Roadha Mihaaru
ހުސްވާ މަގާމުތަކަށް ފިނޭންސްގެ ހުއްދަ ބޭނުމެއް ނުވޭ

ހުސްވާ މަގާމުތަކަށް މުވައްޒަފުން ހޯދަން ފިނޭންސްގެ ހުއްދަ ނަގަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި

29 ނޮވެމްބަރ 2017

ދައުލަތުގެ އިދާރާތަކުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ހޯދަން ފިނޭންސް މިނިސްޓްރީގެ ހުއްދަ ނަގަން ނުޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ދައުލަތުގެ އިދާރާތަކުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ހޯދަން ފިނޭންސް މިނިސްޓްރީގެ ހުއްދަ ނަގަން ނުޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ވަޒީފާ އިން ވަކިވާ މުވައްޒަފުންގެ ބަދަލުގައި މުވައްޒަފުން ނެގުމުގައި އަމަލުކުރާ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެ ސާކިއުލާގައި ބުނެފައިވާ ގޮތުން ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ސެޕްޓެމްބަރު 22، 2016ގައި އަމަލު ކުރަމުން އައި އުސޫލުގައި، މަގާމަަކަށް މުވައްޒަފަކު ހޯދުމުގެ ކުރިން އެ އިދާރާއެއް ހިންގެވުމާ ހަވާލުވެ ހުންނެވި އެންމެ އިސް ވެރިޔާގެ ހުއްދައާއެކު އެ މިނިސްޓްރީ އަށް ލިޔެ ހުއްދަ ހޯދުމަށް ފަހު ނޫނީ، އެއްވެސް މަގާމަކަށް މުވައްޒަފުން ނުނެގޭ ގޮތަށް އޮތުމުން ދައުލަތުގެ އޮފީސްތަކަށް އިދާރީ ގޮތުން ދަތިތަކަކާ ދިމާވާ ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އޮފީސްތަކުގައި ހުރި ބަޖެޓްގެ ފައިސާ ހިމަނާފައިވާ މަގާމުތަކުން މުވައްޒަފުން ވަކިވުމުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ހޯދާ ނަމަ އެ މިނިސްޓްރީގެ ހުއްދަ ހޯދަން ނުޖެހޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު އަހުމަދު މުނައްވަރު ސޮއިކުރައްވައި ނެރުނު ސާކިއުލާގައިވާ ގޮތުން އެ އުސޫލުގެ ދަށުން މުވައްޒަފުން ހޯދަން ވާނީ މި އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ވަޒީފާ އިން ވަކިވެފައިވާ މުވައްޒަފުންގެ ބަދަލުގަ އެވެ. އަދި އެ މަގާމުތަކަށް މުވައްޒަފުން ހޯދަންވާނީ އެ އިދާރާއެއްގެ އެންމެ އިސް ވެރިޔާގެ ހުއްދައާ އެކު އެ އޮފީހެއްގެ ފައިނޭންސް އެގްޒެކްޓިވްގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މީހެއްގެ ހުއްދައާއެކު ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެ އެވެ.

ފިނޭންސުން ބުނީ މުވައްޒަފަކު ނެގުމުގެ ކުރިން މުސާރަ އާއި އިނާޔަތްތައް ބަޖެޓްގެ ތެރެއިން ހަމަޖެހިފައިވާތޯ ފައިނޭންސް އެގްޒެކްޓިވް ކަށަވަރުކުރަން ވާނެ ކަމަށެވެ. އަދި ވަކިވާ މުވައްޒަފުންގެ ބަދަލުގައި މުވައްޒަފުން ނަގަންވާނީ ވަކިވި މުވައްޒަފުންގެ މަގާމަށާއި ރޭންކް އަދި ކްލެސިފިކޭޝަންގެ މަގާމަށް ކަމަށް ވެސް ސާކިއުލާގައި ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ އެ އުސޫލާ ހިލާފަށް ދައުލަތުގެ އެއްވެސް އޮފީހަކުން މުވައްޒަފުން އިތުރުކޮށްފި ނަމަ އެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ބޭނުންވާ ފައިސާ ހަމަޖައްސަންވާނީ އެ އޮފީހެއްގެ ފައިނޭންސް އެގްޒެކްޓިވް ކަމަށެވެ.