Roadha Mihaaru
ރޯދަ އިނާޔަތް 3000 އަށް ވުރެ ބޮޑު ނުކުރަން އެދެފި

ރޯދަ އިނާޔަތް 3،000ރ. އަށް ވުރެ ބޮޑުނުކުރަން ކުންފުނިތަކަށް އަންގައިފި

23 އެޕްރީލް 2019

އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ އިނާޔަތުގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ ގިނަ އިން ނުވަތަ މަދުން ނުދޭން ފިނޭންސް މިނިސްޓްރީން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިއަދު އަންގައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ އިނާޔަތުގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ ގިނަ އިން ނުވަތަ މަދުން ނުދޭން ފިނޭންސް މިނިސްޓްރީން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިއަދު އަންގައިފި އެވެ.

ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000ރ. ރޯދަމަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް ދިނުމަކީ ވަޒީފާއާ ބެހޭ ގާނޫނުން ލާޒިމް ކުރާ ކަމެކެވެ. ގާނޫނުގައިވާ ގޮތުން، ރޯދަ އިނާޔަތް ދިނުން ވަޒީފާ ދޭ ފަރާތުގެ އިހްތިޔާރީ ކަމަކަށް އޮންނަނީ ބިދޭސީ މުވައްޒަފުންނަށް ދިނުމާއި ނުދިނުމާ މެދުގައި އެކަންޏެވެ.

އެކަމަކު ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުން ގާނޫނުގައި ބުނާ އަދަދަށް ވުރެ އިތުރަށް ރޯދަ އިނާޔަތުގެ ގޮތުގައި ފައިސާ އާއި އެހެން އިނާޔަތްތައް ދެ އެވެ.

އެނގިފައިވާ ގޮތުގައި ފިނޭންސުން ވަނީ ރޯދަ މަހުގެ ތެރޭގައި އަލަށް ވަޒީފާ ދޭ މުވައްޒަފުންނަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރަން ފަށާ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ ވަރެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދޭން ވެސް އަންގައިފަ އެވެ.

ފިނޭންސް މިނިސްޓްރީން ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް އަންގާފައި ވަނީ ރޯދަ މަހުގެ އިނާޔަތަށް 3000ރ. އަށް ވުރެ މަދުން ދީފައިވާ ނަމަ، މި އަންނަ މަހުގެ މުސާރަ އިން އެ ބައި ހަމަޖެއްސުމަށެވެ.

ރޯދަ މަހުގެ ތެރޭގައި ވަޒީފާ އިން ވަކިވުމަށް ހަމަޖެހިފައިވާ މީހުންނަށް އިނާޔަތް ދޭނީ ރޯދަ މަހު އެމީހަކު މަސައްކަތް ކުރާ ދުވަހަށް ކަމަށް ވެސް، ފިނޭންސްގެ އެންގުމުގައި އޮތް ކަން "މިހާރު"އަށް އެނގިފައިވެ އެވެ.

ރޯދަ މަސް ފެށޭ އިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދޭކަށް ނުޖެހެ އެވެ.

ފިނޭންސުން އެންގި އެހެން ކަންކަމުގެ ތެރޭގައި ލީވެއްގައި ހުރި މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި ހިދުމަތަށް އެނބުރި އައިސްފި ނަމަ، އެ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ ވަރު ބަލައި އެ އަދަދަށް ފައިސާ ދިނުން ހިމެނެ އެވެ. ރޯދަ މަހުގެ ތެރޭގައި ލީވްއެއްގައި ހުރި މުވައްޒަފަކު ހިދުމަތުން ވަކިވާ ނަމަ، ވަކިވި ދުވަހާ ހަމައަށް ވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އެ މުވައްޒަފެއްގެ އަތުން ހޯދައި އެ ފައިސާ އަނބުރާ ޖަމާކުރަން ވާނެ ކަމަށް ވެސް އަންގާފައިވެ އެވެ.

ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންނަށް ރޯދަ މަހުގެ އިނާޔަތުގެ ފައިސާ ދޭން ޖެހޭނީ އެބޭފުޅަކު ދާއިމީ އެހެން ވަޒީފާއެއް އަދާކުރަމުން ނުގެންދާ ނަމަ އެވެ. އަދި ރޯދަ މަހުގެ އިނާޔަތުގެ ފައިސާ ދިނުމުގައި މިކަންކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ވެސް ފިނޭންސުން ވަނީ އަންގައިފަ އެވެ.