Roadha Mihaaru
ފަތުރުވެރިކަމުގެ ހިންގުން ހަމަަޔަކަށް އަޅުވަންވީ

އޮޅުން ބޮޅުން: ފަތުރުވެރިކަމުގެ ހިންގުން ހަމަަޔަކަށް އަޅުވަންވީ

21 ނޮވެމްބަރ 2019

ފަތުރުވެރިކަމުގެ ދާއިރާގައި ހަމައަކަށް އަޅުވަންވީ ބައިވަރު ކަންތައްތައް އެބަ ހުއްޓެވެ. ހިންގުމުގަ އެވެ. އެންމެ ބޮޑު ފައިދާއެއް ނެރުމުގަ އެވެ. ފަތުރުވެރިންނަށް ރައްކާތެރި މާޙައުލެއް ދިނުމުގަ އެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އެމީހުންގެ ޙައްޤުތައް ލިބިދިނުމުގަ އެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަމައަކަށް އަޅުވަންވީ ބައިވަރު ކަންތައްތައް އެބަ ހުއްޓެވެ. ހިންގުމުގަ އެވެ. އެންމެ ބޮޑު ފައިދާއެއް ނެރުމުގަ އެވެ. ފަތުރުވެރިންނަށް ރައްކާތެރި މާޙައުލެއް ދިނުމުގަ އެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އެމީހުންގެ ޙައްޤުތައް ލިބިދިނުމުގަ އެވެ.

އަހަރުން އަހަރަށް ރާއްޖެ އަށް އަަންނަ ފަތުރުވެރިން ދަނީ ގިނަވަމުންނެވެ. ރާއްޖޭގެ އެއާޕޯޓަށް ޖައްސާ މަތިންދާ ބޯޓުތައް ދަނީ ގިނަވަމުންނެވެ. ރާއްޖޭގެ އެއާޕޯޓުގައި މަތިންދާ ބޯޓު ޖެއްސުމާއި ފުރުމުގެ ޙަރަކާތްތައް ދަަނީ އިތުރުވަމުންނެވެ. ކަނޑަށް ޖައްސާ ބޯޓުތައް، ދުނިޔޭގައި އެންމެ ގިނަ އަދި އެ ބޯޓުތަކުގެ ޙަރަކާތްތައް ދުނިޔޭގައި އެންމެ ގިނަ ގައުމަކީ ވެސް ރާއްޖެ އެވެ. ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ ފެންވަރު ދަނީ މަތިވަމުންނެވެ. ދުނިޔޭގެ އެހެން ތަނެއްގައި ދީފައި ނުވާ ބައެއް ޚިދުމަތްތައް ފަތުރުވެރިންނަށް ދިނުމުގައި ވެސް ރާއްޖެ، އެންމެ ކުރި ހޯދާފައިވެ އެވެ. ކަނޑު އަޑީގެ ރެސްޓޯރަންޓް ހުޅުވުން ކަހަލަ ކަންކަމެވެ. ކޮންމެ އަހަރަކު ފަތުރުވެރިން ރާއްޖެ ގެނައުމަށް ކަމާ ބެހޭ ފަރާތުން ކަނޑައަޅާފައި އޮންނަ ލަނޑުދަނޑި ފަހަނައަޅައި ދިއުމުން، އެކަން ވެސް ކަމާ ބެހޭ ފަރާތުން ކުލަ ގަދަކޮށް ފާހަގަކުރެ އެވެ. ފަތުރުވެރިކަމަށް މަޝްހޫރު ހުރިހާ މަންޒިލްތަކެއްގައި ބާއްވާ އިޝްތިހާރުކުރުންތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިން ބައިވެރިވެ އެވެ. ރާއްޖެ އިން ދޭ ޚިދުމަތްތަކަށް، ތަފާތު ގިންތީތަކުން، ވަރަށް ގިނަ ފަހަރު އެތަންތަނުން، ތަފާތު އިނާމްތައް ވެސް ލިބިފައި ވެއެވެ. ރާއްޖޭގެ ފަތުރުވެރިކަން ރާވާ ފަރާތުން އެނދު އިތުރު ކުރުމަށް ވިސްނަނީ އެވެ. ރިޒޯޓު ގިނަ ކުރުމަށް ވިސްނަނީ އެވެ. ގެސްޓު ހައުސްތަކުގެ ވިޔަފާރި ފުޅާކުރާނެ ގޮތެއް ރާވަނީ އެވެ.

