Roadha Mihaaru
"އިބްރަހިމޮވިޗް ހުރުމަކީ ލުކާކޫ އަށް ކަންބޮޑުވުމެއް"

އިބްރަހިމޮވިޗް ހުރުމަކީ ލުކާކޫ އަށް ކަންބޮޑުވުމެއް: ޖިނޯލާ

25 ނޮވެމްބަރ 2017

ޕެރިސް، ފްރާންސް (ނޮވެމްބަރު 25) - މެންޗެސްޓާ ޔުނައިޓެޑުގައި ޒަލަޓާން އިބްރަހިމޮވިޗް ހުރުމަކީ އެ ޓީމަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫގެ މޮޅު ކުޅުން ދެއްކުމަށް އޮތް ހުރަހެއް ކަމަށް ފްރާންސްގެ ކުރީގެ ފޯވާޑް ޑޭވިޑް ޖިނޯލާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް، ފްރާންސް (ނޮވެމްބަރު 25) - މެންޗެސްޓާ ޔުނައިޓެޑުގައި ޒަލަޓާން އިބްރަހިމޮވިޗް ހުރުމަކީ އެ ޓީމަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫގެ މޮޅު ކުޅުން ދެއްކުމަށް އޮތް ހުރަހެއް ކަމަށް ފްރާންސްގެ ކުރީގެ ފޯވާޑް ޑޭވިޑް ޖިނޯލާ ބުނެފި އެވެ.

މިދިޔަ އޭޕްރީލް މަހު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އިބްރަހިމޮވިޗަށް ސީޒަން ނިމި އޭނާ އަލުން ޔުނައިޓެޑަށް ކުޅުމާ މެދު ސުވާލު އުފެދުނެވެ. އެއީ އޭނާގެ އެއްބަސްވުން މިދިޔަ ސީޒަނުގެ ނިޔަަލަށް ހަމަވުމުންނެވެ. ޔުނައިޓެޑުން 75 މިިލިއަން ޕައުންޑަށް ލުކާކޫ ގެނައީ އިބްރަހިމޮވިޗްގެ ބަދަލެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް އަނިޔާއިން ރަނގަޅުވެ އިބްރަހިމޮވިޗް ޔުނައިޓެޑަށް ކުޅުމަށް އެއްބަސްވެ، މިހާރު ވަނީ އެ ޓީމަށް ދެ މެޗު ކުޅެދީފަ އެވެ.

ކުރިން ޕީއެސްޖީ އާއި ޓޮޓެންހަމް އަދި ނިއުކާސަލަަށް މޮޅު ކުޅުމެއް ދެއްކި ޖިނޯލާ ބުނީ މޮރީނިއޯ އަށް މިހާރު އިތުރު ބޮލު ރިހުމެއް އެބައޮތް ކަމަށެވެ.

"ލުކާކޫ އަކީ ވެސް އެންމެ ކުރިއަށް ކުޅެން ބޭނުންވާ ކުޅުންތެރިއެއް. އިބްރަހިމޮވިޗްގެ ބޭނުން މިހާރު ހިފޭނީ ހަމައެކަނި އެންމެ ކުރިއަށް އެއީ އޭނާގެ އުމުރު ދުވަސްވެފައި ވެސް ހުރީމަ. މޮރީނިއޯ އަށް ވެސް އެބައޮތް ބޮޮލުރިހުމެއް. އެއީ މި ދެ ކުޅުންތެރިންނަށް ގަވައިދުން ފުރުސަތު ނުދީފިނަމަ މީޑިއާ ޕްރެޝަރު ވެސް އޮތުމުން،" ޖިނޯލާ ބުންޏެވެ.

އިބްރަހިމޮވިޗް ޔުނައިޓެޑަށް އެނބުރި އައި ފަހުން ޔުނައިޓެޑް ވަނީ ނިއުކާސަލް ޔުނައިޓެޑާއި ބަސެލްއާ ދެކޮޅަށް ކުޅެފަ އެވެ. ނިއުކާސަލް އަތުން މޮޅުވިއިރު، ބަސެލް އަތުންވީ ބައްޔެވެ. ޖިނޯލާ ބުނީ ބަސެލް އަތުން ބަލިވި މެޗުގައި އިބްރަހިމޮވިޗް ކުޅެން އެރި ފަހުން ލުކާކޫ ބޮޑަށް ބޭނުންކޮށްފައިވަނީ އޭނާ އާންމުކޮށް ކުޅޭ މަގާމުގައި ނޫން ކަމަށެވެ.

"އަހަރެމެންނަށް ޕީއެސްޖީގައި ވެސް ފެނުނު އިބްރަހިމޮވިޗް ހުއްޓައި ކަވާނީ އަށް އުނދަގޫތަކެއްވިތަން. ހަމަ އެގޮތަށް ލުކާކޫ އަށް ވެސް އެ އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ،" ޖިނޯލާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މޮރީނިއޯ ޔުނައިޓެޑް ގޮވައިގެން ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ. ޔުނައިޓެޑް ވަނީ މި ސީޒަނަށް އަލަަށް ޕްރޮމޯޓްވި ހަޑްސްފީލްޑް ޓައުން އަތުން ބަލިވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯ ވަނީ މިރޭ ބްރައިޓަންއާ ދެކޮޅަށް ލުކާކޫ އާއި އިބްރަހިމޮވިޗް އެއްކޮށް ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައިގައި ކުޅުވަން ނިންމައިފަ އެވެ. މިރޭގެ މެޗު ފަށާނީ 8 ޖަހާއިރު އެވެ.