Roadha Mihaaru

"ކްރިޝް 4"ގެ ނުބައި ބަޔަށް ނަވާޒުއްދީން ސިއްދީގީ

"ކްރިޝް 4" ގެ މަސައްކަތް ޕްރޮޑިއުސަރު-ޑައިރެކްޓަރު ރާކޭޝް ރޯޝަން ވަރަށް އަވަހަށް ފަށަން ގަސްތުކުރާ ކަން މީގެ ދުވަސްކޮޅެއް ކުރިން ވަނީ އިއުލާން ކޮށްފަ އެވެ.

"ކްރިޝް 4"ގެ ނުބައި ބަޔަށް ނަވާޒުއްދީން ސިއްދީގީ
ފާތުމަތު އަނީސާ
ފާތުމަތު އަނީސާ

25 ނޮވެމްބަރ 2017

"ކްރިޝް 4" ގެ މަސައްކަތް ޕްރޮޑިއުސަރު-ޑައިރެކްޓަރު ރާކޭޝް ރޯޝަން ވަރަށް އަވަހަށް ފަށަން ގަސްތުކުރާ ކަން މީގެ ދުވަސްކޮޅެއް ކުރިން ވަނީ އިއުލާން ކޮށްފަ އެވެ.

މި ސިލްސިލާގެ ތިން ފިލްމުގެ ވެސް ބަތަލަކީ ރިތިކް ރޯޝަން އެވެ. އަދި ހަތަރު ވަނަ ފިލްމު ވެސް ކުޅެން ރިތިކް މިހާރު ވަނީ އެއްބަސްވެފަ އެވެ. އެހެން ފިލްމުތަކާ ޚިލާފަށް މިފަހަރު ފިލްމުގެ ނުބައިބައި ކުޅޭ އެކްޓަރާއި ބަތަލާ ބަދަލުވާނެ އެވެ. ނުބައި ބަޔަށް ހަމަޖައްސާފައި ވަނީ ނަވާޒުއްދީން ސިއްދީގީ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.

ހަގީގަތުގައި ރާކޭޝް ބޭނުންވީ އޭނާގެ ދަރިފުޅު ރިތިކާ ވާދަކުރެވޭ ވަރުގެ ވަރުގަދަ އަދި ހުނަރުވެރި އެކްޓަރެކެވެ. އެގޮތުން ބަލާއިރު ނަވާޒުއްދީނަށް ވުރެ ރަނގަޅު ހޮވުމެއް އޭނާއަކަށް ނުފެނުނެވެ.

މި ފިލްމުގެ ޝައުގުވެރިކަން ނަވާޒުއްދީން ވަނީ ފާޅުކޮށްފަ އެވެ. ނަމަވެސް ފިލްމު ކުޅެދޭން އަދި ސޮއެއް ނުކުރެ އެވެ.

ނަވާޒުއްދީން ވަނީ މީގެ ކުރިން ވެސް ބައެއް ފިލްމުތަކުގައި ނުބައިބައި ކުޅެފަ އެވެ. އެގޮތުން ސަލްމާން ޚާންގެ "ކިކް" އާއި ވަރުން ދަވަންގެ "ބަދްލާޕޫރް"ގައި އޭނާ ކުޅުނު ނުބައިބައި ރޯލުތައް ފާހަގަކޮށްލެވެ އެވެ.

"ކްރިޝް 4"ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ. އަދި ރިލީޒްކުރާނީ 2019 ގަ އެވެ.

"ކްރިޝް" އަކީ ރާކޭޝް އުފެއްދި އެންމެ ކާމިޔާބު ފްރެންޗައިސް އެވެ. މި ސިލްސިލާގެ ފިލްމުތަކަކީ ސްޕެޝަަލް އިފެކްޓްސް އަށް ބަލާއިރު ވެސް ބޮލިވުޑް ގިނަ ފިލްމުތަކަށް ވުރެ މާ ކުރީގައި އުޅޭ ފިލްމު ތަކެކެވެ. މި ފިލްމު ރާކޭޝް އިއުލާން ކުރީ އޭނާގެ ފިލްމު ކުންފުނި "ގާބިލް" ކާމިޔާބު ވުމާ ގުޅިގެން ބޭއްވި ޕާޓީއެއްގަ އެވެ.