Roadha Mihaaru
ދެ މިލިއަން ދައްކަން މައުމޫންގެ ބޭފުޅުންނަށް ޖެހިއްޖެ

ނާޒިމްގެ އާއިލީ ކުންފުންޏަށް ދެ މިލިއަން ދައްކަން މައުމޫންގެ ހަތަރު ބޭޭފުޅުންގެ މައްޗަށް ހުކުމްކޮށްފި

21 ނޮވެމްބަރ 2017

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އާއިލީ ކުންފުންޏަށް 2.1 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަތަރު ބޭފުޅުންގެ މައްްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އާއިލީ ކުންފުންޏަށް 2.1 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަތަރު ބޭފުޅުންގެ މައްްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ނާޒިމްގެ އާއިލީ ކުންފުނި ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރްސީސީ) އަށް 2.1 މިލިއަން ދައްކަން ދުންޔާ މައުމޫނާއި ޔުމްނާ މައުމޫނާއި އަހުމަދު ފާރިސް މައުމޫން އަދި ޣައްސާން މައުމޫންގެ މައްޗަށް ހުކުމްކުރީ ޗާންދަނީމަގުގައި އެ ހަތަރު ބޭފުޅުންގެ ނަމުގައި އޮތް ބިމެއްގައި ހަތް ބުރީގެ އިމާރާތެއް ކުރުވުމަށް ފަހު، އާރްސީސީ އަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި ކަމަށް ބުނެ އެ ކުންފުނިން ދައުވާ ކުރުމުންނެވެ.

ހުކުމުގައިވަނީ އެއީ މައުމޫންގެ ހަތަރު ބޭފުޅުން ދައްކަން ޖެހޭ ފައިސާކަން ސާބިތުވާ ކަމަށާއި އެހެންވެ 30 ދުވަހުގެ ތެރޭގައި އެ ފައިސާ އެއްކޮށް ކޯޓަށް ދެއްކުމަށެވެ.

އެ ދައުވާ އަށް އިންކާރުކޮށް، އެ ހަތަރު ބޭފުޅުންގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އެ އިމާރާތުގެ ފެންވަރު ދަށްކަމުން އިތުރު މަރާމާތުތައް ކުރަން ޖެހުނު ކަމަށާއި އެކަންކަން ރަނގަޅު ކުރަން ހޭދަވި މުއްދަތުގައި ވެސް 2.1 މިލިއަންގެ ގެއްލުން ވެފައިވާ ކަމަށެވެ. އަދި އެތަން އިމާރާތް ކޮށްފައި ހުރީ އެއްބަސްވުމާ އެއްގޮތަށް ނޫން ކަމަށް އެ ބޭފުޅުންގެ ފަރާތުން ބުނެފައިވެ އެވެ.

އެކަމަކު ކޯޓުގެ ހުކުމުގައި ވަނީ އިމާރާތް ނިންމައި، އެ ބޭފުޅުންނާ ހަވާލު ކުރުމުން އިމާރާތާ ހަވާލުވެ، އެކަމުގެ ލިޔުން އާރްސީސީއަށް ދީފައިވާ ކަމަށެވެ. އެ ފައިސާ ނުލިބިގެން ފައިސާ ދައުވާ ކުރުމުން އެތަނުގެ ހާލަތާ މެދު މިހާރު ސުވާލު އުފެއްދިޔަސް އެއީ އާރްސީސީ އަށް ލިބެންޖެހޭ ފައިސާ ނުދީ ހިފަހައްޓަން އޮތް އުޒުރެއް ކަމަށް ނުބެލެވޭ ކަމަށް ގާޒީ އަބްދުއްނާސިރު ޝަފީގު ކުރެއްވި ހުކުމުގައިވެ އެވެ.

އިމާރާތުގެ މަސައްކަތް ހިނގިއިރު ދުންޔާ އާއި ޔުމްނާ އާއި ފާރިސް އަދި ޣައްސާންގެ ފަރާތުުން އެތަން މޮނީޓާ ކުރި ކަން އެނގޭ ކަމަށް ވެސް ހުކުމުގައި ވެ އެވެ.