Roadha Mihaaru
ސައުދީ ވަލީ އަހުދަކީ ތަސައްރަފު ނުފުދޭ މީހެއް: އީރާން

ސައުދީ ވަލީ އަހުދަކީ ތަސައްރަފު ނުފުދޭ މީހެއް: އީރާން

25 ނޮވެމްބަރ 2017

ތެހެރާން (ނޮވެމްބަރު 25) - ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަކީ ތަސައްރަފު ނުފުދޭ މީހެއް ކަމަށް ބުނެ އީރާނުން ރައްދު ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ނޮވެމްބަރު 25) - ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަކީ ތަސައްރަފު ނުފުދޭ މީހެއް ކަމަށް ބުނެ އީރާނުން ރައްދު ދީފި އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަލީ އަހުދު މުހައްމަދަށް ބަހުގެ ހަމަލާދީފައި ވަނީ އީރާނުގެ ރޫހީ ލީޑަރަކީ މެދުއިރުމަތީގެ އާ ހިޓްލަރު ކަމަށް މުހައްމަދު ވިދާޅުވުމާ ގުޅިގެންނެވެ. ނިއު ޔޯކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި މުހައްމަދު ވިދާޅުވެފައި ވަނީ ޚާމަނާއީގެ ބާރުން މުޅި މެދުއިރުމައްޗަށް އީރާނުގެ ނުފޫޒު ހިންގަން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަށް އިޝާރާތް ކުރައްވާ މުހައްމަދު ވިދާޅުވެފައި ވަނީ ޔޫރަޕަށްވީ ގޮތަށް މެދުއިރުމައްޗަށް އާ ހިޓްލަރަކު ބޭނުން ނުވާ ކަމަށެވެ.

ޕްރިންސް މުހައްމަދަށް ރައްދު ދެމުން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ބަހުރާމް ގާސިމީ ވިދާޅުވީ މުހައްމަދަކީ ތަސައްރަފް ނުފުދޭ، ވިސްނުމެއް ނެތި ބަސް ވިދާޅުވާ، އަދި ހަގީގަތެއް ނެތް ބަޔާން ދެއްވާ ބޭފުޅެއް ކަމަށެވެ. މެދުއިރުމަތީގެ އެހެން ޑިކްޓޭޓަރުންނަށްވީ ގޮތާ މެދު ޕްރިންސް މުހައްމަދު ވިސްނުމަށް ވެސް އީރާނުން ވަނީ ގޮވާލައިފަ އެވެ.

އީރާނާއި ސައުދީގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ އިރު ޕްރިންސް މުހައްމަދު ފާހަގަ ކުރެވިފައި ވަނީ އީރާނަށް ވަރުގަދަ އަށް ބަހުގެ ހަމަލާ ދެއްވާ ބޭފުޅެއްގެ ގޮތުގަ އެވެ. ސައުދީގެ ވެރިރަށް ރިޔާޒަށް މި މަހު ކުރީކޮޅު ޔަމަނުގެ ހޫތިން ދިން މިސައިލް ހަމަލާގެ ތުހުމަތު ވެސް މުހައްމަދު ވަނީ އީރާނުގެ ބޮލުގައި އަޅުވައިފަ އެވެ. ޔަމަނުގެ ހޫތީންނަށް އީރާނުން އެހީވަމުންދާ ކަމަށް ސައުދީން ކުރާ ތުހުމަތު ތެހެރާނުން ދޮގު ކުރެ އެވެ.