Roadha Mihaaru
ޖަޕާނުން ރާއްޖެ އަށް 9.9 މިލިއަން ޑޮލަރުގެ އެހީއެއް

ޖަޕާނުން ރާއްޖެ އަށް 9.9 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

28 ނޮވެމްބަރ 2017

ޖަޕާނުން ރާއްޖެ އަށް 9.9 މިލިއަން ޑޮލަރު (152 މިލިއަން ރުފިޔާ)ގެ އެހީއެއް އިއްޔެ ދީފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖަޕާނުން ރާއްޖެ އަށް 9.9 މިލިއަން ޑޮލަރު (152 މިލިއަން ރުފިޔާ)ގެ އެހީއެއް އިއްޔެ ދީފި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެހީގެ ގޮތުގައި ޖަޕާނުން ދީފައިވަނީ ރާއްޖެ އަށް ކުރިމަތިވެދާނެ ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ވަސީލަތްތަކެވެ.

ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެހީއާ ރާއްޖެއިން ހަވާލުވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރެވެ. ޖަޕާނުން މި އެހީ ހަވާލުކޮށްދެއްވީ އެ ގައުމުގެ ޕާލިމެންޓަރީ ވައިސް މިނިސްޓަ ފޯ ފޮރިން އެފެއާޒް އައިވާއޯ ހޯރީ އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެ އާއި ޖަޕާނާ ދެމެދު އޮތް ސިޔާސީ ގުޅުމަށް 50 އަހަރު ފުރިފައިވާއިރު، ޖަޕާނުން ވަނީ ރާއްޖެ އަށް ގިނަ އެހީތަކެއް ވެފަ އެވެ.

ރާއްޖެ ވަޑައިގެން މިހާރު އުޅުއްވާ ޖަޕާނުގެ މިނިސްޓަރު ވަނީ ރައީސް އަބްދުﷲ ޔާމީނާއި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްއާ ބައްދަލުކުރައްވައި ގިނަ މަޝްވަރާތަކެއް ކުރައްވައިފަ އެވެ.

އެގޮތުން ޖަޕާންގެ ޓޫރިސްޓުން ރާއްޖެ އަށް އަންނަ އަދަދު އިތުރު ކުރުމަށާއި އެ ގައުމުގެ ވިޔަފާރި އާއި އިންވެސްޓްމެންޓް ރާއްޖޭގައި އިތުރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރި އެވެ. އަދި ޓެރަރިޒަމް ނައްތާލުމަށް މަސައްކަތް ކުރުމަށާއި މަސްވެރިކަން ތަރައްގީ ކުރުމާއި ތިމާވެށި ރައްކާތެރި ކުރުމުގެ ދާއިރާއިންނާއި ތިމާވެއްޓަށް އަންނަ ބަދަލުތަކަށް އަހުލުވެރިކުރުމުގެ ދާއިރާ އިން މަޝްވަރާ ކުރެއްވި އެވެ.

ޖަޕާނަކީ ރާއްޖެ އަށް މާލީ ގޮތުން ވަރަށް ބޮޑަށް އެހީތެރިވަމުން އަންނަ ގައުމެކެވެ. އެގޮތުން ރާއްޖޭގައި ޑިޖިޓަލް ޓެރެސްޓީރިއަލް (ޑީޓީޓީ) ބްރޯޑްކާސްޓިން ނެޓްވޯކް ގާއިމު ކުރުމަށް ޖަޕާނުން 25 މިލިއަން ޑޮލަރު (376 މިލިއަން ރުފިޔާ) ގެ އެހީއެއް ދާދި ފަހުން ވަނީ ދީފަ އެވެ. ޖަޕާން ސަރުކާރުން ރާއްޖެ އަށް 9.3 މިލިއަން ރުފިޔާގެ ސިއްހީ ސާމާނު ވެސް މި އަހަރުގެ ތެރޭގައި ވަނީ ހަދިޔާކޮށްފަ އެވެ.