ދެން ބަލައިލަން އޮތީ ރަނގަޅު ގަވައިދަކަށް ނުވަތަ ގާނޫނަކަށް ބޭނުންވެފައި އޮތް ކަންތައްތަކުގެ މައްޗަށެވެ. ހަރުދަނާ، ތަންފީޒީ ބާރަކަށް ބޭނުންވެފައި އޮތް ބަޔަށެވެ. އެއްބަޔަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ބައެވެ. ދިވެހިންނާއި ބިދޭސީންގެ ތަފާތުކުރުމެއް ނެތި އެވެ. މަސައްކަތް ކުރާ މީހާގެ ވަޒީފާ އަދާކުރުމުގެ ހައްގަށް ބެލެވިގެންނެވެ. އެއް ވަޒީފާއެއްގައި، އެއް މަސައްކަތެއް، އެއްގޮތަކަށް ކުރާ މީހުންނަށް، މުސާރަ އާއި ޢިނާޔަތްތައް އޮންނަންވާނީ އެއްގޮތަށެވެ. ދިވެއްސަކު އަދާކުރާ ވަޒީފާއާ ގުޅިގެން ދޭ އިނާޔަތުން، ބިދޭސީއަކަށް ވީތީވެ، ބިދޭސީ މަސައްކަތްތެރިޔާ މަހުރޫމް ކުރެވިގެންނުވާނެ އެވެ. ފަތުރުވެރިކަން ބަލަހައްޓާ ފަރާތުން މިފަދަ ކަންކަން ހަމައަކަށް އަޅުވަންވާނެ އެވެ. މީހަކު ރިޕޯޓު ކޮށްގެންނެއް ނޫނެވެ. ޢަދުލުވެރިކޮށް ކަންތައް ކުރުމުގެ އެޖެންޑާގެ ތެރެއިންނެވެ. މިފަދަ ކަންތައްތައް ހިނގާ ކަން އަޅުގަނޑުމެން، މާ ދުރުގައި އުޅޭ، ކަމާ ނުބެހޭ މީހުންނަށް އެނގޭ ކަމުގައި ވަނީ ނަމަ ފަތުރުވެރިކަމުގެ ދާއިރާގެ ކަންތައްތައް ހިނގާ ގޮތް ބަލަން ތިބޭ މީހުންނަށް އެނގިފައި ނުއޮންނާނެ ކަމަށް ގަބޫލުކުރަން އުނދަގުލެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ބަޚްޝިޝް އަށް ނުވަތަ ޓިޕްސް އަށް ދޭ ފައިސާ އަކީ އެ މީހުން ކޮށްދޭ ޚިދުމަތަށް ދޭ ފައިސާއެކެވެ. ގިނަ ފަހަރަށް އެ ޚިދުމަތެއް ލިބިގަންނަ މީހާ އުފަލުން ދޭ ފައިސާއެކެވެ. އެ ފައިސާ ދޭން ބޭނުންނުވާ މީހާ އަށް ވެސް އެ ފައިސާ ދިނުން އޮންނަނީ ބައެއް ފަހަރު މަޖުބޫރު ވެފަ އެވެ. އެންމެން ކުރާ ރީތި އާދައެއް ކަމުގައި ގިނަ މީހުން ދެކޭތީ ވެއެވެ. މިހާރު ގިނަ ރެސްޓޯރަންޓްތަކުގައި ސާވިސް ޗާޖް އޮންނަނީ ބިލުގައި ހިމަނައިފަ އެވެ. ބައެއް ތަންތަނުން ދޭ ޚިދުމަތް ގޯސްކަމުން އެއީ އެތަނަށް ހައްގު ފައިސާއެއް ނޫންކަމަށް ޤަބޫލުކުރެވޭ ފަހަރު ވެސް މަދެއް ނޫނެވެ. ބިލުގައި އެ ފައިސާ ޝާމިލުކޮށްފައި ނުވާ ނަމަ އެ ފައިސާ ނުލިބޭނެ ފަހަރު ވެސް މަދެއް ނުވާނެ އެވެ. ރެސްޓޯރަންޓަކަށް ވިޔަސް ނުވަތަ ރިޒޯޓަކަށް ވިޔަސް އެތަނުގެ ޚިދުމަތް ލިބިގަންނަ ފަރާތަކުން އެތަނަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ކުރިން އޮންނަނީ އެނގިފަ އެވެ. ރެސްޓޯރަންޓަށް ކާން ދާ މީހާ ކައިގެން، ބިލަށް ދައްކަން ޖެހޭ ފައިސާގެ އިތުރަށް، އޭނާ އަށް ދޭ ޚިދުމަތަށް ދޭ ފައިސާ، ޚިދުމަތް ދޭ މީހުންނަށް ނުދީ އެ ތަނެެއްގެ ވެރިފަރާތުން ބޭނުން ކުރެވިގެން ނުވާނެ އެވެ. އަދި އެގޮތަށް ދޭ ފައިސާ ކޮންމެ މަހަކު ވެސް ޢާއްމު ކުރެވިފައި އޮންނަ އުސޫލުން ބެހެން ވާނެ އެވެ. ރެސްޓޯރަންޓްގައި މަސައްކަތް ކުރާ މީހުންގެ ފަރުވާ ކުޑަކަމުން ތެޅޭ ތައްޓަށް، ނުވަތަ ގެއްލޭ އެއްޗެއްސަށް ކެނޑޭ އަދަދެއް ބޭއްވޭ ކަމުގައި ވިޔަސް އޭގެ އިތުރަށް ހުންނަ ފައިސާ ބެހެން ވާނެ އެވެ.

