Roadha Mihaaru
ތެޔޮ ބޯޓުގައި ބޭނުންކުރީ ރާއްޖޭގެ ނަންބަރެއް ނޫން

ތެޔޮ ބޯޓުގައި ބޭނުންކުރީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ނަންބަރެއް ނޫން: ސަރުކާރު

01 މާޗް 2018

މެރިޓައިމް މޯބައިލް ސާވިސް އައިޑެންޓިޓީ (އެމްއެމްއެސްއައި) އިން ރާއްޖެ އަށް ކަނޑައަޅާފައި ވަނީ 455 އިން ފެށޭ ނަމްބަރެއް ކަމަށް ވިޔަސް، އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު މަނާ މުއާމަލާތުތަކެއް ހިންގި ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުނާ ރާއްޖޭގެ ތެޔޮ ޓޭންކަރުގައި މުވާސަލާތު ކުރަން ބޭނުންކުރީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ނަންބަރެއް ނޫން ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މެރިޓައިމް މޯބައިލް ސާވިސް އައިޑެންޓިޓީ (އެމްއެމްއެސްއައި) އިން ރާއްޖެ އަށް ކަނޑައަޅާފައި ވަނީ 455 އިން ފެށޭ ނަމްބަރެއް ކަމަށް ވިޔަސް، އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު މަނާ މުއާމަލާތުތަކެއް ހިންގި ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުނާ ރާއްޖޭގެ ތެޔޮ ޓޭންކަރުގައި މުވާސަލާތު ކުރަން ބޭނުންކުރީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ނަންބަރެއް ނޫން ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

އެ ބޯޓުގައި އެމްއެމްއެސްއައި ނަންބަރުގެ ގޮތުގައި ބޭނުންކުރަނީ 455910000 އަކީ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު މުވާސަލާތު ކުރުމަށާއި އުޅަނދު ދެނެގަތުމަށްޓަކައި ބައިނަލްއަގްވާމީ ގޮތުން ބޭނުންކުރާ ނުވަ އަކުރު ހިމެނޭ ނަންބަރެކެވެ. އަދި އެ ނަންބަރުގެ ފެށޭ ތިން އަކުރަކީ ރާއްޖެ އަށް ޚާއްސަ ކޮށްފައިވާ ނަންބަރެވެ.

އެކަމަކު، ރައީސް އޮފީހުން ބުނީ މެރިޓައިމް މޯބައިލް ސާވިސް އައިޑެންޓިޓީން ރާއްޖެ އަށް ދީފައި ވަނީ 455 އިން ފެށޭ ނަމްބަރު ކަމުގައިވީ ނަމަވެސް "ޝިން ޔުއާން" ގައި ބޭނުން ކުރަމުންދާ ނަންބަރު 455910000 އަކީ އެއްވެސް އިރެއްގައި ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާކަން ރެކޯޑްތަކުން އެނގެން އޮތް ނަންބަރެއް ނޫން ކަމަށެވެ.

"ކޮމިޔުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން، ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި ބޭނުންކުރާ މި ނަންބަރު ރަޖިސްޓްރީ ކޮށްދެނީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއްކަން އެނގޭ ލިޔުންތައް އެ އޮތޯރިޓީ އަށް ހުށަހެޅުމުންނެވެ،" ރައީސް އޮފީހުން ބުނެ އެވެ.

"ޝިން ޔުއާން 18 ނަމަކަށް ކިޔާ ބޯޓަކީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއް ނޫންކަން ދިވެހި ސަރުކާރުން ޔަގީން ކޮށްދެއްވަ އެވެ."

ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި އިއްޔެ ބުނެފައި ވަނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ ޝިން ޔުއާން 18 އާއި އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރެއް ކަމަށްވާ ޗޮން މާން ސަން ފެނުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު، ޝަންހާއީގެ އިރުން 250 ކިލޯމީޓަރު ބޭރުން އުތުރު ޗައިނާ ކަނޑުގެ ސަރަހައްދުން ކަމަށެވެ. ޖަޕާންގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް މި ދެ އުޅަނދު ފެނުނީ ދެ އުޅަނދު އެކަތި އަނެކަތީގައި ބަނދެލައިގެން އޮވެ، ބޮކިތައް ދިއްލައިގެން، ޝައްކު ކުރެވޭ ފަދަ މުއާމަލާތްތަކެއް ހިންގާ ފަދަ ގޮތަކަށް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ޓްރާންސްޕޯޓް އޮތޯރިޓީ އާއި ޑިފެންސް މިނިސްޓްރީން ވެސް ބުނެފައި ވަނީ، އުތުރުކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު މަނާ މުއާމަލާތްތަކެއް ހިންގީ ރާއްޖޭގެ ތެޔޮ ޓޭންކަރަކުން ކަމަށް ވާހަކަ ފެތުރިޔަސް އެކަމުގައި ހަގީގަތެއް ނެތް ކަމަށެވެ.

ޓްރާންސްޕޯޓުން ބުނެފައިވާ ގޮތުގައި 'ޝިން ޔުއާން 18' އަކީ އެއްވެސް އިރެއްގައި ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުފަހަރެއް ނޫނެވެ.

ރާއްޖެއަކީ ބޭރު ގައުމުތަކުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓަރީ ކޮށްދޭ ގައުމަކަށް ނުވާތީވެ، އެ އުޅަނދުގައި ދިވެހި ދިދަ ބޭނުންކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ވެސް އެ މިނިސްްޓްރީން ވަނީ ބުނެފަ އެވެ.

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު މަނާ މުއާމަލާތްތަކެއް ހިންގި ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުނާ ރާއްޖޭގެ ތެޔޮ ޓޭންކަރަކީ އެމްއެންޑީއެފްގެ ކުރީގެ ކާނަލް، އަހްމަދު ޒިޔާދާ ގުޅުން އޮތް ބޯޓެއް ކަމަށް ބުނެ ތުހުމަތު ކޮށްފައިވެ އެވެ. އެކަމަކު އެ ވާހަކަ އޭނާ މިއަދު ވަނީ ދޮގުކުރައްވައިފަ އެވެ.

ޒިޔާދު "މިހާރު" އަށް ވިދާޅުވީ، އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އޭނާގެ ކުންފުންޏާ ގުޅުން އޮތް ބޯޓެއް ކަމަށް ބުނެ ވާހަކަ ފަތުރަނީ، އަގު ވައްޓާލަން ކަމަށް ވެސް ވިދާޅުވި އެވެ.