Roadha Mihaaru
ފުރަތަމަ ބުރުން އެއް ވަނަ މާޒިޔާ އަށް

ފުރަތަމަ ބުރުން އެއް ވަނަ މާޒިޔާ އަށް، އެކަމަކު ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ގެއްލިއްޖެ

06 ޖުލައި 2016

އުރީދޫ ދިވެހި ޕްރިިމިއާ ލީގުގައި މިރޭ ކްލަބް އީގަލްސްއާ 1-1 އިން އެއްވަރުވެ މާޒިޔާ އަށް ލީގު އެއް ވަނައިގައި ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

އުރީދޫ ދިވެހި ޕްރިިމިއާ ލީގުގައި މިރޭ ކްލަބް އީގަލްސްއާ 1-1 އިން އެއްވަރުވެ މާޒިޔާ އަށް ލީގު އެއް ވަނައިގައި ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

މިރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު މާޒިޔާ ލީގުގެ ފުރަތަމަ ބުރު ނިންމާލީ ހަތް މެޗުން ލިބުނު 14 ޕޮއިންޓާ އެކު ލީގު އެއް ވަަނައިގަ އޮވެ އެވެ. ދެ ވަނައިގައި އީގަލްސް އޮތީ މެޗަކުން ބަލިނުވެ، ހަތް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި ޔުނައިޓެޑް ވިކްޓަރީ 12 ޕޮއިންޓާ އެކު އޮތްއިރު، ހަތަރު ވަނައިގައި 11 ޕޮއިންޓާ އެކު އޮތީ ވެލެންސިއާ އެވެ.

ފަސް ވަނައިގައި ޓީސީ އޮތީ ހަ މެޗުން 10 ޕޮއިންޓާ އެކު އެވެ. އެ ޓީމު އަންނަ އާދިއްތަ ދުވަހުގެރޭ ނިއު އަތުން މޮޅުވެއްޖެނަމަ ލީގުގެ ދެ ވަަނަ ލިބޭނެ އެވެ.

މިރޭގެ މެޗަށް މާޒިޔާ އިން ނުކުތީ އަނިޔާ އާއި ސަސްޕެންޝަންގެ ސަބަބުން ޓީމުގެ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ ސަމްދޫހު މުހައްމަދާއި އަސްހަދު އަލީ (އަޑުބަރޭ) އާއި ބިދޭސީ ޑިފެންޑަރު ޒިވްކޯ ޑިނޭވް ނުލަ އެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅެ މާޒިޔާ އިން ވަނީ 13 ވަނަ މިނިޓްގައި ލީޑު ނަގައިފަ އެވެ. މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ މި ލަނޑު ޖެހީ އީގަލްސް އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

ލީޑު ފުޅާކުރަން ފުރަތަމަ ހާފްގައި އަސަދުﷲ އާއި ހުސެއިން ނިޔާޒު (ބޮކުރީ) އަދި ބިދޭސީ ފޯވާޑް މައިކަލް ނިކޮއިސް (ދާއޫދު) ވަނީ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެހެން ނަމަވެސް ތިން ހަމަލާ ވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މި ހާފްގައި އީގަލްސްގެ އަހުމަދު ރިޒުވާނު ވަނީ މާޒިޔާ ގޯލަށް ހަމަލާއެއް ފޮނުވާލައިފަ އެވެ. މާޒިޔާ އޭރިއާ ބޭރުން ރިޒުވާން ފޮނުވާލި ބޯޅަ ގޯލާ ސީދާ ވާގޮތެއްނުވި އެވެ.

ދެ ވަނަ ހާފް ފެށިގެން ލީޑުފުޅާ ކުރަން އަސަދުﷲ އަށް ލިބުނު ފުރުސަތު ބޭނުމެއް ނުކުރެވުނެވެ. އޭގެ ނަތީޖާ އަކަށްވީ މެޗުގެ 59 ވަނަ މިނިޓްގައި އީގަލްސް އިން އެއްވަރުކުރުމެވެ. އީގަލްސްގެ ލަނޑު ޖަހައިިދިނީ މިސްރުގެ ފޯވާޑް މުސްތަފާ ސެޑިކެވެ.

މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ސެޑިކް މި ލަނޑު ޖެހީ މާޒިޔާ އޭރިއާ ބޭރުންނެވެ. މާޒިޔާ ދެ ކުޅުންތެރިއަކު ކައިރިން ދެމިގަތުމަށް ފަހު ސެޑިކު ފޮނުވާލި ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ.

މެޗަށް ފަހު މާޒިޔާގެ ކުޅުންތެރިންނާއި އޮފިޝަލުން ދަނޑުމަތީގައި ހިތްހަމަ ނުޖެހުން ފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗަށް ފަހު މާޒިޔާގެ ކުޅުންތެރިންނާއި އޮފިޝަލުން ދަނޑުމަތީގައި ހިތްހަމަ ނުޖެހުން ފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ދެ މިނިޓް ފަހުން ލީޑު ނަގަން އީގަލްސްގެ އަހުމަދު ނޫމާނަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެ ޓީމަށް ލިބުނު ކޯނަރަކުން މާޒިޔާ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ނޫމާން ބޮލުން ފޮނުވާލި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ.

މެޗުގެ އިތުރު ވަގުތުގައި މާޒިޔާގެ މުހައްމަދު އުމެއިރު ފޮނުވާލި ބޯޅަ އީގަލްސްގެ ޑިފެންޑަރެއް ގައިގައި ޖެހިފައި ގޯލަށް ވަންނަން ދަނިކޮށް އީގަލްސްގެ ލަންކާ ކީޕަރު ސުޖަން ޕެރޭރާ މަތަކުރި އެވެ. ލިބުނު ކޯނަރަކުން މެޗުގެ ފަހު މިނިޓްގައި މާޒިޔާގެ އަމްދާން އަލީ (އެންޑީ) ލަނޑު ޖެހި އެވެ. އެހެން ނަމަވެސް އެންޑީ އެ ލަނޑު ޖެހީ އީގަލްސްގެ އަހުމަދު ޒާދު އަށް ފައުލުކޮށްފައިކަމަށް ބަލައި މެޗުގެ ރެފްރީ އިސްމާއިލް އިޒުހާން އެ ލަނޑު ނުލަ އެވެ.

މެޗަށް ފަހު މާޒިޔާގެ އޮފިޝަލުންނާއި ކުޅުންތެރިން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. މާޒިޔާގެ ކުޅުންތެރިންނާއި އޮފިޝަލުން ދަނޑުމަތީގައި ތިބުމުން ރެފްރީން ދަނޑުން ފޭބީ ފުލުހުންގެ އެހީތެރިކަމާ އެކު އެވެ.

ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭގަ އެވެ. ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ޓީސީ ނުކުންނާނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.