Roadha Mihaaru
ޔުނައިޓެޑުން އާސެނަލްގެ އެފްއޭ ކަޕް ރެކޯޑާ ހަމަކޮށްފި

ޔުނައިޓެޑުން އާސެނަލްގެ އެފްއޭ ކަޕް ރެކޯޑާ ހަމަކޮށްފި

22 މެއި 2016

ލަންޑަން (މޭ 22) - އެފްއޭ ކަޕް ފައިނަލުގައި ކްރިސްޓަލް ޕެލަސްގެ މައްޗަށް 2-1 އިން ކުރިހޯދައި މެންޗެސްޓާ ޔުނައިޓެޑުން އާސެނަލް މި މުބާރާތުގައި ހަދާފައިވާ ރެކޯޑާ ހަމަކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މޭ 22) - އެފްއޭ ކަޕް ފައިނަލުގައި ކްރިސްޓަލް ޕެލަސްގެ މައްޗަށް 2-1 އިން ކުރިހޯދައި މެންޗެސްޓާ ޔުނައިޓެޑުން އާސެނަލް މި މުބާރާތުގައި ހަދާފައިވާ ރެކޯޑާ ހަމަކޮށްފި އެވެ.

އާސެނަލުން ވަނީ ފާއިތުވި ދެ އަހަރުގައި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައި 12 ވަނަ ތަށްޓާ އެކު މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފް މިދިޔަ އަހަރު ހޯދައިފަ އެވެ. އެހެން ނަމަވެސް ޔުނައިޓެޑުން ވަނީ ރޭގެ މޮޅާ އެކު އާސެނަލްގެ ރެކޯޑާ ހަމަކޮށްފަ އެވެ.

އެފްއޭ ކަޕް ފައިނަލްގެ ހާއްސަ ޕޮއިންޓްތައް:

- ވެން ހާލްގެ ކޯޗުކަމުގައި ޔުނައިޓެޑުން ހޯދި ފުރަތަމަ ތަށި

- ވޭން ރޫނީ ޔުނައިޓެޑާ އެކު ކާމިޔާބުކުރި 10 ވަނަ ތަށި، ފުރަތަމަ އެފްއޭ ކަޕް

- 2013 ވަނަ އަހަރު އެލެކްސް ފާގަސަން ޔުނައިޓެޑާ ވަކިވިފަހުން އެ ޓީމަށް ލިބުނު ފުރަތަމަ ކާމިޔާބީ.

- ވެން ހާލް އަކީ އެފްއޭ ކަޕް ކާމިޔާބު ކުރި ނެދަލެންޑްސް އަށް ނިސްބަތްވާ ތިން ވަނަ ކޯޗު. މީގެ ކުރިން ރޫޑް ހުލިޓާއި ގޫސް ހިޑިންކް ވަނީ މި މުބާރާތް ކާމިޔާބުކޮށްފައި.

ރޭގެ މެޗު ފެށިގެން ޔުނައިޓެޑުން މެޗު ކޮންޓްރޯލް ކުރަމުންދިޔަ ނަމަވެސް ކްރިސްޓަލް ޕެލަސް އިން ދިޔައީ ކައުންޓަ އެޓޭކްގައި ނުރައްކާ ކުރަމުންނެވެ. ފުރަތަމަ ހާފްގައި ދެ ޓީމަށް ވެސް މާ ރަނގަޅު ހަމަލާތަކެއް ފޮނުވާލެވިފައިނުވެ އެވެ.

މަރުއާން ފެލައިނީ އާއި އެންތަނީ މާޝިއަލް ފޮނުވާލި ހަމަލާތައް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ކްރިސްޓަލް ޕެލަސްގެ ޔަނިކް ބޮލާސީ ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ޔުނައިޓެޑް ސިއްސުވާލުމަށް ފަހު މެޗުގެ 78 ވަނަ މިނިޓްގައި ޕެލަސް އަށް ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި ޖޭސަން ޕަންޗިއޮން އެވެ.

ކްރިސްޓަލް ޕެލަސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ލިންގާޑް އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީއިމޭޖަސް

ކްރިސްޓަލް ޕެލަސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ލިންގާޑް އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީއިމޭޖަސް

ޕެލަސް އަށް ލީޑު ހިފަހައްޓައިލެވުނީ ތިން މިނިޓް ވަންދެނެވެ. މެޗުގެ 81 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީ ތަނަވަސްކޮށްދިން ފުރުސަތަކުން ޔުނައިޓެޑަށް އެއްވަރުކޮށްދިނީ ސްޕެއިނުގެ މިޑްފީލްޑަރު ހުއާން މަޓާ އެވެ.

ނުވަ ދިހަ މިނިޓްގެ ކުޅުން ނިމުނުއިރު ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފްގައި ޔުނައިޓެޑްގެ ޑިފެންޑަރު ކްރިސް ސްމޯލިން އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑު ދެއްކި އެވެ. އިތުރު ވަގުތުގެ ދެ ވަަނަ ހާފްގައި ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ޖެސީ ލިންގާޑެވެ.

"މިއީ ސަޕޯޓަރުންނަށް ދިން ހަދިޔާ އެއް"

ރޭގެ މެޗަކީ ޔުނައިޓެޑްގެ ކޯޗު ލުއީ ވެން ހާލްގެ ފަހު މެޗުކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ޔުނައިޓެޑާ ހަވާލުވާން އުޅޭ ކަމުގެ އަޑުފެތުރިފައިވީ ނަމަވެސް ރޭގެ މެޗަށް ފަހު ނޫސްވެރިން އެކަމާ ގުޅޭގޮތުން ކުރި އެއްވެސް ސުވާލަކަށް ވެން ހާލް ޖަވާބެއް ނުދިނެވެ.

ޔުނައިޓެޑްގެ ކޯޗު ލުއީ ވެން ހާލް (މ) އާއި އެ ޓީމުގެ ކޯޗިން ސްޓާފުން އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީއިމޭޖަސް

ޔުނައިޓެޑްގެ ކޯޗު ލުއީ ވެން ހާލް (މ) އާއި އެ ޓީމުގެ ކޯޗިން ސްޓާފުން އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީއިމޭޖަސް

"މިއީ މި ކްލަބަށް އަހަރެންގެ ފަރާތުން ދެވުނު ހިދުމަތެއް. ކްލަބްގެ ސަޕޯޓަރުންނަށް ދެވުނު ހަދިޔާ އެއް. ދިހަ ކުޅުންތެރިންނާ އެކު ކުރި ހިތްވަރުން ލިބުނު ކާމިޔާބެއް. އަހަރެންނަށް މިހާރުވަނީ ހަތަރު ގައުމެއްގައި ކާމިޔާބު ލިބިފައި. މިއީ ކޮންމެ ކޯޗަކަށް ލިބޭނެ ކާމިޔާބެއް ނޫން،" ވެން ހާލް ބުންޏެވެ.

ކްރިސްޓަލް ޕެލަސްގެ ކޯޗު އެލަން ޕާޑިއު ބުނީ ރެފްރީގެ ނިންމުންތަކާ މެދު ޝަަކުވާކުރަން ބޭނުން ނުވާ ކަމަށާއި ޔުނައިޓެޑަށް ލިބުނީ ހައްގު މޮޅެއް ކަމަށެވެ.