Roadha Mihaaru
ތެޔޮ ބޯޓުގައި ދިވެހި ދިދަ ނެގި މައްސަލަ ތަހުގީގުކުރަނީ

ތެޔޮ ބޯޓުގައި ދިވެހި ދިދަ ނެގި މައްސަލަ ތަހުގީގު ކުރަނީ

28 ފެބުރުއަރީ 2018

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގެ ދިދަ ޖަހާފައިވާ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނިފައިވާ ކަމަށް ޖަޕާންގެ ފޮރިން މިނިސްޓްރީން ބުނެފައިވާއިރު އެ ބޯޓުގައި ދިވެހި ދިދަ ނަގާފައިވާ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގެ ދިދަ ޖަހާފައިވާ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނިފައިވާ ކަމަށް ޖަޕާންގެ ފޮރިން މިނިސްޓްރީން ބުނެފައިވާއިރު އެ ބޯޓުގައި ދިވެހި ދިދަ ނަގާފައިވާ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ބުނެފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ ޝިން ޔުއާން 18 އާއި އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރެއް ކަމަށްވާ ޗޮން މާން ސަން ފެނުނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު، ޝަންހާއީގެ އިރުން 250 ކިލޯމީޓަރު ބޭރުން އުތުރު ޗައިނާ ކަނޑުގެ ސަރަހައްދުން ކަމަށެވެ.

ޖަޕާންގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް މި ދެ އުޅަނދު ފެނުނީ ދެ އުޅަނދު އެކަތި އަނެކަތީގައި ބަނދެލައިގެން އޮވެ، ބޮކިތައް ދިއްލައިގެން، ޝައްކު ކުރެވޭ ފަދަ މުއާމަލާތްތަކެއް ހިންގާ ފަދަ ގޮތަކަށް ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

ޖަޕާނުން މިހެން ބުނި ނަމަވެސް ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ ރާއްޖެއާ އެއްވެސް ގުޅުމެއް އޮތް ބޯޓެއް ނޫން ކަމަށް ބުނެފަ އެވެ.

މިކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީ ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިހާތަނަށް ބެލިއިރު، ދިވެހި ދިދަ ނަގައިގެން ދަތުރު ކުރަމުން ދިޔަ އެ ބޯޓަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އަދި ރާއްޖެއަށް ނިސްބަތްވާ ބޯޓެއް ވެސް ނޫން ކަމަށެވެ. އަދި ރާއްޖެއަކީ ބޭރު ގައުމުތަކުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީކޮށްދޭ ގައުމަކަށް ނުވާތީވެ، އެ އުޅަނދުގައި ދިވެހި ދިދަ ބޭނުންކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބަޔާނުގައި ބުންޏެވެ. އެހެންވެ، މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ދާ ކަމަށް ޑިފެންސް މިނިސްްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖޭގެ ދިދަ އަދި ނަން ބޭނުންކޮށްގެން މި ފަދަ މުއާމަލާތްތައް ހިންގުމުގެ ފުރުސަތުތައް ބަންދުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އުތުރު ކޮރެއާއާ ދެކޮޅަށް އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، އުތުރު ކޮރެއާގެ އުޅަނދުތަކާ އެ ގޮތަށް ކަނޑުމަތީގައި މުއާމަލާތު ކުރުމަކީ މަނާ ކަމެކެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އުތުރުކޮރެއާ ގުޅޭގޮތުން އދ. އިން ކަނޑައަޅާފައިވާ ހުރިހާ ގަރާރުތައް ތަންފީޒު ކުރުމަށް ރާއްޖޭން ވަރަށް އިސްކަންދޭ ކަމަށެވެ. އަދި ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުނާ މި ވާހަކަތައް ވަރަށް ސީރިއަސްކޮށް ރާއްޖޭން ބަލާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެ އެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުނާގޮތުން ރާއްޖޭގެ ޓޭންކަރުން އެއްޗެއް ބަރުކުރި އުތުރު ކޮރެއާގެ އުޅަނދަކީ އެމެރިކާ އިން ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދެކެވެ. އުތުރު ކޮރެއާގެ އެ އުޅަނދު ފެނުނު އިރު އޮތީ އޭގެ އަސްލު ނަން ފޮހެލައިފަ އެވެ.