Roadha Mihaaru
މިއީ އެންމެ ހިތާމަވެރި އުފަންދުވަސް: ޔުމްނާ

މިއީ އެންމެ ހިތާމަވެރި އުފަންދުވަސް: ޔުމްނާ

20 މާޗް 2018

މިއަދަކީ، އިސްލާހީ މަސައްކަތުގައި އިދިކޮޅު އެންމެންގެ "ސުޕަހީރޯ" ޔުމްނާ މައުމޫންގެ 48 ވަނަ އުފަންދުވަހެވެ. ސޯޝަލް މީޑިއާގައި އުފަންދުވަހުގެ ތަހުނިޔާ އޮހެނީ އެވެ. އެންމެން އެދެނީ އުފާވެރި ކަމަށެވެ. އެކަމަކު ޔުމްނާ ވިދާޅުވި ގޮތުގައި، މިއީ އޭނާ އަށް އެންމެ ހިތާމަވެރި އުފަން ދުވަހެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މިއަދަކީ، އިސްލާހީ މަސައްކަތުގައި އިދިކޮޅު އެންމެންގެ "ސުޕަހީރޯ" ޔުމްނާ މައުމޫންގެ 48 ވަނަ އުފަންދުވަހެވެ. ސޯޝަލް މީޑިއާގައި އުފަންދުވަހުގެ ތަހުނިޔާ އޮހެނީ އެވެ. އެންމެން އެދެނީ އުފާވެރި ކަމަށެވެ. އެކަމަކު ޔުމްނާ ވިދާޅުވި ގޮތުގައި، މިއީ އޭނާ އަށް އެންމެ ހިތާމަވެރި އުފަން ދުވަހެވެ.

އުފަން ދުވަހުގެ ހެޔޮއެދުންތަކަށް، ޝުކުރު އަދާކުރައްވައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދަކީ އުފާވެރި ދުވަހެއް ނޫން ކަމަށެވެ. ޖަލުގައި ބަންދުކޮށްފައި ތިބި އާއިލާގެ މެމްބަރުންގެ މަތިން ވަރަށް ހަނދާންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުމްނާގެ ޓުވީޓް.

ޔުމްނާ އެ އިޝާރާތް ކުރެއްވީ ބައްޕާފުޅު، މައުމޫން އަބްދުލްގައްޔޫމް އާއި ފިރިކަލުން މުހައްމަދު ނަދީމްގެ އިތުރުން ކޮއްކޯފުޅު، އަހްމަދު ފާރިސް ޖަލުގައި ބަންދުކޮށްފައިވާ ވާހަކަ އަށެވެ. އާއިލާއާ ދުރުގައި، ހޭދަކުރައްވަން ޖެހިވަޑައިގެންފައި ވުމަކީ ހިތްދަތި އިހްސާސެއް ކަމަށް ޔުމްނާ ގެންދަވަނީ ވިދާޅުވަމުންނެވެ.

ޔުމްނާގެ އިހްސާސްތަކަށް އިހްތިރާމްކޮށް، ހެޔޮ ދުއާ ފޮނުވި މީހުން ދެކޭ ގޮތުގައި، އޭނާ އަކީ އެހެން މީހުންނަށް ނަމޫނާ އެކެވެ. ފާރިސް ވިދާޅުވި ގޮތަށް ހަމަ "ސުޕަހީރޯއެއް" ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ރިޝްވަތުގެ ތުހުމަތުގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި ފާރިސް ޖަލަށް ލުމުން، އޭނާގެ ދިފާއުގައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވީ ޔުމްނާ އެވެ. އެއާއެކު، ބައްޕާފުޅުގެ މަންދޫބެއްގެ ގޮތުން، އިދިކޮޅު ހަރަކާތްތަކުގައި ވެސް އިސްކޮށް އުޅުއްވަން ޖެހިވަޑައިގަތީ ޔުމްނާ އަށެވެ. އެ މަސައްކަތުގައި އުޅުއްވަނިކޮށް، ބޮޑުބޭބޭފުޅު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލުމުގެ ތުހުމަތުކޮށް ބައްޕާފުޅާއި ފިރިކަލުން ޖަލަށް ލުމުން މިހާރު ގިނަ ވަގުތު ހުސްކުރައްވަނީ މަންމާފުޅު ނަސްރީނާ އިބްރާހީމަށާއި ޔުމްނާގެ ބޭފުޅުންނަށެވެ.

އާއިލާ އަށް ދިމާވެފައިވާ ހިތްދަތި ހާލަތުގައި، މަންމާފުޅު އެކަނި ކުރައްވަން ޔުމްނާ ބޭނުންފުޅު ނުވާ ކަމަށް އޭނާއާ ގާތް ބައެއް ބޭފުޅުން ވިދާޅުވި އެވެ. އިދިކޮޅު ހަރަކާތްތަކުން މިހާރު ނުފެންނަނީ އެހެންވެ ކަމަށް ވެދާނެ އެވެ.

ޔުމްނާ އާއި ދައްތާފުޅު، ދުންޔާ މައުމޫނަކީ އެއްމާބަނޑު ދެބެންނެވެ. މިއަދަކީ ދުންޔާގެ ވެސް އުފަންދުވަހެވެ.

ޔުމްނާގެ އިތުރުން ދުންޔާ ވެސް ގެންދަވަނީ، އާއިލާ އަށް ދިމާވެފައިވާ ހާލަތުން އަރައިގަނެވޭތޯ މަސައްކަތް ކުރައްވަމުންނެވެ. އާއިލާގެ ތިން ބޭފުޅުން ޖަލުގައި ބަންދުކޮށްފައި ވަނީ އިންސާފުން ކަމަށް ގަބޫލު ނުކުރައްވާ ކަަމަށް ދުންޔާ ވެސް ވަނީ ވިދާޅުވެފަ އެވެ.

ދެ ބެއިންނަށް ވެސް އެންމެ ހާއްސަ ދުވަހު އުފާވެރިކަމުގެ އެއްވެސް ކުލައެއް ނެތީ މި ހާލަތުގެ ގޮތުން، އާއިލާގެ އެހެން ބޭފުޅުންނާ ވަކިން އުޅުއްވަން ޖެހިވަޑައިގެންފައިވާތީ އެވެ.