ބައެއް ތަނުގައި ޚިދުމަތުގެ ފައިސާ ޙައްޤު ވާކަމުގައި ވަނީ މަސައްކަތް ކުރާތާ އެއް އަހަރު ދުވަސްވުމުންނެވެ. އެހެންނަމަވެސް އެއީ ދޭ ޚިދުމަތަށް ދޭ ފައިސާ އެއްކަމުގައި ވަނީ ނަމަ އެ ފައިސާ ހައްޤު ވުން އޭނާގެ ޚިދުމަތުގެ މުއްދަތާ ގުޅިފައި އޮތުމަކީ ހަމަޖެހޭ އުސޫލެއް ކަމަކަށް ނުފެނެ އެވެ. ބައެއް ތަންތަނުގައި ފައިސާ ބެހެނީ ވެސް ވަކި ބައެއްގެ މެދުގައި ކަމުގައި ވެއެވެ. މިހާރު މިއޮތީ ފަތުރުވެރިކަމުގެ މައި މޫސުން ފެށިފަ އެވެ. އެންމެ ކުޑަ މިނުން ޚިދުމަތަށް ނެގޭ ފައިސާ ކޮންމެ މަހަކު ވެސް ބެހެންވާނެ ކަން ކަމާ ބެހޭ އޮފީހުން ރިޒޯޓްތަކަށް އެންގުމަކީ އެ ތަންތަނުގައި މަސައްކަތް ކުރާ މީހުންނަށް ކޮށްދެވޭނެ ވަރަށް ބޮޑު ހެވެކެވެ.

