެމީހުންގެ ހުރި ހިއްސާގެ އަދަދު އިތުރު ކުރި ކަމަށް ވެއެވެ. ފަޅުރަށެއްގައި އެކަނިމާ އެކަނި ހުރި މީހަކަށް އެ ރަށުން ބާޒާރުކޮށްލަން ފައިސާކޮޅެއް ދިނުން ކަހަލަ ކަމެކެވެ.