Roadha Mihaaru
އީގަލްސް މޮޅުވެ، މާޒިޔާއާ ގާތަށް ޖެހިލައިފި

އީގަލްސް މޮޅުވެ، މާޒިޔާއާ ގާތަށް ޖެހިލައިފި

16 ސެޕްޓެމްބަރ 2016

ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ދެމެދު އޮތް ފަރަގު ކްލަބް އީގަލްސް އިން މިރޭ ހަ ޕޮއިންޓަށް ކުޑަކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ދެމެދު އޮތް ފަރަގު ކްލަބް އީގަލްސް އިން މިރޭ ހަ ޕޮއިންޓަށް ކުޑަކޮށްފި އެވެ.

ލީގުގައި ރޭ ވެލެންސިއާ އަތުން ހޯދި މޮޅާ އެކު، މާޒިޔާ ވަނީ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާރު ހަ ޕޮއިންޓަށް ލީޑު ހަނިވެފައިވާއިރު މާޒިޔާ އެއް ވަނައިގައި އޮތީ 37 ޕޮއިންޓާ އެވެ. ދެ ވަނައިގައި 31 ޕޮއިންޓާ އެކު އޮތް އީގަލްސް އަށް މިރޭގެ މޮޅާ އެކު ލީގު ކާމިޔާބުކުރުމުގެ އުއްމީދު ވަނީ އާވެފަ އެވެ. މިރޭގެ މެޗުން މޮޅުވެގެން ދެ ވަނަ އަށް އަރަން ފުރުސަތު ލިބިފައި އޮތް ޓީސީ މިހާރު އޮތީ 27 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.

މި މެޗުގެ ހަމައެކަނި ގޯލް 16 ވަނަ މިނެޓުގައި އީގަލްސް އަށް ކާމިޔާބުކޮށްދިނީ މިސްރުގެ މިޑްފީލްޑަރު މުހައްމަދު ސެޑިކެވެ. އޭނާ މި ގޯލް ޖެހީ، ޓީސީގެ ގޯލްކީޕަރު މުހައްމަދު އިމްރާން ކައިރިން ނައްޓާލުމަށް ފަހު ހަނި އޭންގަލުންނެވެ.

ޓީސީގެ އައްމަޑޭ (ކ) ބޯޅަ ޖަހާއިރު އީގަލްސްގެ ކުޅުންތެރިޔަކު ސަމާލުވެގެން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީގެ އައްމަޑޭ (ކ) ބޯޅަ ޖަހާއިރު އީގަލްސްގެ ކުޅުންތެރިޔަކު ސަމާލުވެގެން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ހާފުގައި ޓީސީން ލަނޑު ޖެހުމާ ގާތަށް ދިޔަ އެވެ. އެގޮތުން 34 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އަލީ ފާސިރު (ސެންޓޭ) ބާރު ހަމަލައެއް ގޯލަށް ފޮނުވާލިއިރު އޭގެ މިނެޓެއް ފަހުން މުހައްމަދު އައްޒާމް ވެސް ބާރު ހަމަލައެއް އަމާޒުކުރި އެވެ. އެކަމަކު ދެ ބޯޅަ ވެސް އީގަލްސްގެ ސްރީ ލަންކާ ގޯލް ކީޕަރު ސުޖަން ޕެރޭރާ މަތަކުރި އެވެ. އަދި 40 ވަނަ މިނެޓުގައި އަހުމަދު ނިޒާމް ފޮނުވާލި ބޯޅަ ދިޔައީ ގޯލް މަތިންނެވެ.

ދެ ވަނަ ހާފު ފަށައިގެން 54 ވަނަ މިނެޓުގައި ޓީސީގެ އަލީ ނާފިއު އަށް ވެސް ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ބޮލުން ފޮނުވާލި ބޯޅަ ވެސް ކީޕަރު މަތަކުރި އެވެ. އަދި 76 ވަނަ މިނެޓުގައި ސެންޓޭ ފޮނުވާލި ބާރު ހިލޭ ޖެހުން ވެސް ސުޖަން ދިފާއުކުރި އެވެ.

މެޗުގެ ފަހު ވަގުތު އީގަލްސް އިން ލީޑު ފުޅާކުރުމާ ގާތަށް ދިޔަ އެވެ. ބަދަލު ކުޅުންތެރިޔާ އަހުމަދު ރިޒްވާޏް (ރިޒޭ) ހުހަށް ހުރި ރިސްޓޭ ނައުމޯފަށް ބޯޅަ ދިނުމުން، އޭނާ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަން ނަމަވެސް އޭންގަލް ހަނިވުމުން ގޯލަށް ޖެހޭ ގޮތެއް ނުވި އެވެ. އޭނާ އެ ބޯޅަ އަލުން ރިޒޭ އަށް ދިނުމުން އޭނާ އޭރިއާ ތެރެއިން ޖެހުމުން ދިޔައީ ހުރަސް ދަނޑި މަތިންނެވެ.