ބައެއް މީހުން ބުނާ ގޮތުގައި ޤަވައިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން އެންމެ ގިނައިން އުޅެނީ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތުގަ އެވެ. ދާދި ފަހުން ސަރުކާރުގެ ކަމާ ބެހޭ ފަރާތަކުން ޢާއްމުކުރި ޚަބަރެއްގައި ބުނި ގޮތުގައި ވެސް ހިނގަމުން ދިޔަ ރިޒޯޓެއްގައި މަސައްކަތް ކުރަން އުޅުނު ގިނަ މީހުންނަކީ ގަވައިދާ ޚިލާފަށް މަސައްކަތް ކުރާ މީހުންނެވެ. އަލަށް ރިޒޯޓުތައް ހެދުމާއި އިމާރާތް ކުރުމުގެ މަސައްކަތުގައި ގަވައިދާއި ޚިލާފަށް އުޅޭ ބިދޭސީން ވަރަށް ގިނަ ކަމުގައި ވެއެވެ. އެގޮތަށް މީހުން ގެންގުޅުމުން އެ މަސައްކަތެއް ހިންގާ ބަޔަކަށް މަސައްކަތް ކުރުވުމަށް އަގު ހެޔޮވަނީ އެވެ. ވިސާ ފީ ދައްކާކަށް ނުޖެހޭނެ އެވެ. ޗުއްޓީ އަށް ރަށަށް ފޮނުވާކަށް ނުޖެހޭނެ އެވެ. އެ މީހަކު މަސައްކަތަށް ރަނގަޅު ނޫން ކަމުގައި ވަނީ ނަމަ އެ ހިސާބުން ދޫކޮށްލުމުން އެ ނިމުނީ އެވެ.

އަޅުގަނޑުގެ ނަޒަރުގައި މި ކަމަކީ ވެސް ހަމައަކަށް އެޅުވިދާނެ ކަމެކެވެ. މިކަމާ ގުޅޭ ތިން އޮފީސް ގުޅިގެން މަސައްކަތް ކުރެވިގެންނެވެ. ދާއިމީ ގޮތެއްގައި ފަތުރުވެރިކަމުގެ މަސައްކަތްތައް ހިންގާ ތަންތަން ޗެކްކުރުމުގެ ނިޒާމެއް ގާއިމްކުރެވިގެންނެވެ. ތެދުފުޅެކެވެ. މިއީ ބޮޑު ޚަރަދެކެވެ. އެހެން ނަމަވެސް ކުރެވޭ ޚަރަދަށް ވުރެ، ބޮޑު މާލީ ފައިދާއަކާއި ރަނގަޅު ނަތީޖާއެއް، މާ ދިގު ނޫން މުސްތަޤްބަލެއްގައި ގައުމަށް ކުރާނެ އެވެ. ފަތުރުވެރިކަން ބަލަހައްޓާ އޮފީހާއި، ބިދޭސީން ރާއްޖޭގައި މަސައްކަަތް ކުރުމަށް ހުއްދަ ދޭ އޮފީހާއި ބިދޭސީ މަަސައްކަތްތެރިން ގެނައުމަށް ހުއްދަ ދޫކުރާ ނުވަތަ ކޯޓާ ވިއްކާ އޮފީހާއާ ގުޅިގެން "ޖޮއިންޓް އޮޕަރޭޝަން" އެއް ހިންގިދާނެ އެވެ. ދަތުރު ކުރުމުގެ ޚަރަދުގައި މިކަމުގައި ޝާމިލުވާ ހުރިހާ އޮފީހަކުން ހިއްސާވާ ގޮތަށެވެ. އަދި އެ އޮފީހަކުން ބައިވެރިވާ އޮފިޝަލުންނަށް ކުރަން ޖެހޭ ޚަރަދު ސީދާ އެ އޮފީހަކުން ކުރާ ގޮތަށެވެ. މި "އޮޕަރޭޝަނު" ގައި ފުލުހުންގެ ބައިވެރިވުން އެންމެ ކައިރިން ލިބެން އޮތް ގޮތަކަށް ހޯދި ދާނެ އެވެ. މިގޮތަށް މަސައްކަތް ކުރަން ފެށޭތާ ދުވަސްކޮޅެއްގެ ތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތުގައި ޤަވައިދާ ޚިލާފަށް އުޅޭ މީހުންގެ ކަންތައް ހައްލުވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. މިކަމާ ބެހޭ އޮފީސްތަކުގައި ވެސް މި ޚިޔާލު އޮވެދާނެ އެވެ. އަޅުގަނޑުމެން މި ޚިޔާލު ފައުޅުކުރަން ބޭނުން ވަނީ މިއީ ކުރެވިދާނެ ކަމެއްކަން ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ނިޔަތުގަ އެވެ. ލިޔާ މީހެއްގެ ހައިސިއްޔަތުން، އެއީ އަޅުގަނޑުމެންގެ ވެސް ޑިއުޓީ އެވެ.