Roadha Mihaaru
އިންޑިއާގެ ޓަމިލް ނާޑޫ އަށް ވެސް ތޫފާނެއް އަރަނީ

އިންޑިއާގެ ޓަމިލް ނާޑޫ އަށް ވެސް ތޫފާނެއް އަރަނީ

30 ނޮވެމްބަރ 2017

މެޑްރާސް (ނޮވެމްބަރު 30) - ޓަމިލް ނާޑޫ ސަރަހައްދަށް ތޫފާނެއް އަރާތީ ސަމާލުވުމަށް އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން އިލްތިމާސްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މެޑްރާސް (ނޮވެމްބަރު 30) - ޓަމިލް ނާޑޫ ސަރަހައްދަށް ތޫފާނެއް އަރާތީ ސަމާލުވުމަށް އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން އިލްތިމާސްކޮށްފި އެވެ.

ބޭ އޮފް ބެންގާލްގައި އުފެފައިވާ ޑިޕްރެޝަން މިހާރު ތޫފާނަކަށް ބަދަލުވެ އެ ތޫފާނަށް ވަނީ އޮކީގެ ނަން ދީފަ އެވެ. ގަޑިއަކު 60 ކިލޯ މީޓަރުގެ ބާރު މިނުގައި ވައި ޖެހެމުންދާ ތޫފާން ޓަމިލް ނާޑޫގެ އިތުރުން ލަކްޝަދީޕް އަދި ކެރެލާގެ ދެކުނުގެ ހިސާބުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު އިރާނެ ކަމަށް އައިއެމްޑީން ލަފާކޮށްފައިވެ އެވެ. މީގެ އިތުރުން އާސާމް އާއި މެގަލަޔާ، ނަގަލޭންޑް، މަނިޕޫރު، މިޒޯރާމް އަދި ޓްރިޕޫރަށް ވެސް މޫސުން ގޯސްވާނެ ކަމަށް އައިއެމްޑީގެ އޮފިޝަލުން ލަފާކޮށްފައިވެ އެވެ.

ތޫފާނުގައި ވައިގަދަވެ ރާޅު ބޮޑުވާނެތީ އައްސޭރި ފަށުގެ ހިސާބުތަކަށް ނުދިއުމަށް ވަނީ އޮފިޝަލުން އިލްތިމާސްކޮށްފަ އެވެ.

ސްރީ ލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރުގަދަވެ ލަންކާ އަށް ވެސް މިހާރު ދަނީ ގަދައަށް ވިއްސާރަ ކުރަމުންނެވެ. އެ ގައުމުން މިހާތަނަށް ފަސް މީހުން މަރުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެ އަށް ވެސް ދަނީ ކުރަމުންނެވެ.